ކޮވިޑް ޖެހިގެން ގދ. ތިނަދޫން މީހަކު މަރުވެއްޖެއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން މިރޭ ބުނީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 90 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު އިރުއޮއްސި 6:30 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑް ބަލީގައި ތިނަދޫން މަރުވި ތިން ވަނަ މީހާއެވެ. މީގެ ކުރިން ކޮވިޑް ބަލީގައި ތިނަދޫން މަރުވީ އުމުރުން 88 އަހަރުގެ ފިރިހެނަކާއި 79 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންވެސް މަރުވެފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
މިއަދުގެ މަރާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 226 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 209 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު