ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބުރާންޗުތަކުގެ މުވައްޒަފުން އިސްނަގައިގެން މުޖުތަމައަށް އެހީތެރިވުމަށް ހަރަކާތްތަކެއް ހިންގައިފިއެވެ.
މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ށ. ފުނަދޫ، ނ. މަނަދޫ، ފ. ނިލަންދޫ، ތ. ގުރައިދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގައެވެ.
އެގޮތުން ފުނަދޫ ބުރާންޗުގެ މުވައްޒަފުން ވަނީ އެރަށު ބަނދަރު ސަރަހައްދުގައި ހަދާފައިވާ ހަޓު ސާފުކޮށް ކުލަލައި ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކޮށްފައެވެ. މަނަދޫ ބުރާންޗުގެ ފަރާތުން ވަނީ އެ ރަށު އިރުމަތީ ފަރާތުގެ އަތިރިމަތީ ސަރަހައްދުގައި 25 ޖޯލި ބަހައްޓައި ރަށުގެ ކުޑަކުދިން ބޭނުންކުރުމަށް ހާއްސަކޮށް އުނދޯލި ހަރުކޮށްފައެވެ.
ނަލަންދޫ ބުރާންޗުގެ މުވައްޒަފުން ވަނީ އެރަށު ބީޗު ސަރަހައްދުގައި ހުރި ޖޯލިތައް ބަދަލުކޮށް، ޑަސްޓް ބިން ބަހައްޓައި، މޫދަށް ދާ ފަރާތްތަަކަށް ފެންވެރުމަށް ހާއްސަ ތަނެއް ގާއިމުކޮށް، ބާބަކިއު ސްޓޭންޑް ބަހައްޓައި، އެ ސަރަހައްދު އިތުރަށް ޒީނަތްތެރިކޮށްފަ އެވެ. ގުރައިދޫ ބުރާންޗުގެ މުވައްޒަފުން ވަނީ އެރަށުގެ ޔޫތް ސެންޓަރުގެ އެތެެރެ އާއި ބޭރު ފާރުގައި ކުލަލައި އެ ސެންޓަރުގެ ހުރިހާ ލައިޓުތައް ބަދަލުކޮށްފައެވެ.
ތިނަދޫ ބުރާންޗުގެ މުވައްޒަފުން ރަށުގެ މިއުޒިއަމް ޕާކުގައި ކުލަލައި އެތަން ޒީނަތްތެރި ކުރި އިރު، އައްޑޫ ސިޓީ ހިތަދޫ ބުރާންޗުގެ މުވައްޒަފުންނާއި ގަން ބުރާންޗުގެ މުވައްޒަފުންގެ އިތުރުން ބީއެމްއެލް ކޮންޓެކްޓް ސެންޓަރުގެ މުވައްޒަފުން ގުޅިގެން 'ހަންކެޑަ' ޕިކްނިކް ސަރަހައްދަށް އިތުރު ފުރިހަމަ ވަނީ ގެނެސްދީފައެވެ.
އެގޮތުން އެ ސަރަހައްދު ސާފުކޮށް ޑަސްޓް ބިން ބަހައްޓައި އެ ސަރަހައްދު ފާހަގަކުރުމަށް ނަން ބޯޑު ވަނީ ބަހައްޓައިފައެވެ.
ބީއެމްއެލުން ބުނީ، އެ ބޭންކުގެ އަތޮޅު ތެރޭގެ ބުރާންޗުތަކާއި ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކަކީ މުޖުތަމައުގެ ލާބަ އާއި މަންފާއަށް ހިންގި ހަރަކާތްތަކެއް ކަމަށެވެ. އަދި މިދިޔަ މާޗު މަހުގައިވެސް ބީއެމްއެލްގެ މުވައްޒަފުން އެފަދަ ހަރަކާތްތަކެއް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ހިންގާފައިވާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު