ޚަބަރު

ރާއްޖޭގެ އާބާދީގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ 20،239 ކުދީންނަށް ވެކްސިން ޖަހައިފި: އެޑިޔުކޭޝަން

ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 20،239 ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ކޮވިޑުން ދިފާއުވުމަށް 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގައި މާލެ އާއި އަތޮޅު ތެރެއިން މިހާތަނަށް 20،239 ދަރިވަރުންނަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށެވެ.

މި ހިނގާ އޯގަސްޓް 15 ވަނަ ދުވަހުން ފެށިގެން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ފަށާފައިވާއިރު، މި އުމުރުފުރާގެ ކުދީންނަށް ދޭން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ.

ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް އިސްލާމީ މަރުކަޒުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ. އަދި ވެކްސިން ޖަހަނީ ކުރިއާލައި އެޕޮއިންޓްމަންޓް ދޫކޮށްގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މާލެ އާއި އަތޮޅު ތެރޭގެ ޖުމުލަ 19 ސުކޫލެއްގެ ދަރިވަރުންނަށް ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ގާތްގަނޑަކަށް 35000 އެއްހާ ދަރިވަރުން އެބަތިބި ކަމަށެވެ.