އިސްލާމްދީނަކީ އަހަރުށި މާތް اللّـه ފޮނުއްވި ތެދުވެރި ދީނެވެ. ޙައްޤު ދީނެވެ. ހަމައެފަދައިން އެދީނަކީ ފިޠުރަތުގެވެސް ދީނެވެ. ކޮންމެ ތަނެއްގައިވެސް ކޮންމެ ދާއިރާއެއްގައިވެސް އެދީން ވަނީ އިންސާނީ ކަރާމަތާއި ޢަދުލުއިންޞާފުގެ ދިދަ އުފުލައިފައެވެ. އިންސާނީ ޙަޔާތުގެ ކޮންމެ މައިދާނެއްގައިވެސް އެދީންވަނީ ޙައްޤާއި ރަނގަޅު ގޮތްތަކަށް މަގުދައްކައިފައެވެ. އިޖުތިމާޢީ ދާއިރާގައެވެ. އިޤުތިޞާދީ މައިދާނުގައެވެ. ސިޔާސަތާއި ރަށްވެހިކަމުގެ ދާއިރާގައެވެ. އަދި ކީއްތޯއެވެ؟ ހަނގުރާމައިގެ މައިދާނުގައިވެސް އެދީން ވަނީ ޙައްޤާއި އިންސާފާއި އިންސާނިއްޔަތުކަމަށް މަގުދައްކައިފައެވެ. އިސްލާމްދީން ހަނގުރާމައިގެ ހުއްދަ ދިނީ ޚާއްޞަ މަޤުޞަދެއްގައެވެ. ހަމަތަކަކާއި އުސޫލުތަކުގެ އަމާޒުފަތްގަނޑެއް ކަނޑައެޅުމާއެކުގައެވެ. އިސްލާމްދީންވަނީ އިސްލާމީ ލަޝްކަރުތައް ވަޙުޝީކަމާއި ދުނިޔަވީ ދަހިވެތިކަމާއި، ފޭރުމާއި، ލޫޓުވުމާއި، އަނިޔާވެރިވުމާއި މިފަދަ ނުބައި ޚަޞީލަތްތަކުން އެއްކިބާކޮށްފައެވެ.
އިސްލާމްދީން ފޮނުއްވުމުގެ ކުރިން ދުނިޔޭގައި އޮތީ ވަޙުޝީކަމާއި އަނިޔާވެރިކަމާއި ހިތްހަރުކަމެވެ. އާރެއް ބާރެއް ނެތް ބަލިކަށި މީހުންނަށް އަނިޔާ ކުރުމެވެ. ނިކަމެތީން ފައިދަށުލުމާއި މީހުން މަރައި މަގުފޭރި އުޅުމެވެ. އެއީ އެދުވަސްވަރުގެ އާދައެވެ. ޤައުމުތަކާއި ޤަބީލާތަކުގެ ވެރީންގެ ނަޒަރުގައި އެކަންކަމަކީ އެބައިމީހުންނަށް ލިބިފައިވާ ޙައްޤެކެވެ. އެ އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް އަޑުއުފުލާނެ ހިތްވަރެއް އެދުވަސްވަރު އިންސާނުންގެ ކިބަޔަކު ނުހުރެއެވެ.
އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ރިސާލަތާއިގެން ވަޑައިގެންނެވުމަށްފަހު އެންމެފުރަތަމަ މަރުޙަލާގައި އެމާތް ސާހިބާވެސް ދެއްވަމުން ގެންދެވީ އަނިޔާއާއި ބޭއިންސާފާމެދު ކެތްތެރިވުމުގެ އިރުޝާދެވެ. މުސްލިމުންނަށް ބޮޑެތި އަނިޔާތައް ލިބެމުން އިންސާނީ ޙައްޤުތަކުން މަޙުރޫމް ކުރެވެމުން ދިޔައިރުވެސް އެމާތް ސާހިބާ ދެއްވަމުން ގެންދެވީ ސާބިތުކަންމަތީގައި ހިމޭނުން ތިބުމުގެ އިރުޝާދެވެ. ޚުދު އެމާތް ސާހިބާވެސް ގެންދެވީ އިހާނެތިކޮށް ހިތެވުމަށާއި، ބޭއިންސާފުން މުޢާމަލާ ކުރެވުމަށާއި އަނިޔާ ލިބިވަޑައިގަތުމާމެދު ކެތްތެރިވަޑައިގަންނަވަމުންނެވެ. އެމާތް ސާހިބާގެ ހަށިކޮޅުން ލޭއޮހޮރުވައިލެވުނެވެ. ހިންގަވާ މަގަށް ކަށިތަކާއި ކުނިބުނި އަޅައި ހިންގަވަން އުނދަގޫކުރިއެވެ. އަމިއްލަފުޅު ގަނޑުވަރުގައި ނަމާދު ކުރައްވަން އިންނަވާއިރުވެސް ގައިކޮޅަށް ނަޖިސްތަކެތި އުކައެވެ. ބަދިގެކޮޅުގެ އުނދުންމައްޗަށް އެއްޗެއް އުއްދަވައިފިނަމަ އެއެއްޗަކަށްވެސް ނަޖިސް ކުނިބުނި އުކައެވެ. އެމާތް ސާހިބާއާއި އެމާތް ސާހިބާގެ އަހުލުބައިތުން ޙިޞާރުކޮށް އިޖުތިމާޢީގޮތުންނާއި އިޤުތިޞާދީގޮތުން ބޮއިކޮޓް ކުރިއެވެ. ތުއްޕުޅު ބޭފުޅުންނަށް ދަންދެން ހައިހޫނުކަމުގައި ތިއްބަވަން މަޖުބޫރު ކުރިއެވެ. އެމާތް ސާހިބާގެ ޞަޙާބީންގެ ހަށިކޮޅުން ލޭކޮށައިލެވިފައިވާ ހާލުކޮޅުގައި ވަޑައިގެން ހަނގުރާމައިގެ އިޒުނަ އެދިވަޑައިގަންނަވަމުން ގެންދެވިއެވެ. އެބޭކަލުންގެ އުފަން ވަޒަނުގައި ސަލާމަތުން ތިއްބެވޭން ނެތިގެން ވަޒަނުން ބޭރުވެވަޑައިގެންނެވިއެވެ. އެކަމަކުވެސް އިތުރު ސާހިބާ އިރުޝާދު ދެއްވަމުން ގެންދެވީ ކެތްތެރިކަމުގެ އިމްތިހާނުން ރަން ނަތީޖާ ހޯއްދަވަމުން ގެންދެވުމަށެވެ. ކުރިމަތިވެފައިވާ މުސީބަތަކީ ވަގުތީ ކަމެއްކަމުގައެވެ. މައްކާގެ މުޝްރިކުންގެ އުނދަގުލާއި އަނިޔާއާއި ތުރާތަކުގެ ޠޫފާނީ ސައިލު މުސްލިމުންގެ ނޭފަތުކުރިޔާ ހަމަޔަށް އުތުރި އެރިއިރުވެސް ކީރިތި ޤުރްއާނުގައިވެސް އިރުޝާދު ދެއްވަމުން ގެންދެވީ ކެތްތެރިވުމަށެވެ. ކަލާނގެ ރަސްކަންފުޅަށް ވަކީލުކޮށް އިސްތިޣުފާރު ކުރަމުން ގެންދިޔުމަށެވެ.
ކައުސާހިބާ صلّــى اللّـه عليـه وسلّـم އާއި އެމާތް ސާހިބާގެ އަހުލުބައިތުންނާއި ޞަޙާބީން މައްކާގެ މުޝްރިކުންގެ ތުރާތަކާއި އަނިޔާތަކަށް ކެތްކުރައްވައި މުސީބާތް އުފުއްލަވަމުން ގެންދެވީ ކުޑަދުވަސްކޮޅަކު ނޫނެވެ. އަހަރެއް ދެއަހަރެއް ވަންދެނެއް ނޫނެވެ. ބަރާބަރު ތޭރަ އަހަރު އެހާލުކޮޅުގައި ހޭދަކުރެއްވިއެވެ. އެއަށްފަހު ޖެހިވަޑައިގެންނެވީ އަމިއްލަފުޅު ވަޒަނުން ބޭރުވެވަޑައިގެންނެވުމަށެވެ. ޙައްޤާއި މިނިވަންކަމާއި ޢަޤީދާގެ ދިފާޢުގައެވެ.
އަރަހުށި މާތް اللّـه މުސްލިމުންނަށް މަދީނާއަށް ހިޖުރަކުރެއްވުމުގެ ހުއްދަ ދެއްވުމުން އެބޭކަލުން މަދީނާއަށް ހިޖުރަ ކުރައްވައިފިއެވެ. އެބޭކަލުންގެ އުފުލޭ އަދި ނުއުފުލޭ ހުރިހާ އެއްޗެހިކޮޅުތަކެއް މައްކާގެ މުޝްރިކުންގެ އަތްމައްޗަށް ދޫކޮށްލައްވައިފައެވެ. ހުސް އަތްޕުޅާއިގެންނެވެ. އެބޭކަލުން މަދީނާއަށް ހިޖުރަކުރެއްވުމުން މައްކާގެ މުޝްރިކުން އެބީރައްޓެހިފުޅު ރަށުންވެސް އެބޭކަލުންނަށް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމެއް ލިބިވަޑައިގެންނެވިޔަކަ ނުދިނެވެ. އަމާންކަމުގެ ނޭވާފުޅެއް ލެއްވެވުނަކަ ނުދިނެވެ.
ކައުސާހިބާ صلّــى اللّـه عليـه وسلّـم މަދީނާއަށް ގެމަށްވަޑައިގެންނެވުމާއެކު މަދީނާގައި އިސްލާމީ ދައުލަތެއްގެ ބިންގާ އަޅުއްވައިފިއެވެ. އެމާތް ސާހިބާ ދެން ކުރިމަތިލެއްވީ އެމާތް ސާހިބާ އިންސާނިއްޔަތަށްޓަކައި ހިޔާލިބިދޭ މަލާއި މޭވާ އަޅާ ބިޔަގަހަކަށް ހައްދަވަން ބޭނުންފުޅުވި ހެޔޮކަމުގެ ނިރު މަދީނާގެ ވެށީގައި އިންދަވައި ހެދިފޯދޭގޮތް ހެއްދެވޭތޯއެވެ. މަދީނާއަކީ މުސްލިމުންނަށް ޙިމާޔަތާއި ރައްކާތެރިކަމުގެ މަރުކަޒެއްކަމުގައި ވޭތޯއެވެ. ނަމަވެސް މަދީނާގެ ކުޑަކުޑަ އިސްލާމީ ދައުލަތް ތަރައްޤީވަމުން އާރުލަމުން އެދައުލަތުގެ ނުފޫޒު ފެތުރެމުންދާތަން ދެކޭކަށެއްވެސް މައްކާގެ މުޝްރިކުންގެ ހިތްތަކަކަށް ފަސޭހައެއް ނުވިއެވެ. މަދީނާގެ މުނާފިޤުންނާއި ޔަހޫދީންނާ ގުޅިގެން އެދައުލަތުގެ ހީރަސްކަނޑައިލެވޭތޯ ބަނޑާއި ބުރަކަށީން އަޑުކިޔަންދެން ހިފަން ފަށައިގެންފިއެވެ. މަދީނާގެ އިސްލާމީ ދައުލަތުގެ ސަރަޙައްދަށް ޢަސްކަރީ ޙަމަލަތައް އަމާޒުކުރަން ފަށައިފިއެވެ. މުސްލިމުންނަށް ޖިހާދުގެ ހުއްދަ ދެއްވީ މިދެންނެވި ޙާލަތުތަކުގެ ލާޒިމީ ނަތީޖާއާ ގުޅުއްވައިގެންނެވެ. ޖިހާދުގެ ހުއްދަ ދެއްވުމުގެ ގޮތުން އެންމެފުރަތަމަ ބާވައިލެއްވި އާޔަތުގެ މާނައިގައިވެއެވެ.
"ހަނގުރާމަ ވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ އިޒުނަ ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން އެއުރެންނަށް އަނިޔާ ލިބުނުކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން އެއުރެންނަށް ނަޞްރު ދެއްވުމަށް، اللّـه ކުޅަދުންވަންތަކަން ކަށަވަރެވެ." (الحـجّ: 39)
އާދެ، މިއީ މާތް اللّـه ގެ މަގުގައި ހަނގުރާމަކުރުމާ ބެހޭގޮތުން އެންމެފުރަތަމަ ބާވައިލެއްވި އާޔަތެވެ. މިމާތް އާޔަތް ބާވައިލެއްވީ އިސްވެދެންނެވި ފަދައިން މުސްލިމުން މަދީނާގައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިފަހުންނެވެ. އެހައިތަނުންވެސް ކާފަރުންނާއި މުޝްރިކުންގެ ނުލަފާކަމާއި އެބައިމީހުންގެ ހައްދުފަހަނަޅައިފައިވާ އަނިޔާތަކާއި ތުރާތައް ނިމުމަކަށް ނައުމުންނެވެ. ދެވަނަ މަރުޙަލާގައި އަމުރުކުރެއްވީ މާތް اللّـه ގެ ޙައްޤު ދީނާ ދެކޮޅަށް ހަތިޔާރާއެކު ނުކުންނަ އެންމެންނަށްވެސް ކަނޑީގެ ޖަވާބު ކަނޑީން ދެއްވަމުން ގެންދެވުމަށެވެ. ބަދުރު ހަނގުރާމަ ކުރިމަތިވީ މިދެންނެވި ޢާއްމު އަމުރުފުޅަށް ފަހުގައެވެ.
އެހެންކަމުން މުސްލިމުން ކަނޑީގައި ހިފީ މާއްދީ ބޭނުމެއްގައިތޯ ނުވަތަ ދުނިޔަވީ މަންފާއެއް ހޯދުމުގެ ބޭނުމުގައިތޯ ބެލުމުގެ ސުވާލު އުފެދޭކަށެއް ނުޖެހެއެވެ. ބަޔަކަށް އަނިޔާކޮށް މުދަލާއި މުއްސަނދިކަން ފޭރުމުގެ މަޤުޞަދުގައިތޯ ބެލުމުގެ ސުވާލެއްވެސް ނުއުފެދެއެވެ. މުސްލިމުންގެ މަޤުޞަދަކީ ބާރުގެ ބޭނުންކޮށްގެން ބަޔަކު އިސްލާމްދީނުގެ ދާއިރާއަށް ވެއްދުންކަމުގައި ބުނާކަށެއް ނުޖެހެއެވެ. އަދި ކީއްތޯއެވެ. މުސްލިމުންގެ މަޤުޞަދަކީ މާތް اللّـه ގެ ބިންމަތީގައި ޢަދުލު އިންޞާފު ޤާއިމުކުރުމެވެ. އެހެންކަމުން މުސްލިމުންގެ ދިފާޢީ ނަޒަރިއްޔާ ބިނާވެފައިވަނީ މިދަންނަވާ އަސާސްތަކުގެ މަތީގައެވެ.
1. މުސްލިމުން މަދީނާގައި ޤާއިމުކުރި އިސްލާމީ ދައުލަތާއި މަދީނާގެ އިސްލާމީ މުޖުތަމަޢު ޙިމާޔަތްކުރުން.
2. ޙައްޤުގެ ނިޒާމު އެ އައިޑިޔޮލޮޖީއެއްގެ އަސާސުގެ މައްޗަށް ބިނާވެފައިވާ އައިޑިޔޮލޮޖީ ޙިމާޔަތްކޮށް ރައްކާތެރިކުރުން.
3. އިސްލާމީ އިންޤިލާބަށް ހުރަސްއަޅައިފާނެ އަދި އިންޤިލާބަށް ނުރައްކަލަކަށް ވެދާނެ ކޮންމެ ހަރަކާތްތެރި އަދި ހަލާކުކުރުވަނިވި ބާރަކަށް ހުއްޓުން އަރުވައިލުން.
4. ތަހުޒީބާއި އިންސާނިއްޔަތުގެ ލާބައާއި މަންފާ ދިރުވައި އާލާކުރުމުގައި ހުރަހަކަށްވެދާނެ ކޮންމެ އަނިޔާވެރި ސިޔާސީ ނުވަތަ އިޤުތިޞާދީ ނުވަތަ އިޖުތިމާޢީ ނުވަތަ ދީނީ ކޮންމެ ވެރިކަމެއް ނުވަތަ ބާރެއް މުގުރައި ފުނޑުފުނޑުކޮށްލުން.
5. އިސްލާމްދީން ފެތުރުމުގައި ކުރިމަތިކުރެވޭ ހުރަސްތައް ނައްތައިލައި ފުރިހަމަ މިނިވަންކަން ހޯދައިދިނުމާއި ބިންމަތީގައި އިންސާނީ ޙަޔާތުގެ ނިޒާމުތައް ޤާއިމުކޮށް ހިންގުމުގެ ބާރާއި އިޚުތިޔާރު ޞާލިޙު ބައެއްގެ އަތްމައްޗަށް ލިބިދިނުން. މި އަމާޒުތަކެވެ.
އެހެންކަމުން އިސްލާމީ ދައުލަތެއްގެ އަސްލު މަޤުޞަދު ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވަނީ މިދަންނަވާ މޭރުމުންނެވެ.
"އެއުރެންނީ ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރި ކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللّـه އަށެވެ." (الحـجّ: 41)
ޖިހާދުކުރުމުގެ ހުއްދަ ދެއްވުމަށްފަހު ވަނީ އާރެއް ބާރެއްނެތި އަނިޔާ ލިބެމުންދާ މީހުންނަށް އެހީވުމުގެ ގޮތުން މާތް اللّـه ގެ މަގުގައި ޖިހާދުކުރުމަށްވެސް ހިތްވަރު ދެއްވައިފައެވެ. ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
"އަދި، اللّـه ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދީންގެ ތެރެއިން، ނިކަމެތިވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އެއުރެންނީ، (މިފަދައިން) ދުޢާކުރާ މީހުންނެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އެރަށުގެ އަހުލުވެރީން އަނިޔާވެރިވެގެންވާ މިރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ ޙަޟުރަތުން ނަޞްރުވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!" (الـنّسـاء: 75)
ބަޔާންކޮށްފައިވާ ކީރިތި އާޔަތްތަކުން އެނގޭފަދައިން އިސްލާމްދީނުގައި ޖިހާދުގެ މަޤުޞަދަކީ ފަނާކުރުވަނިވި ލޭތަކެއް އޮހޮރުވުމެއް ނޫނެވެ. އަދި ކީއްތޯއެވެ. އިސްލާމީ ޖިހާދުގެ މަޤުޞަދަކީ ނިކަމެތި ފަންތީގެ މީހުންނަށް އަނިޔާ ލިބުނަ ނުދީހުއްޓުވުމެވެ. އިހާނެތިކޮށް ހިތެވުނަނުދީ މަނާކުރުމެވެ. ނުޙައްޤުން އޮހޮރުވެމުންދިޔަ ލޭއޮހޮރުވުންތައް ހުއްޓުވުމެވެ.
ޝައްކެއްނެތެވެ. އިސްލާމްދީނުގެ ނަބިއްޔާ محمّد صلّــى اللّـه عليـه وسلّـم ރިސާލަތައިގެން ވަޑައިގެންނެވީ ޢާލަމްތަކަށްހުރި ރަޙުމަތެއްކަމުގައެވެ. އެކަމަކު އެމާތް ސާހިބާގެ ރަޙުމަތުގެ އާރު ހިންގައިލެއްވުމުގެ މަސައްކަތްޕުޅަށް ބަޔަކު ހުރަސްއެޅިއެވެ. ނަތީޖާއެއްގެގޮތުން އެ އަނިޔާވެރީން މަގުން އެއްކިބާކޮށްލެއްވުމުގެ މަސްއޫލިއްޔަތުވެސް އެމާތް ސާހިބާއާ މަތިކުރެއްވިއެވެ. އަރަހުށި މާތް اللّـه އެކަލާނގެ ރަޙުމަތުގެ ނަބިއްޔާއާ މުޚާޠަބުކުރައްވައި ވަޙީކުރައްވައިފައިވެއެވެ.
"ފަހެ، اللّـه ގެ މަގުގައި ކަލޭގެފާނު ހަނގުރާމަ ކުރައްވާށެވެ. ކަލޭގެފާނުގެ އަމިއްލަ ނަފުސަށް މެނުވީ ކަލޭގެފާނަކަށް ތަކުލީފެއް ނުޖައްސަވާ ހުއްޓެވެ. އަދި (ހަނގުރާމަ ކުރުމުގެ މައްޗަށް) މުއުމިނުންނަށް ކަލޭގެފާނު ހިތްވަރު ދެއްވާށެވެ! ކާފިރުވި މީހުންގެ ބާރު، اللّـه ނެތިކުރެއްވުން ގާތެވެ. އަދި، ބާރުވެރިކަމުގެގޮތުން اللّـه ގަދަފަދަވަންތަކަން ބޮޑެވެ. އަދި ޢަޒާބުދެއްވުމުގައިވެސް ގަދަފަދަވަންތަކަން ބޮޑުމެއެވެ." (الـنّسـاء: 84)
މިމާތް އާޔަތުގައި އަރަހުށި މާތް اللّـه ވަނީ ޖިހާދު ކުރެއްވުމުގެ ހުރިހައި މަސްއޫލިއްޔަތެއް ކައުސާހިބާ صلّــى اللّـه عليـه وسلّـم އާ ޙަވާލުކުރައްވައިފައެވެ. ނަބީކަމާއި ރަސޫލުކަމުގެ އިތުރަށް ކޮމާންޑަރ އިން ޗީފުކަމުގެ މަގާމަށްވެސް އިތުރު ސާހިބާ ޢައްޔަންކުރެއްވި ކަހަލައެވެ. މާތް اللّـه ގެ ރަސޫލާ صلّــى اللّـه عليـه وسلّـم ކޮމާންޑަރ އިން ޗީފުގެ މަސްއޫލިއްޔަތު އެކަލޭގެފާނާ ހަވާލުކުރެވުމުން އެ މަސްއޫލިއްޔަތުވެސް ނުހަނު ފުރިހަމަޔަށް އަދާކުރެއްވިއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަކީ ޢަސްކަރީ އެއްވެސް މަދަރުސާއަކުން ދަސްވެނިވެވަޑައިގެން ހުންނެވި ބޭކަލެއް ނޫނެވެ. ޖާހިލިއްޔަތުގައިވެސް އެމާތް ސާހިބާ ހަނގުރާމައާއި ތަޅައިފޮޅުމުގައި ބައިވެރިވެވަޑައިގެން ތަޖުރިބާ ހޯއްދަވައިފައެއް ނުވެއެވެ. ނަމަވެސް އެމާތް ސާހިބާ އެކަލޭގެފާނުގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާ ފުރިހަމަޔަށް އިޙުސާސުކުރެއްވިއެވެ. އަރަހުށި މާތް اللّـه އެމާތް ސާހިބާއަށް ދެއްވައިފައިވާ ތޫނު ވިސްނުންފުޅާއި، މަތިވެރި ތަރުބިޔަތުގެ ސަބަބުން އެމާތް ސާހިބާ މުސްލިމުންގެ ދިފާޢީ ނިޒާމު ރާއްވަވައިލެއްވީ އަންތަރީސްވާހައި މޮޅަށެވެ. އެންމެމަތީ ދަރަޖައިގެ ޢަސްކަރީ ޖަނަރަލުންނަށްވެސް ވިސްނުންފުޅު ނުފޯރުއްވެވޭހައި ފުރިހަމަކޮށެވެ. އެންމެ އަރައިތިއްބެވި ޢަސްކަރީ މާހިރުން އެކަމާ ހައިރާންފުޅުވެވަޑައިގެން ހަހުރަކުރައްވަން ޖެހިވަޑައިގެންނެވި ފެންވަރަކަށެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު