ހިޔާ ފުލެޓްތަކުގެ ފެނުގެ މަސައްކަތެއް ކުރުމަށް ފެނުގެ ހިދުމަތް ކަނޑާލަން ހަމަޖައްސާފައިވާތީ ފުލެޓް އެއްބަސްވުމުގައި ސޮއިކުރުން މާދަމާ ނޯންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށެވެ. އަދި ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން މާދަމާ ކުރިއަށް ނުގެންދިޔަ ނަމަވެސް އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް މައުލޫމާތު ފޯމު ފުރައި ދިނުމުގައި އެހީތެރިވުމާއި ފޯމު ބަލައި ގަތުން މާދަމާ ކުރިއަށްދާނެ ކަމަށް ބުންޏެވެ.

އެކަން ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ހުރަވީ ސުކޫލުގެ ހޯލުގައެވެ.

މެދުކެނޑުމަކަށް ފަހު ހިޔާ ފުލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން އަލުން ފަށާފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ.