އދ.ގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާން ސަރުކާރުގެ ދައުވަތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގަތުމަށް ތައްޔާރުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދު ޖަޕާނަށް ފުރާ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި ދަތުރުފުޅު ނިންމަވާލުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށް ބުންޏެވެ.

މިނިސްޓަރު ޝާހިދުގެ އެ ދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ޝުގާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެ ކަމަށާއި އަދި ޖަޕާނުގެ ފޮރިން މިނިސްޓަރާވެސް ބައްދަލު ކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، އދ.ގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުންނާއި އާއްމު މޖިލީހުގެ ރިޔާސަތާ އެކުގައި ޖަޕާނުން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ޖަޕާން ސަރުކާރާ ދެމެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ރާއްޖެ އާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންވެސް ޖަޕާން ސަރުކާރާ އެކު މިނިސްޓަރު ޝާހިދު މަޝްވަރާ ކުރައްވާނެ ކަމަށް ބުންޏެވެ.