އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ ކެނޑިޑެސީ ބާތިލްކުރަން ޕާޓީން ނިންމި ނިންމުން ރަނގަޅު ކަމަށް ޝަކުވާ ބަލާ ކޮމިޓީން ނިންމައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައި، ފޯމު ހުށަހަޅުއްވާފައި ވަނިކޮށް މަހުލޫފަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ނިންމައި އެކަން އެމްޑީޕީން އެންގީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި އެ ނިންމުން މުރާޖައާ ކޮށްދިނުމަށް މަހުލޫފުގެ ފަރާތުން ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު އެވެ.
އެކަމާ ގުޅިގެން މަހުލޫފު މީގެ ކުރިން ވިދާޅުވީ، ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނުމުގެ ފުރުސަތު ލިބިފައި، ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ. އަދި ޖިނާއީ ކުށެއް ސާބިތު ނުވާ ހިނދަކު ކޮންމެ އިންތިހާބެއްގައިވެސް ވާދަކުރެވެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީއަށް މަހުލޫފު ހުށަހަޅާފައިވާ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ދާއިރާތަކުގެ އިންތިހާބުގެ ޝަކުވާ ބަލާ ކޮމިޓީން އޭނާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ގައުމީ މަޖިލީހަށް ކޮންމެ އިންތިހާބީ ދާއިރާއަކުން ދާއިރާ ރައީސުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިންގުމުގައި ޕާޓީ އޮންނަ ހާލަތުގައި ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ ވަޒީރުންގެ ތެރެއިން ޕާޓީއަށް ނިސްބަތްވާ ވަޒީރުން ހިމެނޭ ކަމަށެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މަގާމެއްގައި ހުންނަވާ މީހަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ މީހެއްކަމަށް ވީނަމަވެސް ގައުމީ މަޖިލީހަށް އިންތިހާބުވާ ފަރާތްތަކަކީ މަގާމުގެ ހައިސިއްޔަތުން ގައުމީ މަޖިލީހަށް އައްޔަނުކުރާ މެންބަރުންނަށް ނުވާތީ، ޕާޓީގެ އިންތިހާބުގައި ވާދަކުރުމަށް ވަކި ޝަރުތުތަކެއް ކަނޑައެޅުމަކީ ގާނޫނު ދަންނަ ހަމައެއް ކަމަށެވެ.
އެހެންކަމުން އެ އުސޫލުން އަމަލުކުރުމަކީ ތަފާތުކުރުމެއްވާ ކަމެއް ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް އޮތް ކަމަކަށް ނުފެންނަ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން އޭޕްރިލް 24، 2021ގެ ގައުމީ ހިންގާ ކޮމިޓީގެ ގަރާރުން ދާއިރާގެ އިންތިހާބުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެއްވެސް އިދާރާއަކަށް ފޮނުވާފައިވާ ފަރާތެއްނަމަ، އެ ފަރާތެއްގައި އިންތިހާބުގައި ކުރިމަތިލުމުގެ ޝަރުތު ފުރިހަމަނުވާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މަހުލޫފުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ޕާޓީން ނިންމާފައިވަނީ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު