އެމެރިކާގެ އެންމެ ދިގު މީހާ އިގޯ ވޮވްންސޮވެންސްކީ އުމުރުން 38 އަހަރުގައި މަރުވެއްޖެއެވެ.

އިސްކޮޅުގައި ހަތް ފޫޓު 8.33 އިންގި ހުންނަ އިގޯއަކީ އެމެރިކާގެ އެންމެ ދިގު މީހާގެ ގޮތުގައި 2010 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ މީހެކެވެ. އުމުރުން 27 އަހަރުގައި އެ މަގާމު އޭނާއަށް ލިބުނީ، ކުރިން އެ ރެކޯޑް އޮތް ޝެރިފް ޖޯޖް ބެލްއަށް ވުރެ އެއް އިންޗި ދިގުވުމުންނެވެ.

ސީއެންއެެންގައި ރިޕޯޓްކޮށްފައިވާ ގޮތުން އިގޯ މަރުވެފައި ވަނީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހުއެވެ.

އުފަންވީއްސުރެ އިގޯ ދިޔައީ "ޕިޓުއަޓްރީ ޖައިގަންޓިޒަމް" ކިޔާ ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އޭނާގެ އިސްކޮޅު ދިގުމުގެ މައިގަނޑު ސަބަބަކީވެސް އެ ބައްޔެވެ.

ދުނިޔޭގެ އެންމެ ދިގު މީހާއަކީ ތުރުކީގެ ސުލްތަސް ކޮސެންއެވެ. އޭނާގެ އިސްކޮޅުގައި އަށް ފޫޓު 2.82 އިންޗި ހުރެއެވެ.