ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ރުހުން ދީފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ، ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް އެކްސްޗޭންޖް މާކެޓުގައި މިހާރު އޮތް ރެގިއުލޭޓަރީ ފްރޭމްވޯކް އިސްލާހުކުރުމުގެ މަސައްކަތްތައް ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާ ކުރުމުން، އޭގައި ހިމެނޭ ކަންކަމަށް ރުހުން ލިބިފައިވާ ކަމަށެވެ.
ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ފިޔަވަޅުތައް އަޅަން ނިންމި ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް ވިދާޅެއް ނުވެއެވެ. އިމާދު ވިދާޅުވީ، އެ ފިޔަވަޅުތައް ފުރިހަމަ ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ ބަސް ހޯދައިފައިވާނެ ކަމަށެވެ. އަދި ޑޮލަރުގެ ކަޅުބާޒާރު ކޮންޓްރޯލް ކުރުމަށް މިމަހުގެ ތެރޭގައި ބައެއް މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މި މައުލޫމާތު އިތުރަށް ފުރިހަމަކުރުމަށްޓަކައި ބޭރުގެ ޕާޓީތަކާ މަޝްވަރާ ކުރެވި، އިތުރަށް ވަނީ ފައިންޓިއުން ކުރެވިފައި،" އިމާދު ވިދާޅުވިއެވެ.