ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ދެ ރައީސުންނާ ބައްދަލުކުރައްވާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ކަންތައްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ދެ ރައީސުންގެ ދެމެދުގައި ޖެހިފައިވާ މައްސަލަ ހައްލުކޮށް، ސުލްހަ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ހަސަން ވިދާޅުވީ، ފުރަތަމަ ބައްދަލު ކުރެއްވީ ރައީސް ސޯލިހާ ކަމަށެވެ.

އެއަށްފަހު އެމަނިކުފާނު ވިދާޅުވި ވާހަކަތަކުގެ އަލީގައި ރައީސް ނަޝީދާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އަދި އެކަންކަމުގައި ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތް އޮޅުން ފިލުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ދެބޭފުޅުން ވިދާޅުވީ ކޮން ވާހަކަފުޅުތަކެއް ކަމެއް އަދި މަޝްވަރާ ކުރެއްވީ ކޮންކަމަކާ ގުޅޭ ގޮތުން ކަމެއް ހަސަން ލަތީފު ވިދާޅެއް ނުވެއެވެ.

އޭނާ ވިދާޅުވީ، ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެބޭފުޅުންގެ ދެމެދުގައި ވާހަކަ ނުދެއްކޭ ވަރުގެ އަދި އެއްބަސް ނުވެވޭނެ ވަރުގެ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އޮތުމަކީ ޕާޓީގެ އެކަކުވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެކަންތައްތައް ހައްލުކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.