(23 އޯގަސްޓުގެ އަދަދާ ގުޅޭ)

މިމާތް އާޔަތުގައި އަރަހުށި މާތް اللّـه ވަނީ ޖިހާދު ކުރެއްވުމުގެ ހުރިހައި މަސްއޫލިއްޔަތެއް ކައުސާހިބާ صلّــى اللّـه عليـه وسلّـم އާ ޙަވާލުކުރައްވައިފައެވެ. ނަބީކަމާއި ރަސޫލުކަމުގެ އިތުރަށް ކޮމާންޑަރ އިން ޗީފުކަމުގެ މަގާމަށްވެސް އިތުރު ސާހިބާ ޢައްޔަންކުރެއްވި ކަހަލައެވެ. މާތް اللّـه ގެ ރަސޫލާ صلّــى اللّـه عليـه وسلّـم ކޮމާންޑަރ އިން ޗީފުގެ މަސްއޫލިއްޔަތު އެކަލޭގެފާނާ ހަވާލުކުރެވުމުން އެ މަސްއޫލިއްޔަތުވެސް ނުހަނު ފުރިހަމަޔަށް އަދާކުރެއްވިއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަކީ ޢަސްކަރީ އެއްވެސް މަދަރުސާއަކުން ދަސްވެނިވެވަޑައިގެން ހުންނެވި ބޭކަލެއް ނޫނެވެ. ޖާހިލިއްޔަތުގައިވެސް އެމާތް ސާހިބާ ހަނގުރާމައާއި ތަޅައިފޮޅުމުގައި ބައިވެރިވެވަޑައިގެން ތަޖުރިބާ ހޯއްދަވައިފައެއް ނުވެއެވެ. ނަމަވެސް އެމާތް ސާހިބާ އެކަލޭގެފާނުގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާ ފުރިހަމަޔަށް އިޙުސާސުކުރެއްވިއެވެ. އަރަހުށި މާތް اللّـه އެމާތް ސާހިބާއަށް ދެއްވައިފައިވާ ތޫނު ވިސްނުންފުޅާއި، މަތިވެރި ތަރުބިޔަތުގެ ސަބަބުން އެމާތް ސާހިބާ މުސްލިމުންގެ ދިފާޢީ ނިޒާމު ރާއްވަވައިލެއްވީ އަންތަރީސްވާހައި މޮޅަށެވެ. އެންމެމަތީ ދަރަޖައިގެ ޢަސްކަރީ ޖަނަރަލުންނަށްވެސް ވިސްނުންފުޅު ނުފޯރުއްވެވޭހައި ފުރިހަމަކޮށެވެ. އެންމެ އަރައިތިއްބެވި ޢަސްކަރީ މާހިރުން އެކަމާ ހައިރާންފުޅުވެވަޑައިގެން ހަހުރަކުރައްވަން ޖެހިވަޑައިގެންނެވި ފެންވަރަކަށެވެ.

ނަބަވީ ދައުރުގެ ހަނގުރާމަތަކަކީ އިންސާނީ ތާރީޚުގައި ޚާއްޞަގޮތެއްގައި ފާހަގަކުރެވޭ ހަނގުރާމަތަކެކެވެ. އެޒަމާނުގައި މުސްލިމުން ޢާއްމުގޮތެއްގައި ބައްދަލުކޮށްފައިވަނީ މުސްލިމުންނަށްވުރެ ދެގުނަ ތިންގުނަ އަދަދު ގިނަ ލަޝްކަރުތަކާއެވެ. ބައެއްފަހަރަށް މުސްލިމުންނަށްވުރެ ދިހަގުނަ އަދަދު ގިނަ ލަޝްކަރާވެސް ބައްދަލުކުރެއްވިއެވެ. އެކަމަކު ގާތްގަނޑަކަށް ކޮންމެ ހަނގުރާމައަކުންވެސް ފަތަޙަ ހޯއްދެވިއެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم މަދީނާގައި ބިނާކުރެއްވި އިސްލާމީ ދައުލަތަކީ މަދު އަވަށްތަކެއްގެ މައްޗަށް ބިނާވެފައިއޮތް މަދަނީ ދައުލަތެކެވެ. އެ ދައުލަތުގެ ސަރަޙައްދަކީ ގާތްގަނޑަކަށް 274 އަކަމޭލުގެ އެވްރެޖު އަދަދެކެވެ. ނަމަވެސް އޭގެ ދިހައަހަރުފަހުން އެމާތް ސާހިބާ ސުވަރުގެ ވަޑައިގެންނެވިއިރު އެވެރިކަންވަނީ ދިހަލައްކަ އަކަމޭލަށްވުރެ ފުޅާވެފައެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އެމަތިވެރި ފަތަޙަ ހޯއްދެވީ ލޭއޮހޮރުވުމެއްނެތް ޢަސްކަރީ ހަރަކާތްތަކަކުންނެވެ.

މަދީނާގެ ރިޔާސަތުގެ އެންމެފުރަތަމަ ދިހައަހަރު ހިނގި ހަނގުރާމަތަކުގައި ޤަތުލުވި މީހުންގެ އަދަދަށް ހަމައެކަނި ވިސްނައިލުމުންވެސް އެއީ ކޮންކަހަލަ ހަނގުރާމަތަކެއްކަން އޮޅުމެއްނެތި އެނގެއެވެ. އެ އަދަދުތަކުން ފާޅުވެ އެނގޭގޮތުގައިވެސް، އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ބޭނުންފުޅުކުރެއްވީ "ވީހާވެސް ކުޑަކޮށް ލޭއޮހޮރުއްވުމުގެ" އުސޫލެވެ. އިތުރު ސާހިބާ ކިރިޔަކިރިޔާ ނަމެއްގައި ޖާނީ ނުޤްޞާންތައް ދުއްވައިގެން ދިހަލައްކަ އަކަމޭލަށްވުރެ ބޮޑު ދައުލަތެއް ބިނާކުރެއްވިއެވެ. އެކަލޭގެފާނު ގެންނެވި އިންޤިލާބު ފުރިހަމަކުރެއްވުމުގައި މުޅިއެކު ޤަތުލުވީ 1014 މީހުންނެވެ. އެއީ މުސްލިމުންގެ ތެރެއިން ޝަހީދުވީ 255 މީހުންނާއި، މުޝްރިކުންގެ ތެރެއިން ޤަތުލުވި 759 މީހުންގެ ޖުމުލައެވެ. އެތަކެއްލައްކަ ޢަރަބީންނަށް ފަލާޙުގެ މަގުދެއްކެވުމަށްޓަކައި ޤަތުލުވި މީހުންގެ އަދަދަކީ މިއީއެވެ. އިސްލާމީ ތާރީޚުގެ ހަނގުރާމަތަކާމެދު އިޢުތިރާޟުކުރާ ފަރާތްތަކުން މިއަދަދުތަކާ ޚުދު އެބައިމީހުންގެ ތާރީޚާ އަޅައިބަލައިލައިފިނަމަ ދީން ފެތުރުމަށްޓަކައި ކަނޑީގެ ބޭނުންކުރި ބަޔަކު ރީތިކޮށް އޮޅުންފިލާނެކަން ކަށަވަރެވެ. ޔަހޫދީންނާއި ކްރިސްޓިއަނުން ޢަމަލުކުރިގޮތަށް މުސްލިމުން ޢަމަލުކުރިނަމަ، އިސްލާމީ ތާރީޚުގެ ކުރީކޮޅުގެ މުހިންމު ކޮންމެ ހަނގުރާމައެއްގައިވެސް މީގެ އެތައްގުނައެއް އިތުރަށް މީހުން ޤަތުލުވެފައިވާތީ ފެނުނީހެވެ.

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ފާތިޙަކަށް ވެވަޑައިގެންނެވުމުގެ އެދުންފުޅުގައި ތެދުވެވަޑައިގެންނެވިނަމަ، ޢަރަބިކަރައިގެ ކޮންމެ ވެލިފުކަކަށް އިންސާނީ ލޭގެ ރަހަ ދައްކައިލެއްވުނީހެވެ. ތާރީޚު ދެކެފައިވާ ބޮޑެތި ފާތިޙުން ލޭގެ ކޯރުތައް ހިންގައިލައްވައި ތާރީޚުގެ ދާވަނި ލެއިން ފޯކޮށްލެއްވި ފަދައިންނެވެ. އިސްލާމީ ތާރީޚުގެ އެންމެ ކުރީގެ ދިހަ އަހަރުގައި ހިނގި ހަނގުރާމަތަކަކީ ދެރަސްކަމެއް މައިދާނުން ބައްދަލުކުރުން ކަމުގައިވީނަމަވެސް، ޖާނީ ގެއްލުންތައް 1014 އާ އެތައް އެތައް ގުނައެއް ގުނަކުރެވުނީހެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ކުރެއްވި ހަނގުރާމަތަކުގައި އަސީރުކުރެވިފައިވަނީ 6564 މީހުންނެވެ. އޭގެތެރެއިން ޤަތުލުކުރެއްވީ އެންމެ ދެމީހެކެވެ. އެ ދެމީހުންވެސް ޤަތުލުކުރެއްވީ ސާބިތުވެ ބަޔާންވެފައިވާ ޖަރީމާތަކެއްގެ ބަދަލުގައެވެ. އަސީރުންގެ ތެރެއިން 6347 މީހުން މިނިވަންކުރައްވައި ދޫކޮށްލެއްވިކަން، ތާރީޚުން ސާބިތުވެއެވެ. (رحـمـة لّلعــالـمـيـن ، قـاضـى محمّد سليمـان سلمـان منصـور ޕޫރީ) އެބަޔަކާމެދު ކަންހިނގައިފައިވާގޮތް ހޯދިފައިނުވަނީ ހަމައެކަނި 215 އަސީރެއްގެއެވެ. އިސްލާމީ ތާރީޚުގެ މުސްތަޤުބަލުގެ މުޙައްޤިޤުން މިދެންނެވި 215 މީހުންނަށް ވީގޮތްވެސް ހޯއްދަވާނެކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އެންމެބޮޑަށް ބުރަވެވެނީ، އެ 215 މީހުން އިސްލާމްވެ، އިސްލާމީ މުޖުތަމަޢުގައި ޝާމިލުވީ ކަމުގައެވެ. އެހެނީ އެދުވަސްވަރުގެ ހަނގުރާމަތަކަކީ އެއް އުފަން ބިމެއްގެ ގާތްތިމާގެ ބައެއްގެ މެދުގައި ހިނގި ޙަމަލަތަކެކެވެ. ޙަޤީޤަތުގައި ބޮޑެތި ދެތިން ހަތަރު ހަނގުރާމައެއްގައި ޖާނީ ގެއްލުންތަކެއް ލިބުނުކަމުގައިވިޔަސް އިސްލާމީ ނިޒާމު ހެދިފޯދެމުން މާމެލާމެލި އަޅައި ފަރިވެފޮޅެމުންދިޔައީ ޢާއްމު ރަޢުޔަށް ފޯރަމުންދިޔަ ހެޔޮ އަސަރުތަކެއްގެ ދާއިރާގައެވެ. ކުޑަވެސް ފަސްޖެހިލުމަކާ ނުލައި އަޅުގަނޑު ދަންނަވާނީ އިސްލާމްދީނުގެ ނަބިއްޔާ އިންސާނީ ލެޔާމެދު ބެހެއްޓެވިފަދަ ޙުރުމަތެއް ބަހައްޓަވައިގެން ދުނިޔޭގެ ބިމުން އެންމެ އަކަ އިންޗިއެއް ފަތަޙަކުރެއްވި ފާތިޙަކުވެސް ދުނިޔޭގެ ތާރީޚުން ނުހޯދޭނެ ކަމުގައެވެ.

ދެވަނަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނީ ރަޙުމަތުގެ ނަބިއްޔާ ކޮމާންޑަރ އިން ޗީފެއްގެ ހައިސިއްޔަތުން އިސްލާމީ ލަޝްކަރުގައި އުފެއްދެވި ދީނީ އަދި ޢަސްކަރީ މަތިވެރި އަޚުލާޤިއްޔާތެވެ. ސިފައިންގެ ނަފުސުތަކަށާއި ރޫޙުތަކަށް ފުމެލެއްވި އިސްލާމީ ރޫޙެވެ. މުސްލިމުން ފަތަޙަކުރި ތަންތާނގެ އަހުލުވެރީންގެ ހިތްތައް ފަތަޙަވެފައިވަނީ އެމަތިވެރި އަޚުލާޤިއްޔާތުގެ ބާރުގައެވެ. އޭގެ ސަބަބުންވަނީ އިސްލާމްދީން ފެތުރުން އެތައްގުނައެއް އިތުރުވެފައެވެ. އަވަސްވެ ހަލުއިވެފައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ސުވަރުގެވަޑައިގެންނެވިތާ ފަނަރަވަރަކަށް އަހަރުވީއިރު އޭޝިޔާއާއި އެފްރިކާގެ ވަރަށްބޮޑު ސަރަޙައްދެއްގައިވަނީ އިސްލާމްދީން ފެތުރިފައެވެ. މަދީނާގެ ވެރިކަން ޤާއިމުވެފައެވެ. ޝައްކެއްނެތެވެ. މިއީ އިސްލާމްދީނުގެ ނަބިއްޔާގެ ސީރަތު ދިރާސާކުރާ މީހުންގެ ހިތްތަކަށް ފިލުވައިނުލެވޭނެ އަސަރުތަކެއް ފޯރުވާނެ ކަމެކެވެ. އީމާންކަމުގެ އަހުލުވެރީންގެ ހިތްތަކަށް ތާޒާކަމާއި ހަމަޖެހުން ލިބުމުގެ ސަބަބެކެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ބަދުރު ހަނގުރާމައިގެ ކުރީންވަނީ އިސްލާމީ ލަޝްކަރު އެކަށީގެންވާގޮތަށް ހާނުއްވައި ތަރުބިޔަތު ދެއްވައިފައެވެ. މަދީނާގެ ވަށައިގެންވާ ސަރަޙައްދުތަކުގެ ޖޯގްރަފީ ވެއްޓަށް ފަރިތަކުރެއްވުމަށްޓަކައި އެހިސާބުގަނޑަށް އެތަކެއް ސަރިއްޔާތަކެއް (ބުރުޖަހާ ޢަސްކަރީ ޔުނިޓުތަކެއް) ފޮނުއްވައިފައެވެ. އެމާތް ސާހިބާ އަމިއްލަ ޒާތުފުޅާއިގެންވެސް އެތައް މުހިންމުތަކެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޞަޙާބީންގެ ބައެއް ބޭކަލުންނަކީ އޭގެކުރީން ޢަސްކަރީ ތަރުބިޔަތު ލިބިވަޑައިގެންފައިވާ ބޭކަލުންނެއް ނޫނެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ވަނީ ނަމާދަށް ސަފުހެދުން އަސްލަކަށް ބައްލަވައިގެން ހަނގުރާމައިގެ މައިދާނުގައި ސަފުހައްދަވަން ފައްޓަވައިފައެވެ. އޭގެކުރީން ޢަރަބީންނަކީ ހަނގުރާމަޔަށް ސަފުހަދައި އުޅުނު ބައެއް ނޫނެވެ. ބައިބައިގަނޑަށް ނުކުމެ ތަޅައިފޮޅައި ފަރުދީ ހިތްވަރު ދެއްކި ބައެކެވެ. އިތުރު ސާހިބާ ވަނީ އަސްދުއްވުމާއި ދުނިއުކުމާއި ދުވުމުގެ މުބާރާތްތައް ބާއްވަވައިފައެވެ. ކުދިކުދި ޢަސްކަރީ ޔުނިޓުތައް ތައްޔާރުކުރައްވައި އެކިއެކި ކޮމާންޑަރުންގެ ވެރިކަމުގައި ސަރަޙައްދުގައި ބުރުޖައްސަވަން ފޮނުއްވައިފައެވެ. ނަތީޖާއެއްގެގޮތުން ސިފައިންގެ އިތުރަށް އޮފިސަރުންނާއި ކޮމާންޑަރުންނަށްވެސް ދިޔައީ ތަރުބިޔަތު ލިބިވަޑައިގަންނަވަމުންނެވެ. ސިފައިންނަށްޓަކައި އެކިއެކި މޮޓޯތަކާއި ރަމްޒީ ލަފުޒުތައް ކަނޑައެޅުއްވިއެވެ. ރޭގަނޑު ފޯރިމެރުމާއި ޑިއުޓީ ބެލެހެއްޓުމުގެ ހުނަރު ދަސްކޮށްދެއްވިއެވެ. އިތުރު ސާހިބާގެ ތަމްރީނު ދެއްވުމުގެ ހަރަކާތްޕުޅުތަކުގެ ސަބަބުން އެހިސާބުގަނޑުގެ ހުރިހާ މަގުތަކަކާއި އަޑިއުސް ކޮންމެތަނަކަށް މުސްލިމް ސިފައިން ވަނީ ފުރިހަމަޔަށް ހޭނިފަރިތަވެފައެވެ. މުސްލިމް ސިފައިންނަށްވަނީ އަތްތިލައިގެ ނާރުތަކެކޭ އެއްގޮތަށް ސަރަޙައްދީ ޖޯގްރަފީ ދަސްވެފައެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم މުސްލިމް ސިފައިންނަށް ދެއްވި ޢަސްކަރީ ތަރުބިޔަތާއި މަދީނާގެ އިސްލާމީ ދައުލަތް ސިޔާސީގޮތުން ބާރުވެރިކުރައްވައި މަދީނާގެ މައްޗަށް މުސްލިމުންގެ ވެރިކަން ހިންގައިލެއްވުމަށްޓަކައި އެޅުއްވި ހަރުދަނާ ފިޔަވަޅުފުޅުތަކާއި ރޭއްވެވި ޙިކުމަތްތެރި ރޭއްވެވުންތައް އޮޅުންފިލުއްވެވުމަށްޓަކައި އަޅުގަނޑުގެ ދެފޮތެއްކަމުގައިވާ "މަދީނާގެ އިސްލާމީ ދައުލަތް" މިފޮތާއި "ބަދުރުގެ މައިދާނުން ހަނގުރާމައާއި ޝަހީދުން" މި ދެފޮތް ވިދާޅުވުން އެދެމެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ވަނީ ހަނގުރާމައިގެ މައިދާނުގައްޔާއި ހަނގުރާމަ ކުރުމުގައި ޢަމަލުކުރާނެ ނުހަނު އިންސާފުވެރި އުސޫލުތަކެއް އެކަށައަޅުއްވައިފައެވެ. އަޚުލާޤީ ޤާނޫނުތަކެއް އުފައްދަވައިފައެވެ. އެއީ ދުނިޔޭގެ ތާރީޚުން އޭގެކުރީން ފެނިފައި ނުވާފަދަ ފުރިހަމަ އުސޫލުތަކަކާއި ޤާނޫނު ތަކެކެވެ. އެއީ ތަރައްޤީވެފައިވާ މިޒަމާނުގައިވެސް ނަމޫނާއެއް ކަމުގައި ނުބަލައި ފަރުނުޖެހޭފަދަ ޢަދުލުވެރި ހަމަތަކަކާއި ޤާނޫނު ތަކެކެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ޙަދީޘުކުރައްވާ ގޮތުގައި އެމާތް ސާހިބާ ފޮނުއްވުނީ މަކާރިމުލްއަޚުލާޤު ފުރިހަމަކުރެއްވުމަށްޓަކައެވެ. އެބަސްފުޅުގެ ތެދުކަމުގެ އެންމެ ފާޅުކަންބޮޑު ހެތްކަކީ ހަނގުރާމައިގެ މައިދާނުގައިވެސް އިންސާނީ ހަމްދަރުދީއާއި ކުލުނު ބެހެއްޓުމަށް އިރުޝާދު ދެއްވައިފައިވާކަމެވެ. އެގޮތުން އިސްލާމީ އަޚުލާޤިއްޔާތުގެ ފުރިހަމަކަމާއި ކުޑަވެސް ކިލަނބުކަމެއް ނެތްކަން ސާބިތުކޮށްދެއްވައިފައިވާކަމެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم މުސްލިމް ސިފައިންނަށް އިރުޝާދު ދެއްވައިފައިވެއެވެ. ދުޝްމިނުންގެ ސަރަޙައްދަށް ވަދެގެންދާއިރު ކުޑަކުއްޖެއް ގައިގައި އިނގިލިކުރިވެސް ޖައްސައިނުލާށެވެ. އެއްވެސް އަންހެނަކާ ދިމާޔަށް އިސްއުފުލައި ބަލައިވެސް ނުލާށެވެ. އެއްވެސް މުސްކުޅިޔަކާ ދިމާޔަށް އަތްއުފުލައި ނުލާށެވެ. ބަލިމީހަކަށް ނުވަތަ ޒަޚަމީއަކަށް ކުޑަވެސް އުނދަގުލެއް ނުދޭށެވެ. މޭވާއަޅާ ގަހެއް ނުކަނޑާށެވެ. ކިރުލިބޭ އެއްވެސް ސޫތްޕެއް ނުކަތިލާށެވެ. އެއްވެސް އާބާދީއެއް ވީރާނާ ނުކުރާށެވެ. ހަނގުރާމަކުރާނީ ހުސްއެކަނި ތިޔަބައިމީހުން ހަނގުރާމަކުރާ މީހުންނާއެވެ. ހަނގުރާމައިގައި ބައިވެރިނުވާ މީހުންނާ ހުރަހޮޅި ނުގަންނާށެވެ. އަޅުކަންކުރާ ތަންތާނގެ ޙުރުމަތް ނުކަނޑާށެވެ. މުސްކުޅީންނާއި، ނުކުޅެދޭ މީހުންނާއި ދުނިޔެ އަޅައިފައި ތިބޭ އަޅުވެރީން ޤަތުލު ނުކުރާށެވެ. މީހަކު ދުލުކޮޅުންވެސް "لاإلـه إلاّاللّـه" މި ކަލިމަފުޅު ކިޔައިފިނަމަ އެމީހަކު ޤަތުލުކުރުމުން އެއްކިބާވާށެވެ. ދުޝްމިނުންގެ ތެރެއިން ޤަތުލުވާ މީހުންގެ ހަށިތަކަށް ގެއްލުން ނުދޭށެވެ. ޤަތުލުވާ މީހުންގެ ކަންފަތާއި ނޭފަތްފަދަ ގުނަވަންތައް ކަނޑައި މޫނުގައި ޅިޔައަޅައި ނަހަދާށެވެ. މިއީ މިހާރުގެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް މިފަދަ މަތިވެރި އަޚުލާޤީ ހަމަތަކެއް އެކަށައަޅައިފައިނުވާ މަތިވެރި އުސޫލުތަކެވެ.

އާދޭހެވެ. ރަޙުމަތުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم އަކީ އަބަދުވެސް ހަނގުރާމައިގައި ވީހައިވެސް މަދުން ސިފައިންގެ ބޭނުންކުރެއްވުމަށާއި ވީހައިވެސް ކުޑަކޮށް ބާރުގެ ބޭނުންކުރެއްވުމުގެ އުސޫލަށް ޢަމަލުކުރެއްވި ހަމައެކަނި ކޮމާންޑަރ އިން ޗީފެވެ. މިއީ ޢަސްކަރީ ތާރީޚުގެ ވަރަށް ޚާއްޞަ ޙަޤީޤަތެކެވެ. އެމާތް ސާހިބާއަށްވުރެ އަރައިހުންނެވި އެމާތް ސާހިބާއަށްވުރެ ކުޅަދާނަފުޅު ކޮމާންޑަރ އިން ޗީފަކު ހުށަހެޅުމަށް ދުނިޔޭގެ ތާރީޚު ވަނީ ނުކުޅެދިފައެވެ. އެމާތް ސާހިބާ ވަނީ ހަނގުރާމައިގެ ހުރިހާ ކަމެއްގައި އެމާތް ސާހިބާގެ ވިސްނުންފުޅުގެ ތޫނުކަމާއި އެވަގުތަކާއި ޙާލަތަކާ ގުޅޭގޮތަށް މައިދާނުގައި ލަޝްކަރު އަތުރައިލެއްވުމާއި ބަދަލުގެންނެވުމާއި ޖޯގްރަފީ ވެށީގެ އެންމެ ފުރިހަމަ ފައިދާ ހޯއްދެވުމުގައި އީމާންކަމުގެ މޮޅު ފަރާސަތު ދުނިޔެއަށް ދައްކަވައިފައެވެ. ލަޝްކަރުގެ އަދަދު މަދުކަމާއި ހަނގުރާމައިގެ ހަތިޔާރުގެ ދޭސީކަމާއި ޢަސްކަރީ ފޯރުމާލުގެ ގޮތުން ފަގީރުކަމުގެ ނިހާޔަތާއެކުވެސް ބޮޑެތި ބޮޑެތި މަޢުރިކާތައް ކާމިޔާބު ކުރައްވައިފައެވެ. އެމާތް ސާހިބާ ވަނީ އަޙުޒާބު ހަނގުރާމައިގައި ޢަރަބީންގެ އިއްތިހާދީ ލަޝްކަރަށް ފިލައިގެންދާން މަޖުބޫރު ކުރައްވައިފައެވެ. ނުހަނު ޙިކުމަތްތެރިކަމާއެކު މަދީނާގެ ބިން ޔަހޫދީންގެ ސުންޕާ ވުޖޫދުން ތާހިރު ކުރައްވައިފައެވެ. ޚައިބަރުގެ ހައިރާންވެ އަންތަރީސްވާފަދަ ގަދަފަދަ ކިއްލާތައް ފަތަޙަކުރައްވައިފައެވެ. ތަބޫކް ހަނގުރާމައިގެ ޒަރީޢާއިން އިސްލާމީ ލަޝްކަރަށް ބޭރުގެ ފުޠޫޙާތުގެ މަގު ހުޅުއްވައިދެއްވައިފައެވެ.

އިތުރު ސާހިބާ ނުހަނު މަދު ވަސީލަތްތަކެއް ބޭނުންކުރައްވައިގެން ތައްޔާރުކުރައްވައި ތަމްރީނުކުރެއްވި އިސްލާމީ ލަޝްކަރު ވަނީ ދާދި ކުރުމުއްދަތެއްގެ ތެރޭގައި އެޒަމާނުގެ ބޮޑެތި ބާރުތައް އިސްލާމީ ދައުލަތުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސުވައިފައެވެ. އެޒަމާނުގައި އެނގިފައިއޮތް ދުނިޔޭގެ ބޮޑުބައި ފަތަޙަކޮށްފައެވެ. އެލަޝްކަރު ހިންދެމިލީ މަދީނާގެ އިރުމަތީން އިންޑިޔާގެ މެދުތެރެޔަށް ވަދެގަތުމަށްފަހުގައެވެ. ހުޅަނގު އުތުރުން ފަރަންސޭސި ސަރަޙައްދީ ދޮރާށިތަކުގައި ޓަކިދީފައެވެ. އިރުއުތުރުން ކެސެޕިޔަން ކަނޑުގެ ލޮނުގަނޑުގައި ފައިތިލަ ޖައްސައިލުމަށްފަހުގައެވެ. މިއީ މިޒަމާނުގެ ޣައިރު މުސްލިމް ލިޔުންތެރީންވެސް އިޢުތިރާފުވާ ޙަޤީޤަތެކެވެ.

ރަޙުމަތުގެ ނަބިއްޔާ އަދި މުސްލިމުންގެ ކޮމާންޑަރ އިން ޗީފް މުސްލިމް ސިފައިންނަށް އަމުރުކުރައްވައިފައިވަނީ ހަނގުރާމައިގެ އަސީރުންނަށް ހެޔޮކޮށް ހިތުމަށެވެ. އެމީހުންގެ ކިބައިން ބަދަލުހިފުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށެވެ. އިންސާނިއްޔަތާ ޚިލާފު އެއްވެސްކަމެއް އެމީހުންނާމެދު ނުކުރުމަށެވެ. އެބައިމީހުންގެ ތެރޭގައި ތިބޭ ޒަޚަމީންނަށް ފަރުވާ ކުރުމަށެވެ. އިތުރު ސާހިބާ ހައިހޫނުކަމުގައި ހުންނަވައި ޤައިދީންނަށް ރަނގަޅު ކާނާ ކާންދެއްވިއެވެ. އެމާތް ސާހިބާގެ ފޭރާންކޮޅުގައި ހުންނަނީ ފޮތިމަތީގައި ފޮތިއަޅައިފައެވެ. އެކަމަކުވެސް ޤައިދީންނަށް ރަނގަޅު ފޭރާން ހޯއްދަވައިދެއްވިއެވެ. އެމާތް ސާހިބާ ފަތަޙަކުރެއްވި އެއްވެސް ރަށެއްގެ ބަޔަކަށް އަނިޔާއެއް ނުކުރައްވައެވެ. އެއެންމެންނަށްވެސް ކުލުނާއި ހަމްދަރުދީއާއި ހަންހާރަވެތިކަން ބެހެއްޓެވިއެވެ. ކަމޭހިތްތެވިއެވެ. އެގޮތުން އެބައިމީހުންގެ ހަށިތަކަށްވުރެ ބޮޑަށް އެބައިމީހުންގެ ހިތްތަކުގެ މައްޗަށް ފަތަޙަ ހޯއްދަވައި ވެރިކަން ޤާއިމު ކުރެއްވިއެވެ. ޝައްކެއްނެތެވެ. ޙަޤީޤީ ފާތިޙުންނަކީ އިންސާނީ ހިތްތަކުގެ މައްޗަށް ފަތަޙަ ހޯދާ މީހުންނެވެ.

(ނިމުނީ)