ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ތ. އަތޮޅު ތައުލީމީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވައި ސްކޫލް ހިންގުމުގައި އެބޭފުޅުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ސްކޫލްގެ އިސް ވެރިންނާ އެސްއެމްޓީގެ ބޭފުޅުން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ސްކޫލް ހިންގުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ރައީސްއަށް މައުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ވަނީ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު ހަ ކްލާސްރޫމް ތަރައްގީކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ސްކޫލް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ބޭނުންވާ ރީސްޓްރަކްޗަރިން މަސައްކަތްތަކާއި ބޭނުންވާ ވަސީލަތްތަކާއި ސްކޫލް މަރާމާތަށް ބޭނުންވާ ބަޖެޓާއި ފަންނީ މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތައް ވަނީ ފާހަގަކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ބެލެނިވެރީން ވަނީ އެޑިއުކޭޝަނުން ދޫކޮށްފައިވާ ޓެބްލެޓްތައް ހަލާކުވުމުން އަލުން ހޯދުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވަން ރައީސް އަރިހުގައި ދަންނަވާފަ އެވެ.

ރައީސް ވަނީ ތައުލީމީ މަރުކަޒުގެ އިސްވެރީން އަދި ބެލެނިވެރިން ފާހަގަކުރެއްވި ކަންކަން ފަހިކުރުމުގައި ސަރުކާރުން ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވަނީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ވެކްސިން ޖެހުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށެވެ.