ޚަބަރު

ޔާމީންގެ އިސްތިއުނާފީ ހައްގަށް ހުރަހެއް ނާޅަން: އޭޖީ

އަލީ އަފާފް ރަމީޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ޖޫރިމަނާކުރުމަށް ކުރި ހުކުމް އިސްތިއުނާފު މަރުހަލާގައި އޮއްވައި ޖޫރިމަނާގެ ފަސް މިލިއަން ޑޮލަރު ހޯދަން ދައުލަތުން ދައުވާކުރަނީ އެ މަނިކުފާނުގެ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ނޫން ކަމަށް ބުނެ ޔާމީންގެ ވަކީލުންނަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ރައްދު ދީފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމްކޮށްފައިވާ އިރު، އެ ފައިސާ ނުދައްކާ ކަމަށް ބުނެ، އޭޖީ އޮފީހުން އެ މައްސަލަ އިއްޔެ ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީނަށް ލިބިފައިވާ އިސްތިއުނާފީ ހައްގުތަކަށް ހުރަސްއެޅުމަށް ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ނެރުނު ނޫސްބަޔާނެއްގައިވެއެވެ.

އެކަމަށް ރައްދުދެމުން އޭޖީ އޮފީހުން ބުނީ ހުކުމުގައިވާ ފަސް މިލިއަން ޑޮލަރު ދައްކަން ޖެހޭ ބައި ތަންފީޒު ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޔާމީނަށް ލިބިފައިވާ އިސްތިއުނާފީ ހައްގަށް ހުރަސް އެޅޭ ގޮތަށް ނޫން ކަމަށެވެ.

މައްސަލައެއް އިސްތިއުނާފުކުރުމަކީ، ދަށު ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުން އޮޓަމެޓިކުން ފަސްކުރަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރުމަށް ފަހު، އެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އިސްތިއުނާފީ ކޯޓުން ނުނެރޭހާ ހިނދަކު، އެ ނިންމުން ތަންފީޒުކުރުމަށް ހުށަހެޅުމަށް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ޔާމީންގެ ވަކީލުން މިއަދު ބުނީ ކުރިމިނަލް ކޯޓުން ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ކުރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް އެމަނިކުފާނު ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބަޔާނުގައިވެއެވެ.

އޭޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި މިދިޔަ ޖޫން މަހުގެ 26 ގައި މީރާއީން ރައީސް ޔާމީނަށް ނޯޓިސް ފޮނުވި ނަމަވެސް އެ ނޯޓިސްގައިވާ މުއްދަތުގައިވެސް ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

އެ މައްސަލައިގައި އެދިފައި ވަނީ، ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ރައީސް ޔާމީންގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރު ކޮށްފައިވާ ފަސް މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދިނުމަށް ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.