އޭއެފްސީ ކަޕުގައި މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވެ، އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއަށް އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލުގެ ޖާގަ ޔަގީންވެއްޖެއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު އޭއެފްސީ ކަޕް ގުރޫޕް ޑީގެ މެޗުގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންްގްސް އާއި މޯހަން ބަގާން އެއްވަރުވީ 1-1 އިންނެވެ. އެ ނަތީޖާއާ އެކު ތިން މެޗުން ހޯދި ހަތް ޕޮއިންޓާ އެކު އޭޓީކޭ މޯހަން ބަގާންއަށް ވަނީ ގުރޫޕުގެ އެއްވަނަ ޔަގީންވެފައެވެ. ޒޯން ޕްލޭއޮފް ފައިނަލުގައި އޭޓީކޭ ކުޅޭނީ ސެންޓްރަލް އޭޝިއާ ޒޯން އުޒްބެކިސްތާންގެ ނަސާފް އާއި ތުރުކުމެނިސްތާންގެ އަހާލް ކުޅެގެން މޮޅުވާ ޓީމަކާއެވެ. އެ މެޗުން މޮޅުވެއްޖެނަމަ އޭޓީކޭ އިން އިންޓަ ޒޯން ޕްލޭއޮފް ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ހޮން ކޮންގްގެ ލީ މޭންއާއެވެ.

ގުރޫޕް ޑީގެ އެއްވަަނަ އޭޓީކޭ އަށް ލިބުނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާ އެކުއެވެ. ބަޝުންދަރާ ދެ ވަނަ އަށް ދިޔަ އިރު އެ ޓީމަށް ލިބުނީ ފަސް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އިންޑިއާގެ ބެންގަލޫރާއި ހަތަރެއްގައި އޮތް ރާއްޖޭގެ މާޒިޔާ މިރޭ ކުޅޭނެއެވެ. އެއީ ގުރޫޕްގެ ފަހު މެޗެވެ. ބެންގަލޫރު މި ވަގުތު ތިނެއްގައި އޮތީ އެއް ޕޮއިންޓާ އެކުއެވެ. އެންމެ ފުލުގައި އޮތް މާޒިޔާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ބަޝުންދަރާ އިން މެޗު ފެށީ ވަރުގަދަކޮށެވެ. އެޓީމުން މެޗުގެ ކުރީކޮޅުގައި ހަމަލާތައްވެސް އުފެއްދިއެވެ. ހާއްސަކޮށް ބަޝުންދަރާގެ އާޖެންޓީނާ ފޯވާޑް ރައުލް ބަސޭރާ ޖެހި ބޯޅަ ފާހަގަވިއެވެ. އެބޯޅަ އޭޓީކޭގެ ގޯލު ރޮނގުމަތިން ސަލާމަތް ކުރީ އެ ޓީމުގެ އަޔަލެންޑް ޑިފެންޑަރު ކާލް މެކްހިއުއެވެ.

ދެ ޓީމުގެ ފަރާތުންވެސް ފިޒިކަލް ގޭމެއް މެޗުގައި ފެނިގެންދިޔަ އިރު، ދެޓީމުގެ މެދުތެރެއިންވެސް ޓެކުލްތައް ފެނިގެން ގޮސްފައިވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި އޭޓީކޭގެ އެންމެ ހުސް ހަމަލާ ފޮނުވާލީ ފީޖީގެ ފޯވާޑް ރޯއީ ކްރިޝްނާ އަށެވެ. މެޗުގެ 22 ވަނަ މިނެޓުގައި ކޮލާސޯ ނެގި ހުރަހަކުން އޭރިއާ ތެރެއިން މަންވީރު ސިންހް ދިނީ ކްރިޝްނާ އަށެވެ. އޭނާ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑި މަތިންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޝުންދަރާ އިން ލީޑު ނެގިއެވެ. މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައި ދިނީ ބްރެޒިލްގެ ފެނާންޑޭސްއެވެ. ފެނާންޑޭސް ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ހަނި އޭންގަލުންނެެވެ.

މެޗުގައި ބަޝުންދަރާއަށް ލީޑު ދަމަހައްޓަން އެންމެ ބޮޑު އުނދަގުލަކަށް ދިމާވީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އެ ޓީމުގެ ފުލްބެކް ސުޝާންޓޯ ޓްރިޕޫރާއަށް ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ފުރަތަމަ ހާފުގައި ސުޝާންޓޯ ވަނީ ގިނަ ފައުލުކުތަކެއް ކޮށްފައެވެ. އޭނާއަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ތަކުރާރުކޮށް ކުރި އެކި ފައުލުތަކަށް އިންޒާރު ދިނުމަށް ފަހު އެވެ.

ބަޝުންދަރާ އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ އިރު، އޭޓީކޭ އިން ވަނީ މުޅި މެޗުގެ ކޮންޓްރޯލް ނަަގައިފައެވެ. ބޯ ވިއްސާރައިގެ ތެރޭގައި ކުޅެމުންދިޔަ އިރު، އެޓީމުން ނަތީޖާ ހަމަހަަމަ ކުރީ މެޗުގެ 61 ވަނަ މިނެޓުގައެވެ. ކޮލާސޯ މުޅިން ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ދިން ބޯޅަ ވިލިއަމްސް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ބަޝުންދަރާ އިން ވަނީ ގޯލެއް ޖަހަން ފަހު 15 މިނެޓު ތެރޭ ގިނަ ބަދަލުތަކެއް ކޮށްފައެވެ. އަދި ކުރިއަށް ކުޅުންތެރިން ގިނަކޮށްގެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އޭގެފަހުން ބަޝުންދަރާގެ ރޮބީނިއޯ ނެގި ހުރަހެއް ބޭރުވީ ދަނޑީގައި ޖެހިފައެވެ.