އުމުރުން އެންމެ 10 އަހަރުގައި ޖީސީއީ އޯލެވެލްގެ ކެމިސްޓްރީ ހަދައި އޭ ސްޓާ ހޯދި ހުރަވީ ސްކޫލްގެ ދަރިވަރު ހއ. އިހަވަންދޫ، ވަފާ، ރަޔާން ރިޔާޒް އަބްދުލް ވާހިދާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަޔާން އަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. އެގޮތުން އެހާ ޅަ އުމުރެއްގައި ރަޔާން، ޖީސީއީ އޯލެވެލްގެ ކެމިސްޓްރީން އެފަދަ މަތީ ވަނައެއް ހޯދުމުން އެމަނިކުފާނު އެކަމަށް ތައުރީފު ކުރައްވައި، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް ރަޔާންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ރަޔާންގެ މަންމަ، ޢާއިޝަތު ޔުމްނާ އަށާއި ބައްޕަ މުހައްމަދު ރިޔާޒަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރަޔާން ހޯދި ކާމިޔާބީއަށް ހިތްވަރުދެއްވުމުގެ ގޮތުން ހާއްސަ އިނާމެއް އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރަޔާން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަޔާންގެ މަންމަ ޔުމްނާ ވިދާޅުވިގޮތުގައި ރަޔާން ކުޑައިރުއްސުރެ ވެސް ފޮތް ކިޔުމަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓައެވެ. އަދި ރަޔާންގެ މަންމައަކީ ކެމިސްޓްރީ ޓީޗަރަކަށް ވުމާއެކު ރަޔާން ވަރަށް ގިނައިން ގޭގައި ކެމިސްޓްރީ ފޮތް ކިޔާކަމަށާއި، އޯ ލެވެލް އަށް ތައްޔާރުވެފައި ވަނީ ޕެންޑެމިކްގެ ހާލަތުގައި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ރަޔާންގެ ބައްޕަ މުހައްމަދު ރިޔާޒް ދެއްކެވި ވާހަކައިގައި، ރައީސުލްޖުމްހޫރިއްޔާ ރަޔާންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވައި މި ބައްދަލުކުރެއްވުމުގެ ސަބަބުން އިތުރަށް ހިތްވަރު އާވެގެންދިޔަކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްާ އޮފް އެޑިއުކޭޝަން ޑޮކްޓަރ އާއިޝަތު އަލީ އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސްވެރިންނާއި، ހުރަވީ ސްކޫލްގެ ޕްރިންސިޕަލް އަބްދުއްﷲ ރަޝީދު ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު