ޑިމޮކްރެޓިކް ވެރިކަމެއް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ކޮޅުމަޑުލުގެ ހަތް ރަށަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު ކަނޑޫދުއަށް މިއަދު މެންދުރުފަހު ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ވެރިކަން ކުރެއްވުމުގައި ރައްޔިތުންގެ އަޑު އައްސަވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ސަރުކާރުން އަމަލުކުރައްވާނީ އެގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ޑިމޮކްރެޓިކް ވެރިކަމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަން ފަސޭހަ ނުވަނީ ރައްޔިތުންނަށް ދޭންޖެހޭ މިނިވަންކަމާއި ބާރުތައް އެކުލެވިގެންވާތީ ކަމަށެވެ.
"އަޅުގަނޑު ވެރިކަން ކުރަމުން މިގެންދަނީ އެ ހުރިހާ ކަންކަމަށް ބެލުމަށް ފަހު. އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް އަންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުންފުޅަކީ ރައްޔިތުންގެ ބަސް އަޑުއަހައި ވެރިކަން ކުރެއްވުން ކަމަށާއި ރައްޔިތުންނަށް ބޮޑެތި ލުއިތައް ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު