އަފްގާނިސްތާނު ސެންޓްރަލް ބޭންކުގެ 10 ބިލިއަން ޑޮލަރު ހުރީ ތާލިބާނުން އަތް ނުފޯރާ ހިސާބުގައި ކަމަށް ބެލެވޭ ކަމަށް ކަމުގެ މާހިރުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކަމުގެ މާހިރުންގެ އަންދާޒާތަކަށް ބެލުމަށްފަހު ރޮއިޓާސްއިން އާއްމުކޮށްފައިވާ ރިޕޯޓެއްގައެވެ.

ތާލިބާންގެ ބާރުގެ ދަށަަށް އަފްގާނިސްތާނު ކުރު މުއްދަތެއްގެ ތެރޭގައި ގެންދިއުމުގައި ކާމިޔާބު ކޮށްފައިވީނަމަވެސް، އެގައުމުގެ ސެންޓްރަލް ބޭންކުގެ ރައުސްމާލަށް ތާލިބާނުންނަށް އަތްގަދަ ނުކުރެވޭނެ ކަމުގައި ކަމުގެ މާހިރުން ބުނެއެވެ.

އެގަައުމުގެ ސެންޓްރަލް ބޭންކު (ޑީއޭބީ) އިން މިދިޔަ އަހަރުގެ ނިޔަލަށް އެންމެ ފަހުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެބޭންކުގައި ހުރި ޖުމުލަ ރައުސްމާލުގެ އަގު 10 ބިލިއަން ޑޮލަރަށް އަރާކަން ހާމަކޮށްފައިވީ ނަމަވެސް މިވަގުތު ހުރި ޖުމުލަ އަގު ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް ރޮއިޓާސް އާ މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ބުނެއެވެ. މީގެ ތެރެއިން ގިނަ އެސެޓްތައް ހުރީ އެގައުމުން ބޭރުގައި ރައްކާކުރެވިފައި ކަމުން ތާލިބާނުންގެ އަތްދަށަށް މިމުދާތައް ދިއުމުގެ ފުރުސަތު ކުޑަކަމުގައި އެފަރާތްތަކުން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ބޭންކުގެ އޮފިޝަލަކާ ސީދާ ވާހަކަދެއްކިފައި ނުވާކަމަށް ރޮއިޓާސް އިން ބުނެއެވެ. އެ ބޭންކުގެ ގަވަރުނަރު އަޖްމަލް އަހްމަދީ އެންމެފަހުން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އާދިއްތަ ދުވަހު އޭނާ ގައުމުން ފުރާފައިވަނީ ބޭންކުގެ ޒިންމާ ދެ ނައިބުންނާ ހަވާލުކުރެއްވުމަށްފަހުގައި ކަމަށެވެ.

ތާލިބާނުން ހޮނިހިރު ދުވަހު ވެރިކަމަށް އަރައި އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ އެގައުމުގެ ރައުސްމާލާއި، އާއްމު ތަންތަން އަދި ސަރުކާރު އޮފީސްތަކަކީ ރައްޔިތުންގެ މުދާ ކަމަށާއި އަދި އެތަންތަނަށް ދޭންވާ ރައްކާތެރިކަން ދޭނެ ކަމަށެވެ.

އެ ބޭންކުން މިދިޔަ އަހަރުގެ ނިޔަލަށް އެންމެފަހުން އާއްމުކުރި މައުލޫމާތުން އެނގެން ހުރިގޮތުގައި ޖުމުލަ ރައުސްމާލުގެ އަގު 10 ބިލިއަން ޑޮލަރަށް އަރާއިރު އޭގެ ތެރޭގައި 1.3 ބިލިއަން ޑޮލަރުގެ އަގުހުރި ރަނާއި 362 މިލިއަން ޑޮލަރުގެ ނަގުދު ފައިސާގެ ރިޒާވް ހިމެނެއެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު ނެރުނު ބަޔާނުގައި އެބޭންކުން ވަނީ 1.6 ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓުތައް ކޮށްފައެވެ.

އަފްގާނިސްތާނު ފަދަ ކުރިއަރަމުން އަންނަ ގައުމުތަކުގެ ސެންޓްރަލް ބޭންކުތަކުން އާއްމުގޮތެއްގައި މުދާ ރައްކާކުރުމަށް ބޭރުގެ އިންސްޓިޓިއުޝަންތައް ކަމަށްވާ ނިއުޔޯކުގެ ފެޑެރަލް ރިޒާވް ބޭންކު (އެފްއާރްބީއެންވައި) އަދި އިނގިރޭސިވިލާތުގެ ބޭންކް އޮފް އިންގްލެންޑު ބޭނުންކުރެއެވެ. އެގޮތުން ބޭންކުން މިދިޔަ އަހަރު އާއްމު ކުރި ހިސާބުތަކަށް ބަލާއިރު ނިއުޔޯކުގެ ރިޒާވް ބޭންކުގައި ރައްކާކުރެވިފައިވާ ރަނުގެ އަގު އޭރުގެ އަދަދުތަކަށް ބަލާއިރު 1.3 ބިލިއަން ޑޮލަރަށް އަރައެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހާ ހިސާބަށް ބޭންކުން 6.1 ބިލިއަން ޑޮލަރުގެ ބައިނަލްއަގުވާމީ އިންވެސްޓްމަންޓުތައް ކޮށްފައިވާ ކަމަށް ހާމަކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނޭ ގިނަ އިންވެސްޓްމަންޓުތަކަކީ އެމެރިކާގެ ޓްރެޝަރީ ބޮންޑާއި ބިލްގެ ގޮތުގައި ހިމެނޭ އިންވެސްޓްމަންޓުތައް ކަމަށް ބެލެވެއެވެ.

ބައިނަލް އަގުވާމީ ބޭންކު މެދުވެރިގެން އިންޓަނޭޝަނަލް ބޭންކު ފޮ ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް (އައިބީއާރްޑީ) އިން ނުވަތަ ނިއުޔޯކުގެ ރިޒާވް ބޭންކު (އެފްއާރްބީއެންވައި) އިން ގިނަ އިންވެސްޓްމަންޓްތަކެއް ވަނީ ކުރެވިފައެވެ. އޭގެ ތެރެއިން ބައެއް ހިއްސާތައް ސުވިޒަލޭންޑުގައި ހުންނަ ބޭންކު އޮފް އިންޓަނޭޝަނަލް ސެޓެލްމަންޓަށް ނިސްބަތްވެއެވެ. އަދި ތުރުކީގައި ހުންނަ އިކޮނޮމިކް ކޯޕަރޭޝަން އޯގަނައިޒޭޝަން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓު ބޭންކަށް ނިސްބަތްވެއެވެ.

ނިޔުޔޯކު ބޭންކުގައި ހުރި އަފްގާނުގެ ރައުސްމާލުގެ ތަފުސީލަކަށް އެދުމުން އެފްއާރްބީއެންވައި އިން ވަނީ އެ މައުލޫމާތު ހިއްސާކުރެވެން ނެތްކަމަށް އަންގާފައިކަމަށް ރޮއިޓާސްގެ ރިޕޯޓުގައިވެއެވެ. ނަމަވެސް އެމެރިކާގެ ސަރުކާރު އޭޖެންސީތަކުން އެކަންކަން ގާތުން ބަލަމުން އަންނަ ކަމުގައި ވަނީ ބަޔާންކޮށްފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރަށް ނިސްބަތްވާ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދޭގޮތުގައި އެމެރިކާގައި ހުރި އަފްގާނުގެ ސެންޓްރަލް ބޭންކުގެ އެއްވެސް ރައުސްމާލެއް ތާލިބާނުންނަށް ފޯރުކޮށް ނުދޭނެ ކަމުގައި ވަނީ ހާމަކޮށްފައެވެ.