އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ރޭ ޒަހަމުކޮށްލި މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ޒަހަމުތައް އެބަހުރި ކަމަށާއި އެންމެ ފުންކޮށް ހުރީ އަތުގައި ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
"ވަން" އާ މިއަދު ވާހަކަ ދައްކަވަމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ޞާފީ މުހައްމަދު ވިދާޅުވީ، ތޫނު އެއްޗަކުން ރޭ ހަމަލާދީ ޒަަހަމުކޮށްލައިގެން ގެންދިޔަ މީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ޒަހަމު ލިބިފައިވާ ކަމަށެވެ. އެންމެ ފުން ޒަހަމެއް ހުރީ އަތުގައި ކަމަށެވެ. ނަމަވެސް ރޭ ގާތްގަނޑަކަށް 22:00 ހާއިރު ހެދި ސާޖަރީއަށްފަހުގައި މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ހިތަދޫ ރައްޔިތަކު ނަން ހާމަ ނުކުރުމަށް އެދި "ވަން" އަށް ބުނީ، އެކަން ހިނގާފައި ވަނީ ރޭ އެސްބީއައި ބޭންކް ގައި ކުލަ ލުމުގެ މަސައްކަތް ކުރިއަށް ދިޔަ ވަގުތުގައި ކަމަށެވެ. އެގޮތުން އެއީ އެތަނުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމަށް އަޑު މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މައުލުމާތު ދެއްވަމުން މިއަދު ވިދާޅުވީ، 42 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާ ހިނގައިގެން ފުލުހުންނަށް ރޭ 19:30ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި، ރޭގެ ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އަދި މައްސަަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު