ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ މިއަހަރުގެ ތިން ވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިންވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓުތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ބޭންކުން ވަނީ ކަނޑައަޅައިފައެވެ.
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 11 އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު [email protected] އަށް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލުން ހުޅުވާލައިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 50 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.
ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތާއި ޕްރޮޕޯސަލް އަދި އެޕްލިކޭޝަން ފޯމު ބީއެމްއެލްގެ ވެބްސައިޓް www.bankofmaldives.com.mv/community-fund އިން ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު