ކ.ރަސްފަރީ ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އުރުނު ބޮޑު އާގު ބޯޓުގެ ކެޕްޓަން، އެ އުޅަނދު ފަރަށް އެރިޔަ ނުދޭން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ވާހަކަ ދައްކަވަމުން، ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަބްދުލް ޣަނީ މިހެން ވިިދާޅުވީ ރަސްފަރީ ފަރަށް އެރި އާގު ބޯޓާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން އުޅަނދު ފަރަށް އެރުމުގެ ކުރިން އުޅަނދުގެ އެއްވެސް މައްސަލައެއް ޖެހިފައިވާ ކަން ކޯސްޓަލް ސްޓޭޓަށް އަންގާފައި ނުވާކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކެޕްޓަންގެ ހައިިސިއްޔަތުން ނަގަން ޖެހޭ އެކްޝަންތައް ނަގާފައި ނުވާ ކަމާއި، ހާއްސަކޮށް ނަގިލި ލުމާއި އެހީއަށް އެދުން ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަންވެސް ޓްރާންސްޕޯޓުން ވަނީ ފާހަގަކޮށްފައެވެ.

ހަމަ އެހެންމެ 19 އޯގަސްޓްގައި އުޅަނދުގެ އެޖެންޓެއް އައްޔަނު ކޮށްފައި ވީ ނަމަވެސް، ފަރަށް އެރި އިރު އުޅަނދުގައި އެއްވެސް އޭޖެންޓެއް ނެތް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުން ދަނިކޮށް މި ބޯޓު ފަރަށް އެރި އިރު، ބޯޓުގައި އެއްވެސް ކާގޯއެއް ނުވާކަމަށާއި އަދި އުޅަނދު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީން ޔުނިޓް ތިނެއްގެ ޓެމްޕަރޭޗާ މަތިވުމާ ގުޅިގެން އިންޖީނު ނިއްވާލުމުގެ ސަބަބުން ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.

ރަސްފަރީ ފަރަކީ ހިމާޔަތް ކޮށްފައިވާ ފަރެކެވެ. ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ތިމާވެއްޓާ ބެހޭ މާހިރުން އަންނަނީ ބުނަމުންނެވެ.

މި ބޯޓު ފުން ކުރުމުގެ މަސައްކަތް އަދިވެސް ފެށިފައި ނުވާއިރު، ބޯޓުގެ ރާއްޖޭގެ އެޖެންޓު އެންމެ ފަހުން ވަން އަށް ބުނީ އެންމެ ޓަގަކުން އެކަން ވާނެ ކަމަށް ނުބެލެވޭތީ ދެވަނަ ޓަގެއް ގެނެސް އެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.