އޮޅުވާލައިގެން ސައްހަ ނޫން ހޮޓެލް ބުކިންގައި ފަތުރުވެރިން ގެންނަ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަންގެ ސިސްޓަމާއި ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.
ފަހަކަށް އައިސް އޮޅުވާލައިގެން ފަތުރުވެރިން ރާއްޖެ ގެންނަ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހުވެސް އޮޅުވާލައިގެން ސައްހަ ނޫން ހޮޓެލް ބުކިންތަކެއް ދިނުމުގެ ސަބަބުން މާލޭގައި 27 ފަތުރުވެރިޔަކު މަގުމަތިވެފައެވެ. އެ މީހުން މިހާރު ތިބީ ސަރުކާރުގެ ބެލުމުގެ ދަށުގައެވެ. އަދި އެ މައްސަލަ ފުލުހުންނާއި އިމިގްރޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފޭކް ބުކިން މައްސަލަ ހައްލު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ހަނަފީ މިރޭ "ވަން" އަށް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަންގެ ސިސްޓަމާއި ޕޮލިސީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. ނަމަވެސް އެ ބަދަލުތައް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ހަނަފީ ވިދާޅުވީ އެ ބަދަލުތައް ގެނައުމުން ފޭކް ބުކިންތައް ހައްދައިގެން ފަތުރުވެރިން ގެންނަ ބަޔަކަށް އެކަން ކުރަން އުނދަގޫ ވެގެންދާނެ ކަމަށެވެ. އަދި އެކަންކަން އެއްކޮށް ހައްލު ނުވި ނަމަވެސް އެފަދަ މައްސަލަތައް ކުރިމަތިވުން ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދަނީ ސިސްޓަމާއި ޕޮލިސީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން. އެ ބަދަލުތައް ގެނައުމުން މިކަން އަސްލު ކުރާ ބަޔަކަށް އުނދަގޫ ވެގެންދާނެ. އަނެއްހެން ބުނަންޏާ ޕްރިވެންޝަން މެކޭނިޒަމެއް އަޅުގަނޑުމެން މިދަނީ ތައްޔާރު ކުރަމުން. އޭގެ ސަބަބުން ވަރަށް ބޮޑަށް މިކަން މިނިމައިޒް ވެގެންދާނެ،" ހަނަފީ ވިދާޅުވިއެވެ.
ފޭކް ބުކިން މައްސަލަ ހައްލު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގުޅިގެން މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަން ބަލައި ޗެކްކުރުމަށް އިންސްޕެކްޝަނެއް ވަނީ ފަށައިފައެވެ.
ހަނަފީ ވިދާޅުވީ މި އިންސްޕެކްޝަންގެ ސަބަބުން ފަތުރުވެރިން ބައިތިއްބާ ތަންތަނުގެ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. އަދި އޭރުން ފޭކް ބުކިން ހައްދާފައިވާނަމަ، އެކަންކަން ދެނެގަތުމަށްވެސް ފަސޭހަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ފަހުން ރާއްޖެއަށް ސައްހަ ނޫން ބުކިންތަކުގައި މީހުން އެތެރެވާން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މި ފަހުން 243 މީހުންގެ ފުލައިޓަކުން އައި އެންމެން އެތެރެވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ކޮށްފައި ނުވާތީ ފޮނުވާލާފައިވާ ކަމަށެވެ. އަދި އިއްޔެވެސް އިމިގްރޭޝަންގެ ޝަރުތުތައް ހަމަނުވެގެން 80 މީހުންގެ ފުލް ޗާޓާޑް ފުލައިޓެއްވެސް ކެންސަލްކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ.
"ފުދޭވަރަކަށް ގިނަ އަދަދެއްގެ މީހުން ފޮނުވާލެވިފަ ވާނެ. މި ފަހުން އިމިގްރޭޝަންގެ ޝަރުތުތައް ހަމަނުވާތީ 200 ޕްލަސްގެ ފުލައިޓެއްގެ މީހުން ފޮނުވާލާފައިވާނެ. އަދި އިއްޔެ 80 މީހުންގެ ފުލް ޗާޓާޑް ފުލައިޓެއްވެސް އަޅުގަނޑުމެން ވަނީ ޑިނައި ކޮށްފައި،" ހަނަފީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އިމިގްރޭޝަން ބޯޑާއިން ވަރަށް ރަނގަޅަށް އެކަންކަން ބަލަމުންދާ ކަމަށާއި ނަމަވެސް ބައެއް ފަހަރު ހަމަ ހުންނަ ލޫޕް ހޯލްސްތައް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން މަކަރު ހަދައިގެން ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަން ބެލުމުގެ ގޮތުން އިންސްޕެކްޝަންތައް ކުރިއަށްދާ ކަމަށާއި އޭރުން މަކަރު ހަދައިގެން ކަންކަން ކުރާ ފަރާތްތައް ކަށަވަރުކުރެވޭނެ ކަމަށެވެ. އަދި އެފަރާތްތައް ފަސޭހައިން އިންވެސްޓިގޭޓް ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެ އެތެރެވުމުގެ ކުރިން ޓޫރިސްޓުން ތިބޭނެ ތަނެއް އިމިގްރޭޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ. ނަމަވެސް އޮޅުވާލައިގެން ފަތުރުވެރިން ގެންނަ މައްސަލަތައް އިތުރުވެފައިވާތީ އިމިގްރޭޝަނުން ވިސާ ދޫކުރުމުގެ ކުރިން ފަތުރުވެރިން ބުކިން ހަދާފައިވާ ގެސްޓްހައުސްތަކަށް ގުޅައި ބުކިން ހަދާފައިވޭތޯ އާއި އެތަނުގައި އެއްފަހަރާ ހިދުމަތް ދެވޭ ފަތުރުވެރިންގެ އަދަދު އިމިގްރޭޝަނުން އަންނަނީ ބަލަމުންނެވެ.