ޚަބަރު

ފާއިތުުވި 15 އަހަރު ނުހިންގާހާ ގިނަ މަޝްރޫއު މިހާރު ރަށުގައި އެބަ ހިނގާ: ކަނޑޫދޫ ކައުންސިލު

އަލީ ޔާމިން

މި ސަރުކާރު ވެރިކަމަށް އައި ފަހުން މިވީ މަދު ދުވަސްކޮޅުގައި ތ. ކަނޑޫދޫގައި މިދިޔަ 15 އަހަރު ނުހިންގާހާ ގިނަ ތަރައްގީގެ މަޝްރޫއު ކުރިއަށްގެންދާ ކަމަށް ކަނޑޫދޫ ކައުންސިލުން ބުނެފިއެވެ.

ކަނޑޫދޫ ކައުންސިލުން މިހެން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކަނޑޫދޫގައި މިހާރުވެސް ނުވަ ވަރަކަށް ޕީއެސްއައިޕީ ޕްރޮޖެކްޓު އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި ކަނޑޫދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުންނާއި މަޝްރޫއުތައް ހިންގަމުން ދިޔަ ނަމަވެސް ދިމާވާ ބައެއް ކަންކަމާ ގުޅިގެން އެ ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވައިފައެވެ.

އެގޮތުން އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށް ގިރުމުގެ މައްސަލައާއި ބަނދަރުގެ ދަތިކަމާއި ސިއްހީ ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި ކުޅިވަރު އިންފްރާސްޓަރަކްޗާއާ ގުޅުންހުރި ކަންކަމާ ބެހޭގޮތުންނާއި ކުނި މެނޭޖުކުރުމުގައި ދިމާވާ ދަތިތަކާއި ފަށާފައިވާ ބައެއް މަޝްރޫއުތައް ލަސްވާތީ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. އަދި ކަރަންޓުގެ ހިދުމަތް ލިބުމުގައި ހުރި ދަތިތަކާއި ކައުންސިލުން ބޭނުންވާ ތަރައްގީގެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ރައީސްއާ މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކަނޑޫދޫގައި ހިންގަމުންދާ ޕްރޮޖެކްޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލް މެންބަރުންނާ ހިއްސާކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ފެނާއި ނަރުދަމާގެ ޑީޓެއިލްޑް ޑިޒައިން ނިމި، އެޑްމިން ބިލްޑިންގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު މި މަޝްރޫއުގައި ކުރިއަށްދަނީ ހޮޅިވަޅުލުމުގެ މަސައްކަތް ކަމަށެވެ. ބަނދަރުގެ މިހާރު ކުރިއަށް ދަނީ އީއައިއޭ ހެދުމުގެ މަސައްކަތް ކަމުގައި ވިދާޅުވެ، ސިއްހީ މަރުކަޒުގެ އަޕްގްރޭޑިންގެ މަސައްކަތް އޮތީ ބަޔަކާ ހަވާލުކުރެވިފައި ކަމަށާއި، ރަށްގިރުމުގެ މައްސަލައިގައި ކަމާ ގުޅޭ މިނިސްޓްރީން ހަދަންޖެހޭ އެސެސްމަންޓް ހަދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވައިފައެވެ. ރައީސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރައާއި އިނާޔަތްތައް އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކުރައްވައިފައެވެ.

ކައުންސިިލުގެ ބައްދަލުކުރެއްވުމަށްފަހު، ކަނޑޫދޫގެ ޓީޗަރުުންނާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވައި ތައުލީމީ ދާއިރާގައި އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވައިފައެވެ. އެގޮތުން އެރަށު ޓީޗަރުން ވަނީ ސްކޫލަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި ޖާގައިގެ ދަތިކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް ޓީޗަރުން ވިދާޅުވިގޮތުގައި މިހާރު އެރަށު ސްކޫލުގައި އިމާރާތްކުރާ ތިން ކްލާސްރޫމްގެ މަސައްކަތް ނިމުމުން ސްކޫލުގެ ހުރިހާ ކުދިންނަށް އެއް ދަންފަޅިއަށް ކިޔަވައިދެވޭނެއެވެ.