ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ސަބަބުން ހޯޑެއްދޫ އަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާތީ، ކޯޒްވޭ ނެގުމަށް އެދި އެރަށު ކައުންސިލުން ޕްލޭނިންގް މިނިސްޓްރީގައި އެދިއްޖެއެވެ.

"ވަން" އަށް މިއަދު މައުލޫމާތު ދެއްވަމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތީން އެކި މިނިސްޓްރީތަކަށް އަންގައި، އަދި އެކަމާ ގުޅިގެން މިއަހަރުވެސް، އެންވަޔަރަމެންޓް މިނިސްޓްރީ އަދި އީޕީއޭއާ ވެސް ބައްދަލުވުންތަކެއް ބާއްވާފައި ވާނެ ކަމަށެވެ. އެގޮތުން މި މައްސަލައަށް އަދިވެސް ހައްލެއް ލިބިފައި ނުވާތީ ހޯޑެއްދޫ ކައުންސިލުން މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ނެގުމަށް ހައުސިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.

ވާރިޝް ވިދާޅުވީ މި މައްސަލައަކީ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީގައި ވެސް އަދި އީޕީއޭ ގައިވެސް އެކަމާ ގުޅިގެން ބަހުސް ކުރެވި އަދި ކޯޒްވޭ ނެގުމަށް ނިންމާފައިވާ މައްސަލައެއް ކަމުގައެވެ.

އެގޮތުން ދިޔަވަރު ބޮޑުވާ ކޮންމެ ދުވަހަކު، މި ކޯޒްވޭގެ ސަބަބުން ހޯޑެއްދޫގެ ބޮޑު ބަޔަކަށް ލޮނު އަރައި، އެ ރަށުގެ ބިމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވާރިޝް ވިދާޅުވިއެވެ. އަދި މި މައްސަލަ ހައްލު ވާން އޮތީ ކޯޒްވޭ ނަގައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ހޯޑެއްދޫ ބިމުގެ ގާތްގަނޑަކަށް 20 ޕަސެންޓް މިހާރު އެ އޮތީ ހަލާކުވެފައި. އެތަނުގައި ގުދުރަތީ ދިރުންތައް ވެސް ނެތިގެން ހިނގައްޖެ،" ވާރިޝް އިތުރަށް ވިދާޅުވިއެވެ.

ހަތަރު އަހަރު ވާއިރުވެސް މި މައްސަލައަށް އެއްވެސް ހައްލެއް ލިބިފައި ނުވާތީ ރަށުގެ ކައުންސިލުންނާއި އަދި ރަށުގެ ރައްޔިތުންވެސް އެކަމާ ނުހަނު ކަންބޮޑުވާ ކަމުގައި ވާރިޝް ފާހަގަކުރެއްވިއެވެ.