ޖަޕާނުގައި މިހާރު ކުރިއަށްދާ ޕެރަލިމްޕިކްސްގައި ވާދަކުރުމަށް އެގައުމުގައި މިވަގުތު ތިބި ދިވެހި އެތުލީޓުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.

ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާނު ސަރުކާރުގެ ދައުވަތަކަށް، މިނިސްޓަރު ޝާހިދު މިވަގުތު ހުންނެވީ ޖަޕާނުގައެވެ.

ޕެރަލިމްޕިކްސްގައި ވާދަކުރުމަށް ޖަޕާނުގައި މިވަގުތު ތިބި ދިވެހި އެތުލީޓުންނާ ބައްދަލުކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ، މިއީ ޕެރަލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރު ކަމުން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ ހުރިހާ އެތުލީޓުންގެ ނަންވެސް ދިވެހި ތާރީހުގައި ލިޔެވިގެންދާނެ ކަމަށެވެ.

މުބާރާތުގައި ތަމްސީލު ކުރާ ދިވެހި އެތުލީޓުން މުބާރާތުގައި ވާދަކުރުމަކީވެސް އޭގެ ޒާތުގައި ގައުމަށް ހޯދައިދޭ ރަން މެޑަލެއްކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ޕެރަލިމްޕިކްސްގައި ރާއްޖެ ތަމުސީލު ކުރާ ދެ އެތުލީޓުން ކަމަށްވާ މުހައްމަދު މާޒިން އާއި ފާތިމަތު އިބްރާހީމަށް އަދި މުޅި ޑެލިގޭޝަނަށް މަރުހަބާ ވިދާޅުވެ ޝުކުރު އަދާކުރައްވައިފައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، މާޒިން އާއި ފާތިމަތަކީ ވަރަށް އަޒުމާއި ހިތްވަރާ އެކު ކުރިއަށް ދާ ދެ އެތުލީޓުން ކަމަށެވެ.

ޕެރަލިމްޕިކް ގޭމްސްގައި މާޒިން އާއި ފާތިމަތު އިބްރާހީމް ވާދަކުރާނީ 100 މީޓަރު ސްޕްރިންޓުގައެވެ.