ޒިކުރާ މިސްކިތް އިމާރާތްކުރުމަށް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލަ ދެ މަސްތެރޭގައި ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.
އެ މައްސަލައިގައި ޑރ. ޒިޔާދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އެވެ.
ޒިޔާދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ދާރުލް ޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާއެކު ކުރީގެ އިސްލާމިކް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ބުނާ މައްސަލަތަކެއްގައެވެ. އެ މައްސަލައިގައި ދައުވާކުރުމަށް ޕީޖީން ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި އޮތީ އިބްތިދާއީ ގޮތުން މައްސަލަ ކުރިއަށް ގެންދިއުމާއި މެދު ގޮތެއް ނިންމުމެވެ. ދެ ފަރާތުގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް ގާޒީ މުހައްމަދު މިސްބާހު ނިންމާފައިވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއުން ވަނީ މައްސަލަ ދިގުލައިގެންދާކަން ފާހަގަކޮށް ވީހާވެސް އަވަހަކަށް މައްސަލަ ނިންމައިދިނުމަށް އެދިފަ އެވެ.
ޖަވާބުގައި ގާޒީ މިސްބާހު ވިދާޅުވީ، އެ މައްސަލައަކީ މީގެ ކުރިން އެހެން ގާޒީއެއް ބެއްލެވި މައްސަލައެއް ކަމަށެވެ. ގާޒީ މިސްބާހުއާ މައްސަލަ ހަވާލުވި ފަހުން މިއަދު ވަނީ ފުރުތަމަ އަޑުއެހުން ބާއްވާފަ އެވެ. އަދި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމާއި ހަމައަށް ގެންދަވާނެ ކަމަށް ގާޒީ މިސްބާހު ވިދާޅުވި އެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި ދިހަ ބުރީގެ އިމާރާތެއް ހެދުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެން ޖެހޭ މައުލޫމާތު ނެތްއިރު، އެ ޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓުގައި އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށް، އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ހިިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށާއި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެ ކުންފުންޏަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޒިޔާދުގެ އިތުރުން، ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ޕްރޮޕޯސަލްތައް ހޯދިއިރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ވަނީ ކޮށް ފައެވެ.
ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތްކުރަން އެސްޖޭއާ ހަވާލުކުރަން ނިންމި ނިންމުން އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އުވާލައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު