އަފްގާނިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރަމުން ދިޔަ އާއްމުންގެ ދެމީހަކު ތާލިބާނުން މަރާލައިފިއެވެ.
އެގައުމުގެ އަސަދުއާބާދުން ދެމީހަކު މަރުވެފައިވަނީ އަފްގާނިސްތާނުގައި މިއަދު އާއްމުންގެ ބަޔަކު މިނިވަން ދުވަސް ފާހަގަކުރުމަށް މަގުތައް މައްޗަށް ނުކުމެ ކުރިއަށްގެންދިޔަ ހަރަކާތެއް ހުއްޓުމަށް ތާލިބާނުން ދިން ހަމަލާއެއްގައެވެ.
ތާލިބާނުންގެ ހަމަލާގައި އަސަދުއާބާދުން ދެމީހަކު މަރުވެފައިވާއިރު އެހަމަލާގައި މީހަކު ޒަހަމްވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ. މަންޒަރު ދުށް މީހުންނާއި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ތާލިބާނުން ބަޑި ޖަހާފައިވަނީ އާއްމުންގެ މީހަކު ތާލިބާނު މީހެއްގެ ގަޔަށް ވަޅީގެ ހަމަލާއެއް ދިނުމުންނެވެ.
އަސަދުއާބަދުގެ އިތުރުން ޖަލާލްއާބާދުގައިވެސް ވަނީ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ދިދަ ހިފައިގެން ކުރިއަށްދިޔަ ހިނގާލުމުގެ ތެރެއަށް ތާލިބާނުން ދިން ހަމަލާއެއްގައި އަނިޔާވި ފިރިހެނަކާއި ކުޑަކުއްޖަކު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މީގެ އިތުރުން ހުސްތު ސިޓީގައި ކުރިއަށް ދިޔަ ހިނގާލުމުގައި ތާލިބާނާއި ދެކޮޅަށް މުޒާހަރާކޮށްފައިވާކަމަށް ބުނެ ހިންގަމުންދިޔަ ހަރަކާތް ހުއްޓުވަން ކާފިއު ވަނީ ހިންގާފައެވެ. އަފްގާނިސްތާނުގެ ވެރި ރަށް ކާބުލްގައިވެސް އާއްމުންގެ ގިނަ ބަޔަކު ވަނީ މިނިވަން ދުވަހުގެ ނަމުގައި މަގުތައް މައްޗަށް ނުކުމެ ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ.
ތާލިބާނުންވެސް ވަނީ އެގައުމުގެ މިނިވަން ދުވަހުގެ ހަނދާން އާކޮށްފައެވެ.
1919 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން އެގައުމު ސަލާމަތްވި ގޮތުގެ ހަނދާން އާކޮށް، އެޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި އިނގިރޭސީން އަތުން ގައުމު މިނިވަންވި ގޮތަށް މިއަދު މުޖާހިދުންގެ ހިތްވަރުގަދަ މަސައްކަތުން ދުނިޔޭގެ އަނިޔާވެރި ބާރެއް ގޮތުގައި ހިމެނޭ އެމެރިކާގެ އަތްދަށުން އަފްގާނިސްތާނު މިނިވަންވެފައިވާ ކަމަށެވެ.
މީގެ އިތުރުން ތާލިބާނުން ވަނީ އަފްގާނިސްތާނުގެ ދިދައަށް ބަދަލު ގެނައުމަށްވެސް ވިސްނައިފައެވެ.
އިނގިރޭސީންގެ އަތްދަށުން އަފްގާނިސްތާނު މިނިވަންވުމަށްފަހު ފާއިތުވި 100 އަހަރުގެ ތާރީހުގައި 18 ފަހަރެއްގެ މަތިން ދިދައަށް ވަނީ ބަދަލުގެނެވިފައެވެ. އެގައުމުގައި މިހާރު ބޭނުންކުރަމުން އަންނަ ދިދައަށް އެންމެފަހުން ބަދަލު ގެނެސްފައިވަނީ އެމެރިކާއާ ގުޅިގެން ކުރީގެ ރައީސް ހާމިދު ކަރްޒާއީ ހިންގަވަން ފެއްޓެވި ސަރުކާރުގެ ދަށުން 2002 ވަނަ އަހަރުގައިކަން ފާހަގަކޮށްލެވެއެވެ. ހާމިދު ކަރްޒާއީ ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންފައިވަނީ 2004 އަހަރުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ