މިމަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ލިބުނު އިރު، ހަރަދުގެ ޖުމްލަ 15.8 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި ލިބުނު 10.5 ބިލިއަން ރުފިޔާގެ ތެރެއިން 7.8 ބިލިއަން ރުފިޔާ އަކީ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާއެވެ.

ޓެކްސް ނޫން ގޮތް ގޮތުން 2.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު ހިލޭ އެހީގެ ގޮތުގައި މިދިޔަ ހަފްތާގެ ނިޔަލަށް 351.9 މިލިއަން ރުފިޔާ ލިބުނު ކަމަށް ރިޕޯޓުން ދައްކައެވެ.

ދައުލަތުން ކުރި ހަރަދުގެ ތަފްސީލަށް ބަލާއިރު ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 5.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ރިކަރަންޓު ހަރަދުގެ ގޮތުގައި 12.2 ބިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ދައްކައެވެ.

މި އަހަރަށް ހޭދަ ކުރަން ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އެ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 21 ބިލިއަން ލިބޭނެ ކަމަށް ލަފާކުރިއެވެ.