"އަހުރެން މާދަމާ ހަނގުރާމައިގެ ދިދަދޭނީ މާތް اللّـه އެބޭކަލެއްގެ އަތްޕުޅުމަތީގައި ފަތަޙަދެއްވާނެ ބޭކަލަކަށެވެ. މާތް اللّـه އާއި އެކަލާނގެ ރަސޫލާ އެބޭކަލަކު ދެކެ ލޯބިވެވޮޑިގެންވެއެވެ. އެބޭކަލަކު ވާނީ اللّـه އާއި އެކަލާނގެ ރަސޫލާ ދެކެ އެބޭކަލަކުވެސް ލޯބިވެވަޑައިގަންނަވާ ބޭކަލަކު ކަމުގައެވެ."
މިއީ، އަރަހުށި މާތް اللّـه ގެ ރަސޫލާ صلّــى اللّـه عليـه وسلّـم ޚައިބަރު ހަނގުރާމައިގެ ތެރޭގައި ޞަޙާބީންނާ މުޚާޠަބު ކުރައްވައި އެއްދުވަހަކު ވިދާޅުވި ބަސްފުޅެކެވެ. އެ ބަސްފުޅުގެ އަޑު އެއްސެވި ކޮންމެ ބޭކަލެއްގެ ހިތްޕުޅުގައި މަތިވެރި އުންމީދުތަކެއް އުފެދި އާލާވާން ފެށިއެވެ. ނޭވާފުޅު އަވަސްވާން ފެށިއެވެ. ހިތްޕުޅުގެ ވިންދު ހަލުއިވާން ފެށިއެވެ. ކިހައި އުފާވެރި ޚަބަރެއްތޯއެވެ؟ ކިހައިބޮޑު ބާއްޖަވެރި ކަމެއްތޯއެވެ؟ މާތް اللّـه ރުހިވޮޑިގެންވާކަމާއި ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ ކިހައިބޮޑު ޔަގީންކަމެއްތޯއެވެ؟ އަނެއްކާ މާދަމާއަކީ ފަތަޙައިގެ ދުވަހެވެ. ޞަޙާބީންގެ ކޮންމެ ބޭކަލެއްގެވެސް ހިތްޕުޅު ދަންނަވަމުން ގެންދިޔައެވެ. "އެ ނަސީބުވެރިޔަކީ އަހަރެން ކަމުގައި ވާނެނަމަ ކޮންފަދަ ހެއްޔެވެ؟"
ޚައިބަރު ހަނގުރާމަ ހިނގީ ހިޖުރައިން ހަތްވަނަ އަހަރުއެވެ. މުސްލިމުންނާއި ޔަހޫދީންނާ ދެމެދުގައި ހިނގި މި ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ވަރަށްބޮޑު އަހަންމިއްޔަތެއް ލިބިފައިވާ ހަނގުރާމައެކެވެ. އެ ހަނގުރާމައިގެ ސަބަބުންވަނީ ޔަހޫދީންގެ އުނަގަނޑު ބިންދައިގެން ގޮސްފައެވެ. މުސްލިމުންނާ ދެކޮޅަށް ފިތުނައިގެ އަލިފާން އެންދުމުގެ ބާރު ކެނޑިފައެވެ. ޚައިބަރު އޮންނަނީ މަދީނާއާ އަށް މަންޒިލު ދުރުގައެވެ. އެއީ ދުއިސައްތަ މޭލުގެ ދުރުމިނެވެ. (ސީރަތުއްނަބިއްޔާ، ޝިބްލީ: 1/475) ނަމަވެސް މިފަހުގެ މުއައްރިޚުން ވިދާޅުވާގޮތުގައި މަދީނާއާއި ޚައިބަރާ ދެމެދުގައި ހުންނަނީ 165 ކިލޯމީޓަރެވެ. (ޖަޒީރަތުލްޢަރަބް، މައުލާނާ މުޙައްމަދު ރާބިޢު ހުސްނީ ނަދުވީ: ޞަފްޙާ: 274) އެދުވަސްވަރު ޚައިބަރުގައި ޔަހޫދީންގެ ވަރަށްބޮޑު އާބާދީއެއް އޮތެވެ.
ކައުސާހިބާ صلّــى اللّـه عليـه وسلّـم މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހު މަދީނާއާއި މަދީނާގެ ކައިރި ހިސާބުގަނޑުގައި ދިރިއުޅުނު ޔަހޫދީންނާއެކު މުޢާހަދާއެއް ކުރެއްވިއެވެ. ދެބައިމީހުންވެސް ޞުލްޙަމަސަލަސް ކަމުގައި ދިރިއުޅުމުގެ މައްޗަށެވެ. ތާރީޚުގައި އެ މުޢާހަދާ މަޝްހޫރުވެފައިވަނީ މަދީނާގެ މީޘާޤުގެ ނަމުންނެވެ. (އަޅުގަނޑު ލިޔުނު ފޮތެއްކަމުގައިވާ "މަދީނާގެ އިސްލާމީ ދައުލަތް" މިފޮތުގައި އެ މީޘާޤުގެ ވާހަކަވަނީ ތަފުސީލުކޮށް ބަޔާންކޮށްފައެވެ.) ކައުސާހިބާ صلّــى اللّـه عليـه وسلّـم އެ މުޢާހަދާގައި ޔަހޫދީންގެ ހުރިހާ ޤަބީލާތަކަކާއި އެ ޤަބީލާތަކުގެ ގޮފިތަކެއްވެސްވަނީ ބައިވެރިކުރައްވައިފައެވެ. ކުރިންވެސް ދެންނެވި ފަދައިން އެއްބަޔަކު އަނެއްބަޔަކާއެކު އަމާންކަމާއި ޞުލްޙަވެރިކަމާއެކު ދިރިއުޅުމުގެ މައްޗަށެވެ. އެއްބަޔަކު އަނެއްބަޔަކާމެދު އެއްވެސްކަހަލަ ދެކޮޅުވެރި ޢަމަލެއް ނުހިންގުމުގެ މައްޗަށެވެ. ކެހިވެރިކަމެއް ނުގެންގުޅުމުގެ މައްޗަށެވެ. ބޭރުގެ ބާރަކުން މުޢާހަދާގެ ބައިވެރިޔަކާ ދެކޮޅަށް ޙަމަލައެއްދީފިނަމަ އެންމެން ގުޅިގެން އެ ޙަމަލައެއް ދިފާޢުކުރުމުގެ މައްޗަށެވެ. ޔަހޫދީންވަނީ ބޭރުފުށުން އެ މުޢާހަދާގައި ބައިވެރިވެފައެވެ. އެބައިމީހުންގެ މަޞްލަޙަތަށްޓަކައެވެ. އެކަމަކު ޔަހޫދީންނަށް އެބައިމީހުންގެ ޠަބީޢަތެއްކަމުގައިވާ ފިތުނަވެރިކަމާއި އެތެރެފުށުގެ ނުބައިކަމާއި އިޔަހޫދީ ގިރިޓީއާއި ނުބައިނުލަފާކަމުން އެއްކިބާވެގެން ތިބެވިދާނެތޯއެވެ؟ އަނެއްކޮޅުން މުނާފިޤުންވެސް މަދީނާގައި ވަނީ ނުބައިނުލަފާ ޝައިޠާނީ ވިއުގައެއް އުފައްދައިފައެވެ. މުނާފިޤުން ތިބީ ބޭރުފުށުން އިސްލާމްވެގެންނެވެ. ދުލުކުރީން ޝަހާދަތުގެ ދެކަލިމަފުޅު ކިޔައިގެންނެވެ. އެކަމަކު ހެނދުނެއް ހަވީރެއް ރެއެއް ދުވާލެއްނެތި އެމީހުން މަސައްކަތް ކުރަމުންދިޔައީ އިސްލާމް މުލުންކޮނެ އުފުރައި އެއްލައިލެވޭތޯއެވެ. ޔަހޫދީންނާއި މުނާފިޤުންނާ އެއްބައިވެގެން މަދީނާގެ އަމާންވެށި ކިލަނބުކޮށްލިއެވެ. އެދެބައިމީހުންކުރެ އެއްބަޔަކުވެސް މުސްލިމުންނާމެދު އިޚުލާޞްތެރިޔެއް ނޫނެވެ. އެ ދެބައިމީހުންކުރެ އެއްބަޔަކުވެސް މުސްލިމުންނަކަށް ހެވެއް ނޭދެއެވެ. ކޮންމެ ދުވަހަކީވެސް ޔަހޫދީންނާއި މުނާފިޤުން އާފިތުނައެއް އުފަންކުރުވާ ދުވަހެކެވެ. އަނެއްކޮޅުން މުސްލިމުންގެ ޙަޤީޤީ ދުޝްމިނުން ކަމުގައިވާ މައްކާގެ މުޝްރިކުންނާވެސް އެދެބައިމީހުން ތިބީ ގުޅައިލައިފައެވެ. މުސްލިމުންނާ ދެކޮޅަށް ހަނގުރާމަވެރި ހަރަކާތްތައް ހިންގުމުގެ މައްޗަށް މުޝްރިކުންނަށް ހިތްވަރުދެމުން ގެންދެއެވެ.
ކައުސާހިބާ صلّــى اللّـه عليـه وسلّـم ޔަހޫދީންނަށް ވިސްނައިދެއްވިއެވެ. ނަސޭހަތް ދެއްވިއެވެ. މުޢާހަދާއަށް ޙުރުމަތްތެރިކޮށް ހިތުމަށާއި ވެފައިވާ ޢަހުދަށް ވަފާތެރިވާން ހަނދާންކޮށް ދެއްވިއެވެ. ނަމަވެސް ޔަހޫދީންގެ ފިތުނަވެރިކަމާއި ހަސަދަވެރިކަމަކަށް ބަދަލެއް ނާދެއެވެ. އެންމެފަހުން މުސްލިމުންނަށް މަޖުބޫރުވީ ޔަހޫދީންގެ ނިމުމެއްނެތް ފިތުނައިން މަދީނާގެ ޖައްވު ސާފުކޮށްލުމަށެވެ. އެގޮތުން ހިޖުރައިން ދެވަނަ އަހަރު ޔަހޫދީންގެ ބަނޫޤައިނުޤާޢުވަންހައިގެ މީހުން މަދީނާއިން ބޭރުކޮށްލެވުނެވެ. ހިޖުރައިން ހަތަރުވަނަ އަހަރު ބަނުއްނަޟީރުވަންހައިގެ ޔަހޫދީންވެސް އަރުވައިލެވިއްޖެއެވެ. ނަޟީރުވަންހައިގެ އެއްބަޔަކު ދިޔައީ ޝާމްކަރަޔަށެވެ. އަނެއްބަޔަކު ގޮސްފޭބީ ޚައިބަރަށެވެ. މަދީނާގައި ބާކީތިބީ ޤުރައިޟަތުވަންހައިގެ ޔަހޫދީން އެކަންޏެވެ. އެބައިމީހުންވެސް އެބައިމީހުންގެ އިޔަހޫދީ ހަރަކާތްތަކަކަށް ހުއްޓުމެއް ނުގެނެއެވެ. މުސްލިމުންނާމެދު ޢަރަބި ޤަބީލާތަކުގައި ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފައްދަމުން ގެންދިޔައެވެ. އެގޮތުން ޔަހޫދީންގެ ރޭވުމާ ގުޅިގެން މައްކާގެ މުޝްރިކުންނާއި އަދި އެނޫންވެސް އެތައް ޢަރަބި ޤަބީލާތަކެއް އެއްބައިވެގެން މަދީނާއާ ޙަމަލަދިނެވެ. ތާރީޚުގައި އެހަނގުރާމަ މަޝްހޫރުވެފައިވަނީ އަޙުޒާބު ހަނގުރާމައިގެ ނަމުންނެވެ. ދުޝްމިނުންގެ މަޤުޞަދަކީ މުސްލިމުން ވުޖޫދުން ފޮހެލުމެވެ. އިސްލާމީ ދައުލަތް ސުންނާފަތި ކޮށްލުމެވެ. އެ ނުސިޔާނު ވަގުތުގައި ޤުރައިޟަތުވަންހައިގެ މީހުން އެބައިމީހުންގެ ޢަހުދު އުވައިލައި މުޝްރިކުންނާ ބައިވެރިވެއްޖެއެވެ. އެއީ ހަނގުރާމައެއްގެ ތެރޭގައި ނުހަނު ނާޒުކު ވަގުތެއްގައި މުސްލިމުންގެ ފުރަގަހުން ބުރަކައްޓަށް ޚަންޖަރެއް ގޯޅައިލުމެވެ. އެހެންކަމުން ކައުސާހިބާ صلّــى اللّـه عليـه وسلّـم އަޙުޒާބު ހަނގުރާމައިން ނިމިވަޑައިގެންނެވުމާއެކު ވަޑައިގެންނެވީ ޤުރައިޟަތުވަންހައިގެ މީހުންނާ ހަނގުރާމަޔަށެވެ. މާތް اللّـه ގެ ވަޙީބަސްފުޅާ ގުޅިގެންނެވެ. ޢަހުދު އުވައިލައި ޣަދަރުވެރިވާ މީހުންނާމެދު ތައުރާތުގައިވާ ގޮތުގެމަތީން ޤުރައިޟަތުވަންހައިގެ މީހުންގެ މައްޗަށް ޙުކުމް ހިންގައިލެއްވިއެވެ. ޙުކުމް ކަނޑައެޅުއްވި ޘާލިޘަކީ ޚުދު އެބައިމީހުން ޢައްޔަންކުރެއްވި ބޭކަލެކެވެ.
ޔަހޫދީންގެ ފިތުނައިން މަދީނާ ސަލާމަތްވުމަށްފަހު ޢަރަބިކަރައިގައި ޔަހޫދީންގެ އާރާއި ބާރުގެ މަރުކަޒަކަށްވީ ޚައިބަރެވެ. ކުރީންވެސް ދެންނެވި ފަދައިން މަދީނާއިން ބޭރުކުރެއްވެވި ޔަހޫދީންގެ ތެރެއިން ބަނިއްނަޟީރުވަންހައިގެ ބޮޑުންގޮސް ވަޒަންވެރިވީ ޚައިބަރުގައެވެ. އެބައިމީހުން ޙަޔާތުގެ އަމާޒެއްކަމުގައި ހަދައިފައިވަނީ މުސްލިމުންގެ ކިބައިން ބަދަލުހިފުމެވެ. އެބައިމީހުން ގެންދިޔައީ ޚައިބަރުގެ ކައިރި ހިސާބުގަނޑުގައި ދިރިއުޅުނު ޢަރަބި ޤަބީލާތަކަށް ދަތުރުކޮށް މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހިތްވަރު ދެމުންނެވެ. އެމީހުން މަސައްކަތްކުރަމުން ގެންދިޔައީ މަދީނާއާ ދެކޮޅަށް ވަރަށްބޮޑު ލަޝްކަރެއް ތައްޔާރު ކުރެވޭތޯއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް އެޚަބަރުތައް ބަރާބަރަށް ލިބިވަޑައިގަންނަވަމުން ދިޔައެވެ. ކައުސާހިބާ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ ހަނގުރާމަޔަކާ ހަމަޔަށްދިޔަ ނުދެއްވައި މައްސަލަ ހަމަޔަކަށް އެޅުއްވެވޭތޯއެވެ. ޚައިބަރުގެ ޔަހޫދީންނާއެކު ޞުލްޙައިގެ މުޢާހަދާއެއް ކުރެއްވޭތޯ އެތައްފަހަރަކު މަސައްކަތްޕުޅު ކުރެއްވިއެވެ. އެކަމަކު ޚައިބަރުގެ ޔަހޫދީން ތިބީ އެބައިމީހުންގެ ޢަސްކަރީ ބާރާމެދު ވަރަށްބޮޑު ޔަގީންކަމެއްގައެވެ. ދިފާޢީގޮތުން ޚައިބަރުގެ ރައްކާތެރިކަމާއި ވަރުގަދަކަމާމެދު ނުހަނު ބޮޑަށް ފަޚުރުވެރިވެފައެވެ. އެމީހުން ގެންދިޔައީ ފާޅުގައި އެމީހުންގެ ހަނގުރާމައިގެ ތައްޔާރީތައް ވަރުގަދަ ކުރަމުންނެވެ. ނަތީޖާއަކީ ޚައިބަރާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅެއް ނާޅުއްވައި ފަރުޖެއްސެވެން ނެތްކަން ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް ގަބޫލު ކުރެއްވެވުމެވެ.
އިސްލާމީ ލަޝްކަރު ޚައިބަރާ ދިމާޔަށް ދަތުރުފެށީ ހިޖުރައިން ހަތްވަނަ އަހަރުގެ މުޙައްރަމް މަހުގައެވެ. ލަޝްކަރުގެ ޢަދަދަކީ ސޯޅަސަތޭކައެވެ. އެކަމަކު އެ ލަޝްކަރުގައި ބައިވެރިކުރެއްވީ ބައިޢަތުއްރިޟުވާނުގައި ބައިވެރިވެވަޑައިގެންނެވި އަޖުމަ ބެއްލެވިފައިވާ ޞަޙާބީންނެވެ. އެބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ސަވާރުންގެ ދުއިސައްތަ ބޭކަލުންނާއި ފައިމަތީގައި ހަނގުރާމަކުރައްވާ ސާދަސަތޭކަ މުޖާހިދުންނެވެ.
ޚައިބަރުގައި ގަދަފަދަ ތިން ކޯއްޓެއެއް ހުއްޓެވެ. ކޮންމެ ކޯއްޓެއެއްގައި އެތައް ކިއްލާތަކެއްވެއެވެ. ގާތްގަނޑަކަށް ވިހިހާސް ހަނގުރާމަވެރީން ތިއްބެވެ. ހައްތާވެސް ތަމްރީނުވެފައިތިބި ހަނގުރާމަވެރީންނެވެ. މުސްލިމުން އެންމެފުރަތަމަ ޙަމަލަދިނީ ނާޢިމެވެ ކިޔުނު ކިއްލާއަށެވެ.
މުސްލިމުން އެއްކިއްލާއަކަށްފަހު އަނެއް ކިއްލާއެއް ފަތަޙަކުރަމުން ގެންގޮސް ޤަމޫޞެވެ ކިޔުނު ކިއްލާއާ ޖެހުމުން ހަނގުރާމަ ދިގުލާގޮތް ވެއްޖެއެވެ. އެކިއްލާއަކީ ޚައިބަރުގައިހުރި އެންމެބޮޑު އަދި އެންމެ ވަރުގަދަ ކިއްލާއެވެ. އެކިއްލާގެ ވެރިޔަކީ މުރްޙިބެވެ. ކިޔުނު ފަހުލަވާނެކެވެ. އޭނާއަކީ އޭނާގެ ބާރުގަދަކަމަށާއި ހެވިކަމަށް ކުޅަދާނަކަމަށް ޢަރަބީންގެ ތެރޭގައި މަޝްހޫރު ހެއްވެކެވެ. މުސްލިމުން އެކިއްލާގެ ޙިޞާރުގައި ވިހިދުވަހު ތިބެންޖެހުނެވެ. މުސްލިމުން ކޮންމެދުވަހަކުވެސް އެކިއްލާއަށް ޙަމަލަދެއެވެ. ޞަޙާބީންގެ ކުރިޔަށް ތިއްބެވި ބޭކަލުންގެ ތެރެއިން ކޮންމެވެސް ބޭކަލެއްގެ ވެރިކަމުގައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް މުސްލިމުންނަށް ޖެހެނީ ހަވީރުވެ އިރުއޮއްސޭން ކައިރިވުމުން ވަރުބަލިކަމާއެކު އެނބުރި އަންނާށެވެ. (އިބްނު ހިޝާމު، އިބްނު ކަޘީރު) ކިއްލާ ފަތަޙަކުރުމުގައި ކާމިޔާބެއް ނުލިބެއެވެ. މުސްލިމުންނަށް ޖާނީ ގެއްލުންތަކެއްވެސް ލިބިއްޖެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم މިޙާލަތާ ކުރިމަތިވުމުން ޞަޙާބީންނަށް ހިތްވަރުދެއްވައި ޖޯޝު އުފެއްދެވުމަށްޓަކައި އެއްދުވަހަކު ޙަދީޘު ކުރެއްވިއެވެ.
لَاُعْـطِـيَـنَّ هَـذِهِ الــرَّايَــةَ غَــداً رَجُــلاً يَـفُـتَـحُ اللّـه عَلـَـى يَــدَ يْـــهِ يُـحِـبُّ اللّـه وَرَسُــولَــهُ وَ يُـحِـبُّــهُ اللّـه َرَسُــولَــهُ (ބުޚާރީ، މުސްލިމު)
ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ މި ޞަރީޙަ ނިމުތުގެ ސަބަބުން ޞަޙާބީންކުރެ ކޮންމެ ބޭކަލެއްގެވެސް ލޭފޮދުވަނީ އިންތިހާޔަށް ހޫނުވެފައެވެ. ހިތްވަރުފުޅާއި ޖޯޝުވަނީ ސައްތަޔަށް އަރައިފައެވެ. ކޮންމެ ބޭކަލަކުވެސް ނުހަނު ކެތްތެރިކަމެއް ނެތްގޮތުގައި އިންތިޒާރު ކުރައްވަމުން ގެންދެވީ އެބާއްޖަވެރިކަމާއި ޝަރަފު އެބޭކަލަކު ހޯއްދެވުމަށެވެ. އެބޭކަލުންނަށްވަނީ މާތް اللّـه ގެ ވާގިފުޅާއެކު މާދަމާ ކިއްލާ ފަތަޙަވާނެކަމުގެ ކަށަވަރުކަން ލިބިވަޑައިގެންފައެވެ. އެހެނީ މާތް اللّـه ގެ ރަސޫލާ صلّــى اللّـه عليـه وسلّـم ދެއްވައިފި ނިމުތަކީ އެއާމެދު ކުޑަވެސް ތޯތޯކަމެއް އޮންނާނެ އެއްޗެއް ނޫނެވެ. ޞަޙާބީންގެ ހިތްޕުޅުތަކަށް އެދުވަހު ވެރިވެފައިވާ އަސަރުތައް އެނގިހާމަވާ އެއްބަސްފުޅަކީ بــريــدة رضى اللّـه عـنــه ގެ އަރިހުން އައިސްފައިވާ ރިވާޔަތެކެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.
"އަހަރެމެން އެރޭ ފަތިސްކުރީ ހިތްހަމަޖެހުމާ އެކުގައެވެ. މާދަމާ ފަތަޙަ ލިބޭނެކަން އެނގޭތީއެވެ. އަހަރެމެންގެ ތެރެއިން رسـول اللّـه صلّــى اللّـه عليـه وسلّـم އާ އެއްވެސްވަރަކަށް އަރިސްވުމުގެ ނަސީބު ލިބިފައިވާ ކޮންމެ މީހަކުވެސް ހީކޮށްގެންހުރީ އެމާތް ސާހިބުގެ ނިމުތު ސީދާވާނީ އެމީހަކާ ކަމުގައެވެ." (ސީރަތު އިބްނު ކަޘީރު: 3/354)
سهـل بــن سعــد رضى اللّـه عنــه ވެސް ހަމަ މިމޭރުމުން ހަމަ މި ޝުޢޫރު ފާޅުކުރައްވައިފައިވެއެވެ.
"މީސްތަކުން ރޭގަނޑު ވޭތިކުރީ ވަރަށްބޮޑު ފިކުރެއްގައެވެ. ނުތަނަވަސްކަމެއްގައެވެ. މާދަމާގެ ދިދަ ލިބޭނީ ކާކަށްކަން ނޭނގޭތީއެވެ. ހެނދުނު ފަތިހާ އެންމެންވެސް رسـول اللّـه صلّــى اللّـه عليـه وسلّـم ގެ އަރިހަށް ހާޒިރުވާން ފަށައިފިއެވެ. ކޮންމެ މީހަކުވެސް އުންމީދު ކޮށްގެންހުރީ އެމީހަކަށް ދިދަ ދެއްވާނެ ކަމުގައެވެ. (ބުޚާރީ، މުސްނަދު އަޙްމަދު)
ޝައްކެއްނެތެވެ. ކުރިމަތީގައިވަނީ ވަރަށްބޮޑު ބާއްޖަވެރިކަމެކެވެ. އިންތިހާދަރަޖައިގެ ބޮޑު ޝަރަފެކެވެ. އެހެންކަމުން މާތް ޞަޙާބީން އެބޭކަލުންގެ މަތިވެރި މަގާމަށް ހުތުރު ނުވާގޮތަށް އެކަމަށްޓަކައި މަސައްކަތްޕުޅުވެސް ކުރެއްވިއެވެ. ބައެއް ރިވާޔަތްތަކުން އެކަން އެނގޭން އެބަހުއްޓެވެ.
ޞަޙާބީންގެ ތެރޭގައި عـمــر بــن الخطّــاب رضى اللّـه عنــه ގެ މަގާމަކީ އިތުރު ތަޢާރުފަކަށް ބޭނުންކަމެއް ނޫނެވެ. عـمــر ގެފާނަށްވަނީ އެތައްގޮތަކުން ކައުސާހިބާ صلّــى اللّـه عليـه وسلّـم އާ އަރިސްވެވަޑައިގެންނެވުމުގެ ނަސީބުފުޅު ލިބިވަޑައިގެންފައެވެ. އެކަލޭގެފާނަށްވެސް އެކަލޭގެފާނުގެ ހިތްޕުޅުގައި އެކަމަށްއޮތް އެދުންފުޅު ވަންހަނާއެއް ނުކުރެއްވުނެވެ. عـمــر ގެފާނު ވިދާޅުވެފައިވެއެވެ.
"އެދުވަހު މެނުވީ ދުވަހަކުވެސް އަހަރެންގެ ހިތުގައި މަގާމެއް ލިބުމުގެ ދަހިވެތިކަމެއް ނުއުފެދެއެވެ. (އެދުވަހުގެ އެއްވުމުގައި) އަހަރެން މަތިހަށިނަގައި ކަރުދަމަދަމައިފައި އަހަރެންގެ ނަފުސު ދެއްކޭތޯ މަސައްކަތް ކުރީމެވެ. އަހަރެންގެ ނަން ގޮވައިލެވުން އެދިގެންނެވެ." (ޞަޙީޙު މުސްލިމު)
(ނުނިމޭ(
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު