ގައުމު ދޫކޮށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ ފައިސާގައި ޖެހިވަޑައިގެންފައި ނުވާނެ ކަމަށާއި އަދި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމުގައި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ވިދާޅުވެއްޖެއެވެ.
ރައީސް އަޝްރަފް ގަނީ މިހެން ވިދާޅުވެފައިވަނީ ޔޫއޭއީގައި ހުންނަވައިގެން ފޭސްބުކް މެދުވެރިކުރައްވައި ރައްޔިތުންނާ މުހާތަބު ކުރައްވަމުންނެވެ.
ތާލިބާނުން އަފްގާނިސްތާނުގެ ވެރި ރަށް ކާބުލް ހިިފުމާ ގުޅިގެން ގައުމު ދޫކުރައްވައި ވަޑައިގަތުމާއެކު ޔޫއޭއީ އިން ވަނީ އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީއަށް ހިމާޔަތް ދީފައެވެ.
ބުދަދުވަހު ފޭސްބުކް މެދުވެރި ކުރައްވައި ރައީސް އަޝްރަފް ވަނީ ގައުމު ދޫކުރައްވައި ވަޑައިގެންނެވުމުން އެބޭފުޅާގެ އިސްތަށިފުޅުގައި އެޅުވި ތުހުމަތުތަކަށް ރައްދު ދެއްވައި ގައުމާ މުހާތަބު ކުރައްވައިފައެވެ.
ތާލިބާންގެ ބާރުގެ ދަށަށް ކާބުލް ދިއުމުން ރައީސް ގައުމު ދޫކުރައްވައި ވަޑައިގެންނެވީ ނަގުދު ފައިސާ ބަރާ ކޮށްގެން ހަތަރު ކާރާއި ހެލިކޮޕްޓަރެއްގައި ކަމަށް ބުނެ ފަތުރާފައިވާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އަޝްރަފް ގަނީ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގައުމު ދޫކުރައްވައި ވަޑައިގެންނެވުމަށް މަޖުބޫރުކޮށްފައިވާ ކަމަށާއި ގައުމު ދޫކުރައްވަން ޖެހިވަޑައިގަތީ ލޭއޮހޮރުވުމަކަށް ދިޔަ ނުދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ގަނޑުވަރުން ނުކުމެވަޑައިގަތީ ބޫޓަށް އަރައިވަޑައިގަންނަވާނެ ވަގުތެއް ވެސް ލިބިވަޑައިނުގެން ކަމަށް ރައީސް އަޝްރަފް ވިދާޅުވިއެވެ.
ނަފުސު އިސްކޮށް ރައްޔިތުން އަމިއްލަ ހާލަށް ދޫކޮށްލައްވައި ފިއްލެވިކަމަށް ދެކެވޭ ވާހަކަތައް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އަދި އެފަދަ ވާހަކަތައް ފަތުރާ މީހުން ކުށްވެރިކުރާ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އާދިއްތަ ދުވަހު ރައީސް ގައުމު ދޫކުރައްވައި ވަޑައިގެންނެވި ހިސާބުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ރައީސް ހުންނެވީ ސީދާ ކޮން ގައުމެއްގައި ކަން ހާމަކޮށްފައެއް ނުވެއެވެ. އެކިއެކި ފަރާތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ވަޑައިގެންނެވީ އޮމާން، ތަޖިކިސްތާނު، އުޒްބެކިސްތާނު، ލެބަނަން އަށް ކަމުގައި ވެސް ހަބަރުތައް ފެތުރިފައިވެ އެވެ.
ރައީސް އަޝްރަފް ގަނީ އަދި އާއިލާއަށް ޔޫއޭއީ އިން ހިމާޔަތް ދީފައިވާކަން ޔަގީންކޮށްދީ، ބުދަދުވަހުގެ އެގައުމުގެ ފޮރީން މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ.
ރައީސް ގަނީ އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ދުބާއީގައި މާ ގިނަ ދުވަހު ހުންނެވުމުގެ ވިސްނުމެއް އެމަނިކުފާނުގެ ނެތެވެ. އެނބުރި ގައުމަށް ވަޑައިގަތުމުގެ މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. ގައުމު ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަތީ މަޖުބޫރުކޮށްގެން ކަން ތަކުރާރުކުރައްވައި، އެމަނިކުފާނު މަޑުކުރެއްވި ނަމަ ދަން ޖައްސައި މެރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ''ގައުމުގައި މަޑުކުރިނަމަ، އަފްގާނުގެ ރައީސަކަށް މީހަކު އިންތިބާކުރެވި، ރައްޔިތުންގެ ލޯ ކުރިމަތީގައި ދަން ޖައްސައި މެރުމަށް ވަނީ ހަމަޖެހިފައި.'' ރައީސްގެ ވާހަކައިގައި ވިދާޅުވިއެވެ.
ތާލިބާނުން މީގެ ކުރީން ވަނީ ކާބުލްއަށް ނާރާނެ ކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ތާލިބާންގެ ބާރުގެ ދަށަށް ގައުމު ދިއުމުން، ސުލްހަވެރިކޮށް ކަންކަން ގެންދިއުމަށް ނިންމަވައިގެން ހުންނެވި ކަމަށާއި ނަމަވެސް އެފުރުސަތު ނުދެއްވައި ގައުމުން ފޭބުމަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ތާލިބާނުންނާއި ކުރީގެ ރައީސް ހާމިދު ކަރްޒާއީ އާއި އިސް އޮފިޝަލެއް ކަމަށްވާ އަބްދުﷲ އަބްދުﷲ ރައްޔިތުންނާ މުހާތަބު ކުރައްވައި ފާހަގަކުރައްވާފައިވާ ފަދައިން އެމަނިކުފާނުވެސް ބޭނުންވަނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަދި ކުރިއެރުން ކަމުގައި އެމަނިކުފާނުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް އަޝްރަފް ގަނީ އެނބުރި ގައުމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިނަމަވެސް، އެމެރިކާއިން ވަނީ ރައީސް އަޝްރަފް ގަނީ އަކީ މިހާރު އެގައުމުގެ އެއްވެސް ބާރެއް ހިނގާ ފަރާތެއް ނޫންކަމަށް ބުނެފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ