ޚަބަރު

ފަތުރުވެރިން ޒިޔާރަތްކުރާ ގޮތަށް އާސާރީ ތަންތަން ތަރައްގީކުރުން މުހިންމު: ރައީސް

އަލީ ޔާމިން

ފަތުރުވެރިން ޒިޔާރަތްކުރާ ގޮތަށް އާސާރީ ތަންތަން ތަރައްގީކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ، އެމަނިކުފާނު ތ. ވަންދުއަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެރަށުގައި ހުރި ބައެއް އާސާރީ ތަންތަނަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސް މިއަދު ޒިޔާރަތްކުރެއްވި ތަންތަނުގެ ތެރޭގައި ވަންދޫގެ ލޯ ޒިޔާރަތް މިސްކިތާއި ވަންދޫ ކުރީގެ ހުކުރު މިސްކިތާއި ވަންދޫގައި ހުންނަ އިހުގެ ޒިޔާރަތެއް ކަމުގައިވާ ވަންދޫ ލޯ ޒިޔާރަތް ހިމެނެއެވެ.

ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ރަށްރަށުގައި ހުންނަ މިފަދަ ތާރީހީ ތަންތަނާއި ސަރަހައްދުތައް ފަތުރުވެރިން ޒިޔަރާތްކުރާ ސަރަހައްދުތަކެއްގެ ގޮތުގައި ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި ރާއްޖޭގެ ގައުމިއްޔަތާ ގުޅޭ ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަންދޫގައި ހުންނަ ވަންދޫ ލޯ ޒިޔާރަތަކީ ވަރަށް ގަދީމީ ޒިޔާރަތެކެވެ. މި ޒިޔާރަތުގައި ފަސްދާނުލެވިފައި ވަނީ ހޯޑެއްދޫ ބޮޑު އެދުރުގޭ ހާޖީ އިސްމާއީލް، ދޮރުވަންނާ ކަލޭފާނާއި އޭނާގެ އަނބިކަނބަލުންނާއި އެ ދެ ކަނބަލުންގެ ދެ ބޭފުޅުންކަމަށް ރާއްޖޭގެ ތާރީހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރައްވައެވެ. މި ޒިޔާރަތާ ގުޅިފައި ހުންނަ ޒިޔާރަތް މިސްކިތަކީ ހިރިގަލު ވަޑާމުގެ މަސައްކަތްތެރިކަން ފެންނަ އާސާރީ މިސްކިތެކެވެ. މި މިސްކިތް ބިނާކުރެވުނު ކަމަށް ބެލެވެނީ 1700ގެ އަހަރުތަކުގެ ތެރޭގައެވެ.

ވަންދޫގައި ހުންނަ އިހުގެ އަނެއް މިސްކިތަކީ ވަންދޫގެ ކުރީގެ ހުކުރު މިސްކިތެވެ. މި މިސްކިތް އިމާރާތްކުރި ތާރީހެއްކަމަށް މިސްކިތުގައި ވަނީ ހިޖުރީ ގޮތުން 1297 ވަނަ އަހަރު ކަމަށެވެ. އެހެންކަމުން މިއީ 146 އަހަރުވީ ދުވަސްވީ މިސްކިތެކެވެ. މި މިސްކިތަކީ ވެސް ތަނބުތަކުގައި ލިޔެލާޖެހުން ފަދަ ދިވެހިންގެ މަސައްކަތްތެރިކަން ވަރަށްބޮޑަށް ފެންނަ ތާރީހީ މިސްކިތެކެވެ.