(16 އޯގަސްޓުގެ އަދަދާ ގުޅޭ)

ތުއްތުކުދީންދެކެ ނުހަނު ލޯބިފުޅުވާ ނަބިއްޔާ އެކުދީންގެ ތާހިރު ޖަޒުބާތަށް ލޯބިފުޅާއެކު މަރުޙަބާ ވިދާޅުވިއެވެ. އެކުދީންނާ ބަސްފުޅު ވިދާޅުވެ، އެމާތް ސާހިބާ އެކުދީންދެކެ ލޯބިފުޅުވެވަޑައިގަންނަވާ ވާހަކަ ވިދާޅުވިއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ފައިބައިވަޑައިގެންނެވީ، أبــو أيّــوب الأنـصـارى رضى اللّـه عـنــه ގެ ގެކޮޅަށެވެ. އަމިއްލަފުޅު ވަޒަނެއްކަމުގައި ހެއްދެވީ مسجدالـنّـبــوى އާ އިންވެގެން ހެއްދެވި ސާދާ ކޮޓަރިކޮޅުތަކެވެ.

މަދީނާއަށް ފައިންޕުޅު ބީއްސެވުމަށްފަހު ކައުސާހިބާ صلّــى اللّـه عليـه وسلّـم ސަމާލުކަންދެއްވީ އެމާތް ސާހިބާގެ ބިނާކުރެއްވުމުގެ މަސައްކަތްޕުޅަށެވެ. މިގޮތުން އެންމެ ފުރަތަމަ އެމާތް ސާހިބާގެ މިސްކިތްކޮޅުގެ ބިންގާ އަޅުއްވައި އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި ތަރުތީބުކުރަންޖެހޭ ގޮތުގެ ނަމޫނާ ދެއްކެވިއެވެ. އެ މިސްކިތްކޮޅަކީ ހަމައެކަނި އަޅުކަންކުރުމުގެ މަޙައްލެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ އިސްލާމްދީނުގެ ތަމައްދުނީ ނިޒާމުގެ މަރުކަޒެވެ. دارالــرّيــاســة އެވެ. މަޝްވަރާ ކުރެއްވުމުގެ ދަރުބާރެވެ. ސަރުކާރުގެ މެހުމާނުސަރާއެވެ. ޖުމްހޫރީ دارالـعـلــوم އެވެ. ޤައުމީ ލެކްޗަރ ހޯލެވެ. އެންމެ ޢަދުލުވެރި ޝަރީޢަތްތައް ކުރެވުނު ފަނޑިޔާރުގެވެސްމެއެވެ.

އެމިސްކިތްކޮޅާއެކު އެމާތް ސާހިބާ ދިރިއުޅުއްވުމަށްޓަކައި ކަދުރު ރުކުގެ އޮށްޓާއި ފަނުން ކޮޓަރިކޮޅުތަކެއްވެސް ހެއްދެވިއެވެ. އެކޮޓަރިކޮޅުތަކާމެދު އެންމެ ޙަޤީޤަތާ އެއްގޮތް ދެންނެވުމަކަށްވާނީ ޖިފުޓިތަކެކޭ ދެންނެވުމެވެ.

ދެވަނަކަމަކަށް ހެއްދެވީ، މުހާޖިރުން މަދީނާގައި އާބާދުކުރެއްވުމާއި، އަންޞާރުންނާއި މުހާޖިރުންގެ މެދުގައި ޖާހިލީ عـصـبـيـّـة އަށް ކުޑަވެސް ޖާގައެއް ނޯންނާނެގޮތުން، އެބޭކަލުންގެ މެދުގައި އަޚުވަންތަކަން ޤާއިމުކުރެއްވުމެވެ. އެގޮތުން ޤުރައިޝުންނާއި، أوس ވަންހައާއި، خــزرج ވަންހަ މައްސުނިކުރައްވައި އަޚު ކުރެއްވިއެވެ. އެކަން ކުރެއްވީ ޤާނޫނެއްގެ ނުވަތަ އޯޑިނެންސެއްގެ ބާރަކުން ނޫނެވެ. އަޚުލާޤީ ގޮވައިލެއްވުމެއްގެ ޒަރީޢާއިންނެވެ. އެގޮވައިލެއްވުމަށް އިޖާބަދެއްވައި أنـصــار ންނާއި مـهــاجــر ން އެކުވެރިވެވަޑައިގަތީ ކިރާއި ހަކުރާ ފަދައިންނެވެ.

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ދަޢުވަތު ޤަބޫލުކުރައްވައި މަދީނާއަށް ހިޖުރަކުރައްވަމުން ގެންދެވި ބޭކަލުންނަކީ، ފަހަރެއްގައިވެސް ހަމައެކަނި އެބޭކަލުންނަށް އަމާންކަމުގެ ހިޔާވައްސެއް ހޯއްދަވަން ވަޑައިގަންނަވަމުން ގެންދެވި ބޭބޭކަލުންނެއް ނޫނެވެ. އެބޭކަލުންގެ ވަޒަން ބަދަލުކުރައްވަމުން ގެންދެވީ، އިޤުތިޞާދީ އުންމީދުތަކެއް ހާސިލު ކުރައްވާކަށެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. އެބޭކަލުން ވަޑައިގަންނަވަމުން ގެންދެވީ، މަތިވެރި މާތް މަޤުޞަދުތަކެއްގެ އަމާޒަށް ވާސިލުވެވަޑައިގެންނެވުމަށްޓަކައެވެ. އެހެންކަމުން، އެބޭކަލުން އެމަތިވެރި މަޤުޞަދު ފުރަގަހަށް އެއްލައިލައްވައި، ގެދޮރުވެރިވެ ވަޑައިގަތުމަކަށްވެސް މުއްސަނދިކަމުގެ ވަސީލަތްތައް ހޯއްދަވާކަށެއްވެސް އެނބުރިވަޑައެއް ނުގަންނަވައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އެބޭކަލުން މަދީނާގައި ރަށްވެހިކުރައްވަމުން ގެންދެވީ، ނުހަނު ފުރިހަމަ ރޭއްވެވުންތެރިކަމަކާ އެކުގައެވެ. އެބޭކަލުންނާއި މަދީނާގެ أنـصــار ންނާ ދެމެދު އިޤުތިޞާދީ އަދި އިޖުތިމާޢީ އުޚުއްވަތްތެރިކަމެއް ޤާއިމުކުރެއްވިއެވެ. މިސްކިތްތަކުގެ ތަމައްދުނީ މަރުކަޒުތަކުގެ ޒަރީޢާއިން އެންމެހައި މުސްލިމުން އިޖުތިމާޢީ ގިލަފައްޗަކަށް އަމުނައިލެއްވިއެވެ. ޢިލްމު އުނގަންނައިދެއްވުމާއި، ވަޢުޡު ވިދާޅުވުމާއި، ނަސޭހަތްދެއްވުމާއި، އަޅުކަމުގެ ތަމްރީނު ދެއްވުމާއި އަދި މިނޫންވެސް އެކިއެކި ތަދުބީރުތަކުގެ ޒަރީޢާއިން އެބޭކަލުންނަށް ޢަމަލީ، އަދި އަޚުލާޤީ ތަރުބިޔަތު ދެއްވަން ވަގުތުން ފައްޓަވައިގެންނެވިއެވެ. އެ ތަރުބިޔަތުގެ ޒަރީޢާއިން އެބޭކަލުންގެ އޮފުރީތި ކުރެއްވުމުގެ މަސައްކަތްޕުޅު، ހިނދުން ހިނދަށް ފުޅާކުރައްވަމުން ފުރިހަމަކުރައްވަމުން ގެންދެވިއެވެ. އެބޭކަލުންގެ ޖައުހަރު އުއްތަވަމުން ގެންދެވިއެވެ. ހަމައެއާއެކު، ރިޔާސަތެއްގެ ނިޒާމުގެ ތެރެއިން އެބޭކަލުން އެއްހީރަހަކުން އެއްކޮށްލައްވައި، އުސޫލުތަކަކަށް ތަބާކުރެއްވިއެވެ. ނަތީޖާއަކަށްވީ، ހުސްއަތްޕުޅާ މަދީނާއަށް ވަޑައިގެންނެވި ޣީރަތްތެރި މުހާޖިރުންނާއި ކުޑަވެސް އަމިއްލަ އެދުންފުޅެއްނެތް أنـصــار ން އެކަތިގަނޑަކަށްވެ، ވަރުގަދަ ބާރެއް އުފެދުމެވެ. އެބާރު ދުވަހެއް ދުވަހަކަށް ދިޔައީ އާރުލަމުންނެވެ. ބަދަހިވެ ވަރުގަދަވަމުންނެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ތިންވަނައަށް އެޅުއްވި ފިޔަވަޅަކީ، މަދީނާގެ ޤާނޫނުއަސާސީއެއް އެކުލައްވަވައި، ދައުލަތެއްގެ ބިންގާ އެޅުއްވުމެވެ. ސިޔާސީ ނަޒަރުން ބަލާއިރު މިއީ އިތުރު ސާހިބާ މަދީނާގައި ކުރެއްވި އެންމެ ވަރުގަދަ ބިނާކުރަނިވި މަސައްކަތްޕުޅު ކަމުގައި ދެންނެވިދާނެއެވެ. އިތުރު ސާހިބާ މަދީނާގެ ޤާނޫނުއަސާސީގެ ޒަރީޢާއިން މުހާޖިރުންނާއި، أنـصــار ންނާއި، ޔަހޫދީންނާއި މަދީނާގައި ދިރިއުޅުނު އެހެނިހެން ޢަރަބީން އެންމެން އެއްގިލަފަތްޗެއްގެ ބޮޅުތަކަކަށް ހައްދަވައި އަމުނައިލެއްވިއެވެ. މިވަގުތަކީ މިދެންނެވި ޤާނޫނުއަސާސީއާއި، އެ ޤާނޫނުއަސާސީގެ ދަށުން އުފެދުނު ދައުލަތުގެ ހުރިހާ ތަފްސީލުތަކަށްދާން މުނާސަބު ވަގުތެއް ނޫނެވެ. (އަޅުގަނޑު ލިޔުނު ފޮތެއްކަމުގައިވާ މަދީނާގެ އިސްލާމީ ދައުލަތް މިފޮތުގައި އެ ތަފްސީލުތަކަށްވަނީ އަލިއަޅުވައިފައެވެ.) މިދަންނަވައިލަނީ އެ ޤާނޫނުއަސާސީގެ މުހިންމު ބައެއް ދާއިރާތަކުގެ ކުރު ޚުލާޞާއެކެވެ.

- މަދީނާގައި ދިރިއުޅޭ އެންމެންނަކީވެސް އެބައެއްގެ ޖާނާއި މާލަށް ޙިމާޔަތާއި ރައްކައުތެރިކަން ލިބިގެންވާ އެއް އުއްމަތެއްގެ މުވާޠިނުންނެވެ. އިންސާނީ ކަރާމަތުގައި ހަމަހަމަ މީހުންނެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ޤަބޫލުކުރާ ދީނަކަށް ޢަމަލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު ލިބިގެންވެއެވެ.

- މަދީނާގައި އަލަށް އިންތިޒާމުވާ މުޖުތަމަޢުގައި އެންމެ އިސްކަންދެވޭނީ މާތް اللّـه ގެ ޙާކިމިއްޔަތަށާއި އެކަލާނގެ ބާވައިލައްވާ ޤާނޫނުތަކަށެވެ.

- ސިޔާސީ، ޤާނޫނީ، އިންތިޒާމީ، ޢަދާލަތީ ހުރިހާ ކަމެއްގައި ފަހުބަސް ވިދާޅުވުމުގެ އިޚުތިޔާރު އޮންނާނީ، ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަތްޕުޅުގައެވެ.

- ދިފާޢީގޮތުން މަދީނާއާއި، އެރަށުގެ ވަށައިގެންވާ އަވަށްއަވަށުގެ މުޅި އާބާދީއަކީ އެއްބައިވަންތަ ބާރެކެވެ. އެ އާބާދީގެ އެއްވެސް ބަޔަކަށް އިސްލާމްދީނާއި، މުސްލިމުންނާ ދުޝްމިނު އެއްވެސް ބާރަކަށް ޙިމާޔަތާއި އެއްބާރުލުން ދިނުމުގެ އެއްވެސް ޙައްޤެއް ނުވަތަ އިޚުތިޔާރެއް ނޯންނާނެއެވެ. ބޭރުން މަދީނާއަށް އަމާޒުކުރެވޭ ކޮންމެ ޙަމަލައެއް ދިފާޢުކުރުމަކީ އެންމެންގެ އިޖުތިމާޢީ ވާޖިބެކެވެ. ދިފާޢީގޮތުންވެސް އެންމެފަހުގެ ނިންމުން ނިންމެވުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު އޮންނާނީ رسـول اللّـه صلّــى اللّـه عليـه وسلّـم ގެ އަތްޕުޅުގައެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم މަދީނާގައި ބިނާކުރައްވައި އެކަތައިގެ ފަރުބަދައެއްފަދަ ބާރެއްކަމުގައި ހައްދަވައިލެއްވި އިސްލާމީ ދައުލަތް އުފެދިގެންއައީ މިގޮތުގެމަތީންނެވެ. އާދެ އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم މައްކާއިން ނުކުމެވަޑައިގެންނެވީ އެންމެ ދެމީހުންކުރެ އެކަކު ކަމުގައިވާ ހާލުކޮޅުގައެވެ. ނަމަވެސް އެކަލޭގެފާނު މަދީނާއަށް ވަޑައިގެން ދެކޮޅުވެރި ހަމަޖީބަޔަކު އެއްބައިކުރައްވައި އެއްވަލަކަށް މައްސަލައިލެއްވިއެވެ. ހައެއްކަމަސްދުވަހުގެ ކުރުމުއްދަތެއްގެ ތެރޭގައި އެމީހުންގެ ވެރިކަމުގެ އާރާއި ބާރު އެކަލޭގެފާނުގެ އަތްޕުޅުމައްޗަށް ގެންނެވިއެވެ. އެންމެ ލޭތިއްކެއްވެސް ބިންމައްޗަށް ވައްޓަވައިލެއްވުމެއް ނެތިއެވެ. އެކަލޭގެފާނުގެ މަތިވެރި ނަބަވީ ފަރާސަތުގެ ބާރުގައެވެ. މިސާލެއް ނުވާފަދަ ސިޔާސީ ދުރުވިސްނައިވަޑައިގަތުމާއި ޙިކުމަތްތެރިކަމުގެ ބާރުގައެވެ. މިއީ، އިންސާނީ ތާރީޚުން ދެވަނަ މިސާލެއް ދެއްކޭނެ ހާދިސާއެއް ނޫނެވެ. رسـول اللّـه صلّــى اللّـه عليـه وسلّـم މަދީނާގައި މިބިންގާ އެޅުއްވި އިސްލާމީ ދައުލަތުން ވަނީ ސަތޭކަވަރަކަށް އަހަރަށްވުރެވެސް ކުރުމުއްދަތެއްގެ ތެރޭގައި އެޒަމާނުގެ އެނގިފައިވާ ދުނިޔޭގެ ބޮޑުބައި ފަތަޙަކޮށްފައެވެ. ޢިލްމާއި ސައެންސާއި ރަށްވެހިކަމުގެ އިމާމުކަމުގެ މަގާމު ހޯދައިފައެވެ.

(ނިމުނީ)