މާފުށީ ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ފޯނުތަކަކާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
މި މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނާއި ކަރެކްޝަން އޮފިސަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގަ އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި މާފުށީ ޕޮލިސް ސްޓޭޝަނުގެ އިތުރުން ކަރެކްޝަންސް އާ ގުޅިގެން ކަމަށެވެ.
ރަބަރު ކޮތަޅުތަކެއްގައި ބަންދުކޮށްގެން މާފުށީ ޖަލަށް އެއްޗެހި ވައްދަން އުޅުނު މީހާ ހައްޔަރުކޮށްފައިވަނީ މާފުށީ ގޮނޑުދޮށުން ކަމަށް ސިޕީ ވިދާޅުވި އެވެ.
ހައްޔަރުކުރި މީހާ ރޭ މާފުއްޓަށް ގޮސްފައިވަނީ ލޯންޗެއްގައި ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވަނީ ވިދާޅުވެފަ އެވެ.
ހައްޔަރުކުރި މީހާގެ އަތުން ފެނުނު ތަކެތީގެ ތެރޭގައި 92 ފޯނު ހިމެނެ އެވެ. އޭގެ ތެރޭގައި 50 ސްމާޓް ފޯނުގެ އިތުރުން އާދައިގެ 42 ފޯނު ހިމެނެ އެވެ.
ފޯނުގެ އިތުރުން ދެން ހުރީ 77 ޔޫއެސްބީ ކޭބަލްގެ އިތުރުން 65 ހެޑްސެޓާއި 49 ދިރާގު ސިމާއި 12 އުރީދޫ ސިމެވެ. އަދި ދެ ބޮނޑި ކަޓަރު ތިލައާއި 10 މިޝްވާކް ދަނޑިކޮޅު ހިމެނޭ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
މިއަދު އަތުލައިގަތް ތަކެއްޗަކީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެއް ފަހަރާ އެންމެ ގިނަ އަދަދަކަށް ޖަލަށް ވައްދަން އުޅުނު މަނާތަކެތި ކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު