ނޫސްވެރިންނާ ދެކޮޅަށް ކުރާ ކުށްކުށަށް އިންސާފު ގާއިމު ނުކުރެވުމުގެ މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކުލަވާލި ރިޕޯޓް، "ޗޭސިން ޖަސްޓިސް" އިފްތިތާހުކޮށްފިއެވެ.
މި ރިޕޯޓު ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ އިއްޔެ ހަވީރު ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓްގައި އޮތް ހަފުލާއެއްގައެވެ. މި ހަފުލާގެ ޝަރަފުވެރި މެހެމާނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާއެވެ.
މި ރިޕޯޓަކީ ބްރިޓިޝް ހައި ކޮމިޝަންގެ އެހީއާ އެކު އެމްޖޭއޭ އާއި އައިއެފްޖޭ އިން ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ނޫސްވެރީންނަށް ކުރާ ގަނާތަކުގެ ތާރީހާއި މިފަދަ ކުށްތައް ކުރާ މީހުންނަށް ލިބިފައިވާ މިނިވަންކަމުގެ ވާހަކަ އާއި ނޫސްވެރީންނަށް އޮތް ނުރައްކަލުގެ މިންވަރަކީ ކޮބައިކަން ކިޔައިދޭ ސާވޭއެއް ވެސް ޗޭސިން ޖަސްޓިސްގައި ހިމަނެއެވެ. އަދި މުސްތަގުބަލަށް ވިސްނައި، މިފަދަ ކަންކަން ހުއްޓުވޭނެ ގޮތްތަކަކީ ކޮބައިކަން ބަޔާން ކޮށް މީޑިއާތަކުގައި މަސައްކަތްކުރާ މީހުން ފާހަގަކޮށްފައިވާ މުހިއްމު ނުކުތާތަކެއް ވެސް ހިމަނާފައިވެއެވެ.
މީގެ އިތުރުން މިހާރު ވެރިކަން ކުރާ ސަރުކާރުން މިފަދަ ކުށްތައް ކުރާ މީހުންނާ ދެކޮޅަށް ކުރަނީ ކޮންކޮން ކަންކަމެއް ކަން ވެސް މި ރިޕޯޓުގައިވެއެވެ. އިންސާފު ލިބިގަތުން ލަސްވެފައި ވަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅައިގޮސްފައިވާ ފިކުރަށް ބޯލަންބުވައިފައި ތިބި ބަޔަކު އިސްލާމްދީނުގެ ނަމުގައި ހިންގާ ކުށުގެ އަމަލުތަކުން ކަން ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ރަސްމިއްޔާތުގައި އެމްޖޭއޭގެ ރައީސް މުހައްމަދު ހަމްދޫން ވިދާޅުވީ ނޫސްވެރީންގެ ރައްކާތެރިކަން ކަށަވަރުކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ އެކަންކަމަށް ލިބިގެންދާ ވަރަށް ބޮޑު އެހީއެއް ކަމަށާއި އެކަންކަން މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާނެ ކަމަށެވެ. އަދި މީޑިއާތަކުގެ ހައްގުތަކަށް އަރައިގަނެފައިވާ މިންވަރާއި ކުށްތައް ކުރާ މީހުންނަށް މިނިވަންކަން ދެވިފައިވާ ގޮތްތައް ވެސް ރިޕޯޓްގައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު