ސެޕްޓެމްބަރު، 2013 ގައި މާލޭގެ ގެއަކުން ގޮވާތަކެއްޗާއި ބަޑި އާއި ވަޒަން އުފައްދަން ބޭނުންކުރާ ތަކެތި ފެނުނު މައްސަލައިގައި، ކުރިއަށް ގެންދާ ޝަރީއަތުގައި އެ ގެއިން ފެނުނު ތަކެތީގެ ތެރޭގައި، ސިކުންތަކު 180 މީޓަރުގެ ބާރުމިނަށް ވަޒަން ދަތުރު ކުރާވަރުގެ ބަޑި އަދި ބޮން ފަދަ ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ތަކެއްޗަކީ އަމިއްލައަށް ހަދާފައިވާ ތަކެތި ކަމަށެވެ.
ފުލުން އެ ކަމާބެހޭ ތަފުސީލު ދީފައި ވަނީ، އެ މައްސަލައިގައި، ލ. ގަން، ހިމާޔަތް މޫސާ ޔޫސުފާއި ދަފްތަރު ނަމްބަރު 7102 ހަސަން ނަސީމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ގައި ކުރިމިނަލް ކޯޓުގައި މިއަދު ބޭއްްވި ޝަރީއަތުގެ މަޖިލީހުގައި ހެކި ބަހުގެ ގޮތުގައެވެ.
އެ މައްސަލައިގައި ހެކިބަސް ދިން ފުލުހުންނަކީ، މައްސަލައިގައި ހިމެނޭ މީހުންގެ ގެ އާއި އެމީހުން މަސައްކަތް ކުރަމުންދިޔަ ވޯކުޝޮޕް ބަލައި ފާސްކުރި ފުލުހުންނެވެ.
ފުލުހުން ދިން ހެކިބަސް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ހުލާސާކޮށްދިން އިރު ބުނެފައި ވަނީ، ހަސަން ނަސީމްގެ ގޭގެ އަލަމާރިއެއްގެ ތެރެއިން ފުރަތަމަ ފެނުނީ ލައްގާފައި ހުރި ޝޮޓްގަން ފަދަ ބަޑިއެއް ކަމަށެވެ. އޭގެ އިތުރުން ފޮއްޓެއްގެ ތެރެއިން، އިތުރު ބަޑިއަކާއި ބަޑިބޭސް އަޅާފައި ހުރި ފުޅިއެއް ފެނުނު ކަމަށްވެސް ބުނެފައިވެއެވެ.
އެހެން ކޮޓަރިއެއްގެ ތެރެއިން، ހަދަން ފަށާފައިވާ ބަޑިއަކާއި، ބަޑި ހެދުމަށް ކަފާފައި ހުރި އެސްއެސް ހޮޅިތަކާއި އިލޮށިން ބަޑިބޭސް ވަކިކޮށްފައިހުރި 14 އަލިފާން ފޮށި ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން އެގޭ ތިޖޫރީއެއްގެ ތެރެއިން ފިސްތޯލަ ތަކަކާއި އަމިއްލައަށް ހަދާފައި ހުރި ވަޒަން ތަކެއް ފެނުނު ކަމަށާއި، އޭގެ ތެރެއިން ހަސަން މޫސާގެ އަނބިދަރީންގެ އައިޑީ ކާޑުތައް ވެސް ފެނުނު ކަމަށް ބުނެފައިވެ އެވެ.
ހަމަ އެއާއެކު ބަޑީގެ ވަޒަން ހެދުމަށްޓަކައި ހޮޅިތަކެއް ކަފާފައި ހުއްޓާ ފެނުނު ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. ބަޑި ހަދާނެ ގޮތުގެ ބްލޫޕްރިންޓެއް ވެސް ފެނުނު ކަމަށް ބުންޏެވެ.
ފުލުހުން ބުނީ ހަސަން ނަސީމް މަސައްކަތް ކުރި ވޯކްޝޮޕުގެ ތެރެއިންވެސް އަމިއްލައަށް ހަދާފައި ހުރި ބަޑި ފެނުނު ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ އެތަނުން ހޯދި މެގަޒިން އާއި ވަޒަނާއި ބަޑި އެއްކޮށް، ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރެވޭ ކަމަށެވެ. އެކަން ބެލުމަށް ދޫނިދޫގައި އެތަކެތި ޓެސްޓް ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އެގޮތުން އޭގެ ވަޒަން ސިކުންތަކު 180 މީޓަރަށް ދަތުރު ކޮށްފައިވާ ކަމަށް ސިފައިންގެ ފަރާތުން ވަނީ ހެކިބަސްދީފައެވެ. އެއް ފިލާ ފަހަތުގައި އިތުރު ފިލައެއް ބަހައްޓައިގެން 25-20 މީޓަރު ދުރުން ޓެސްޓު ކުރި އިރު ބޯމިނުގައި ހަ މިލިމީޓަރު ހުންނަ ފިލާ ފޫއަޅުވާލާފައި ވަޒަން ދިޔަ ކަމަށް ވެސް ހެކިބަހުގައި ވެއެވެ.
އެތަކެތި އުފައްދާފައި ވަނީ ރާއްޖޭގެ ބާޒާރުން ލިބެން ހުންނަ ތަކެތި ބޭނުން ކޮށްގެން ކަމަށް ވެސް ސިފައިން ބުނެފައިވެއެވެ.
ނަމަވެސް، ހަސަން ނަސީމް ބުނެފައިވަނީ އެ ބަޑި ތަކަކީ ސައިކަލު ދޮންނަން ގެންގުޅޭ ބަޑިތަކެއް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހަސަން ނަސީމާއި މޫސާ ޔޫސުފް ބުނެފައި ވަނީ އެ މީހުންނަށް ދީފައިވާ ލިޔުންތައް ސާފު ނުވާ ކަމަށެވެ. އެހެންކަމުން އަލުން އެ ލިޔުންތައް އެމީހުންނަށް ދިނުމަށް 14 ދުވަހުގެ މުއްދަތެއް ޝަރީއަތުން ވަނީ ދީފައެވެ. އަދި ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާ އެކު ކަމަށް ބުނުމުން އެ ދެ މީހުންނަށް ދައުލަތުން ވަކީލުން ހަމަޖައްސަން 30 ދުވަހުގެ މުއްދަތެއް ދިނެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް