ކުޅަދާނެ އެކްޓަރު ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެއެވެ.

ގައުމީ އިނާމުވެސް ހާސިލު ކުރައްވާފައިވާ ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ ސިއްހީ ހާލަތު ގޯސްވެ މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެެވެ.

ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982 ވަނަ އަަހަރު ޓެލެވިޒަން މޯލްޑިވްސް އިން ތައްޔާރު ކުރި "ގާޒީ ބަންޑާރައިން" ފިލްމުންނެވެ. ފިލްމީ ދާއިރާއަށް އޭނާ ތައާރަފުވީ، މަޖީދިއްޔާ ސްކޫލުގެ ގޯލްޑަން ޖުބިލީ ފާހަގަކުރި އިރު ބޭއްވި ސްޓޭޖް ތަމްސީލު ޝޯތަކުން 1977 ވަނަ އަހަރުއެވެ.

ޗިޅިޔާ މޫސާ މަނިކަށް 1983 ވަނަ އަހަރު ތަމްސީލު ކުޅުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ލިބިވަޑައިގެންފައިވާ އިރު، 2009 ވަނަ އަހަރު ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންފައިވެއެެވެ.

އަދި "ހަގު އަނބި" ފިލްމުން 1996 ވަނަ އަހަރުގެ އާފަތިސް އެވޯޑްސްގައި ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑާއި 1995 ވަނަ އަހަރު "އާފަތިސް" އެވޯޑްސްގައި "ޒަހަމް" އިން ބެސްޓް ޑައިލޮގް، ބެސްޓް ސްޓޯރީގެ އިނާމުވެސް ޗިޅިޔާ މޫސާ މަނިކު ވަނީ ހޯއްދަވައިފައެވެ.

އޭގެ އިތުރުން ފިލްމީ ދާއިރާއަށް އޭނާ ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް "މިއަދު" ނޫހުގެ ކްރިސްޓަލް އެވޯޑްސްގައި 2008 ވަނަ އަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑުވެސް ލިބިވަޑައިގެންފައިވެއެވެ.