ބޮލީވުޑަށް ނުކުންނަން ބޭނުންވާ ކަން ހާމަކުރުމުން އޭނާ ހުތުރު ކަމަށް ބުނެ ރައްޓެހީން މަލާމަތްކުރިކަމުގައި ރޭކާ ބުނެފި އެވެ.

އެކަމަކު ރައްޓެހީންނަށް ގޮން ޖަހައި އެ މީހުންގެ ވިސްނުމާ ދެކޮޅަށް ކުޅުނު ފިލްމު ''ސާވަން ބާދޯން'' ރިލީސްވުމުން އޭނާގެ ރައްޓެހިން ލަދުގަންނަން ޖެހުނު ކަމުގައި ރޭކާ ބުނެއެވެ.

1970ގެ އަހަރުތަކުގައި ބޮލީވުޑަށް ނުކުތް ރޭކާ އަކީ އިންޑަސްޓްރީގައި ވިދާލި އަދި މިހާރުވެސް ފަނޑުވުމެއް ނެތް އަލިގަދަ ތަރިއެކެވެ. ''ސިލްސިލާ'' ''އުމްރާއޯ ޖާން'' ''ހޫބްސޫރަތު'' ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެދިން ރޭކާއަށް އޭނާގެ ރައްޓެހިން ކުރި މަލާމާތުގެ ވާހަކަ ހިއްސާކޮށްފައި ވަނީ ކުރީގެ އިންޓަވިއުއެއްގައެވެ.

މީގެ ކުރިން ސިމީ ގަރްވާލް ޝޯއެއްގައި ވާހަކަ ދައްކަމުން ރޭކާ ބުނެފައިވަނީ އޭނާގެ ހުވަފެން ހާމަކުރުމުން ރައްޓެހިން އެކަން ކުރެވޭނެ ކަމަށް ގަބޫލުކޮށްފައި ނުވާ ކަމަށެވެ. ރައްޓެހީން ގާތު އޭނާ އެކްޓުކުރުމަށް ބޭނުންވާ ކަން ހާމަކުރުމުން ''ލޯގަނޑުން އަމިއްލަ ސިފަ ދެކުނިންތޯ؟'' ސުވާލު ކުރިކަމަށްވެސް ރޭކާ ބުނެއެވެ. ނަމަވެސް ފުރަތަމަ ފިލްމުގެ ކާމިޔާބާއެކު އޭނާ ވިދާލި ކަމަށާއި، ސްކޫލުގައި އެކުގައި ކިޔެވި ކުދީން އޭނާއަށް ހަސަދަވެރިވި ކަމުގައިވެސް ރޭކާ ބުނެއެވެ. އަދި ރައްޓެހީންނާ ދިމާވުމުން އޭނާއަށް އެކަން ހާސިލު ކުރެވިއްޖެކަމަށް ބުނުމުން އެމީހުން ލަދުން އިސްދަށަށް ޖަހަން ޖެހުނު ކަމުގައި ރޭކާ ވަނީ ފާހަގަކޮށްފައެވެ.

މި އިންޓަވިއުގައި ރޭކާ ބުނެފައިވަނީ އުމުރުން 13 އަހަރު ފުރުނުއިރުވެސް އެކްޓުކުރުމުގެ ހިޔާލެއް ނެތް ކަމަށެވެ. ރޭކާގެ އަސްލު ނަމަކީ ބަނޫރޭކާ އެވެ. އަދި 13 އަހަރުވަންދެންވެސް ބަނޫރޭކާގެ ހުވަފެނަކީ ބޮޑުވެގެން މީހަކާ އިނދެ ގިނަ ކުދީންތަކެއް ހޯދުން ކަމުގައި އޭނާ ވަނީ ބުނެފައެވެ.