އދ. މަހިބަދޫގެ ކެފޭއެއްގައި މަސައްކަތް ކުރާ ކުޑަކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މަހިބަދޫ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ބުންޔާމީން ހަސަން "ވަން" އަށް މިއަދު ވިދާޅުވީ އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އެ ރަށު ކެފޭއެއްގެ ވެއިޓަރަކަށް މަސައްކަތް ކުރާ 16 އަހަރުގެ ކުއްޖެއް ކަމަށެވެ.
ބުންޔާމީން ވިދާޅުވީ އެ ކުއްޖާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ ބަލީގެ އަލާމާތް ހުރެގެން އެ ރަށު ފުލޫ ކުލިނިކަށް ދެއްކުމުން ކޮވިޑަށް ޓެސްޓު ކުރުމުން ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުވެފައިވާ އިތުރު ދެ މީހަކުވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިހާތަނަށް އެ ރަށުން ޖުމުލަ ތިން މީހަކު ޕޮޒިޓިވް ވެފައިވާ އިރު، ބުންޔާމީން ވިދާޅުވީ އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ގޮތަށް ހުރިހާ ރައްޔިތުންވެސް އަމަލުތައް ބެހެއްޓުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މާލެ ފިޔަވައި ރާއްޖޭގެ 17 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު، އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތީ ރ. ދުވާފަރެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މޭ މަހުގެ 25 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އައި ނަމަވެސް، މާލެއަށް ވުރެ ގިނައިން އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މި ބަލީގެ ނުރައްކާތެރިކަން އަދިވެސް ކުޑަ ނޫން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
ބަލީގައި މިހާތަނަށް ރާއްޖެއިން 225 މީހަކު ވަނީ މަރުވެފައެވެ. ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކުރުމަށް ކެނޑިނޭޅި ސިއްހީ މާހިރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު