ޚަބަރު

ވޭމަންޑޫ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދިނުމަށް އެދި ރައީސަށް ދަންނަވައިފި

އަލީ ޔާމިން

ވޭމަންޑޫ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް، އެރަށުގެ ކައުންސިލުން ދަންނަވައިފިއެވެ.

ރައީސް ސޯލިހު ރޭ ވަނީ ވޭމަންޑޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ވޭމަންޑޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ކުނި މެނޭޖްކުރުމާއި ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ބިން ހިއްކުމާއި ބައެއް އިދާރާތަކުގެ ޖާގައިގެ ދަތިކަމާއި އައިސް ޕްލާންޓް ގާއިމުކުރުމާއި މަގު ބައްތި ޖެހުންފަދަ ކަންކަން ހިމެނެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތްތަކާއި ރަށުގެ ތަރައްގީއަށާއި އަންހެނުން ބާރުވެރި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މައުލޫމާތު ރައީސަށް ހިއްސާކޮށްފައެވެ. މިގޮތުން އެބޭފުޅުން ވަނީ ވޭމަންޑޫގައި ހިންގާ ޕްރީސްކޫލްގެ ވަސީލަތްތައް މަދުކަމާއި އިޖުތިމާއީ ކަންކަން ކުރިއެރުވުމަށް ބޭނުންވާ ޕާކާއި އައުޓްޑޯ ޖިމް ފަދަ ވަސީލަތްތައް ބޭނުންވާކަން ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ފަރާތުން އެރަށު ޒުވާނުންގެ ކަންބޮޑުވުންތައް ވަނީ ރައީސާ ހިއްސާކޮށްފައެވެ. އެބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި އެރަށުގައި ކުޅިވަރު ވަސީލަތްތައް ފުރިހަމަޔަކަށް ނެތެވެ. އަދި، ސްކޫލް ނިންމާ ކުދީންނަށް ވޮކޭޝަނަލް ޓްރެއިނިންގް ދޭނެ ތަނެއް ގާއިމުކޮށްދިނުމަށް ވެސް ވަނީ ރައީސްގެ އަރިހުގައި ދަންނަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. މި ގޮތުން ކައުންސިލުން އެދުނު ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ކައުންސިލްތަކަށް ގާނޫނުން ލިބިފައިވާ ބާރުތަކުގެ ބޭނުން ހިފައިގެން ކުރިޔަށްދިޔުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި، އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ އެކު މަޝްވަރާކުރައްވައި އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު މިހާރު ވޭމަންޑުއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. ރައީސްގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.