ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލު ކޮށްފި އެވެ.

އެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރު އެވެ.

މި ދެ ދައުވާގެ އަޑުއެހުންތަކެއް މީގެ ކުރިންވެސް ވަނީ ބާއްވައިފައެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުން ނިންމާލާފައިވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެވެ.

މާދަމާ އޮންނަ އަޑުއެހުމުގައި އޮންނާނީ އެ ހުށަހަޅުންތައް ހުށަހެޅުމެވެ. މައްސަލަ ފެށުމުގެ ކުރިން އެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމަން ޖެހޭނެ އެވެ.

ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތު ކުރުމަށް، ހެކިން ދީފައިވާ ބަޔާންތަކަކީ ދޮގު ބަޔާންތަކެއްކަން ޝަރީއަތުގެ މަޖިލީހުގައި ސާބިތު ކޮށްދެއްވާނެކަމަށް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، އެއާ ނުލައި ދިފާއު ބިނާ ނުކުރެވޭ ވަރުގެ މުހިއްމު ލިޔުންތަކެއް، އެފަރާތަށް ލިބިފައި ނުވާ ކަމަށާއި އެ ލިޔުންތައް ނުދީ ދައުލަތުން ހިފަހައްޓާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުން، ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށް ޓަކައި ބޭނުންކޮށްފައެވެ.

އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.

މި ދެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ކުރާއިރު، މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާ ކޮށް، ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.