ކުރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ ސުލޫކީ މައްސަލަ ބެލުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޖޭއެސްސީން ބުނެފިއެވެ.

ޖޭއެސްސީން އެހެން ބުނެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ފަސް އަހަރުގެ ޖަލު ހުކުމާއި ގުޅޭ ގޮތުން ގާޒީ ފާއިޒް ކަމަށް ބެލެވޭ މީހަކު ދައްކާފައިވާ ވާހަކަތަކެއް ލީކުވެފައި ވަނިކޮށެވެ.

ލީކު ކޮށްލާފައިވާ އޯޑިއޯގައި ގާޒީ ފާއިޒު ކަމަށް ބުނާ މީހާއާ، އޭނާގެ ރަހުމަތްތެރިއެކު ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނެފައި ވަނީ ރައީސް ޔާމީނަށް ހުކުމްކޮށްފައި ވަނީ ގާޒީން ރަހީނުކޮށްގެން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލު ދިނުމަށް އެދުމުން ދެވެން ނެތް ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ޖޭއެސްސީގެ ރައީސް ހިސާން ހުސައިން މިއަދު 'ވަން' އަށް ވިދާޅުވީ، ގާޒީ ފާއިޒުގެ މައްސަލަ ބެލުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށާއި އެކަމުގެ މަޝްވަރާތައް މިހާރުވެސް ކޮމިޝަނުގައި ކުރަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ބަޔާނެއް ނެރުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ. މަނީ ލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ވެސް ވަނީ ދަމަހައްޓައިފައެވެ.

ރައީސް ޔާމީންގެ މައްސަލަ ކުރިމިނަލް ކޯޓުން ބެއްލެވި އިރު ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސައިނާއި ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.