ކ. ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވައި އެތަން ރިހެބިލިޓޭޓް ކުރެވެންދެން، ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެންވަޔަރްމެންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ވެމްކޯއާ ގުޅިގެން ފަށާފައިވާ އެ މަސައްކަތުގެ ދަށުން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ދުންއެރުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ގާއިމުކުރާ އިރު ބަލަނީ އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެ މަސައްކަތްކޮށް ނިންމައިލުމަށް ކަމަށް ބުންޏެވެ.

"ނަމަވެސް މި ގޮނޑަކީ އެތަކެއް އަހަރު ވަންދެން ކުނި އަޅައި، އަންދަމުންދާ ގޮނޑެއް ކަމުން ތިލަފުށީގެ ހާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެވެސް ވަރަކަށް ކޮނެ، ހަދަން ޖެހިދާނެތީ ބައެއް ދުވަސް ދުވަހު އާދަޔާ ހިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެކެވެ،" މިނިސްޓްރީގެ އިއުލާނުގައިވެއެވެ. އަދި އެއީ ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ކުރިމަތިވެދާނެ އުދަނގުލެއް ކަމުގައި ފެންނާތީ އެކަން ސަމާލުކަމަށް ގެންނަ ކަމަށް ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ތިލަފުށީގެ ގޮނޑުން ދުން އަރާ މައްސަލައަށް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހައްލެއް ހޯދަނީ އޭޑީބީގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާ ވެސް އެކު ކަމަށެވެ. އަދި އެ މިނިސްޓްރީން އަންނަނީ ދުން އެރުމުގެ މައްސަލަ އަށް އޮކްޓޯބަރު މަހުގެ ނިޔަލަށް ހައްލެއް ހޯދައި، އެ ތަނުގައި ކުނި މެނޭޖުކުރާނެ ރަނގަޅު ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ބުންޏެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އަންނަނީ އޭޑީބީ އާއި އޭޝިއަން އިންފްރާސްޓްރަކްޗަރު އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އަދި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް)ގެ އެހީއާއެކު ތިލަފުށީގައި ކުނި މެނޭޖު ކުރާނެ ޒަމާނީ ފެންވަރުގެ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އައިޑީބީގެ އެހީއާއެކު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.