ކޮޅުމަޑުލުގެ ހަތް ރަށަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.

ރައީސް ކޮޅުމަޑުލު ދަތުރުފުޅު ފެއްޓެވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންނެވީ މިރޭ 8:30 ގައެވެ.

ކޮޅުމަޑުލަށް ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ތިމަރަފުއްޓަށެވެ. އެއަށްފަހު ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓަށް ވަޑައިގެންނެވިއެވެ.

އެރަށްރަށަށް ޒިޔާރަތްކުރައްވައި ރައީސް ވަނީ އެރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައިފައެވެ.

މި ދަތުރުފުޅުގައި އޮމަދުއަށް ވަޑައިގެން ރައީސް ވަނީ އެރަށުގެ ބަނދަރު ހުޅުވައިދެއްވައިފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައީސް އޮފީހުގެ ބައެއް މުވައްޒަފުންނާއި ތ. އަތޮޅު ތަމްސީލުކުރައްވާ ބައެއް މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.