ގއ. މާމެންދޫ އާއި އދ. ދަނގެތި މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މާމެންދޫ ކައުންސިލުގެ ރައީސް އަހުމަދު އަޒީޒް މިރޭ "ވަން" އަށް ވިދާޅުވީ އެރަށުން ޕޮޒިޓިވްވެފައިވަނީ ގދ. ތިނަދޫން ޕޮޒިޓިވްވި ބަޔަކާ ކޮންޓެކްޓުވި ފަރާތްތަކެއް ކަމަށެވެ. އެގޮތުން މިއަދު އެރަށުން ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޕޮޒިޓިވްވެފައިވަނީ ކުޑަކުއްޖަކާއި އޭނާގެ މަންމަގެ އިތުރުން ގްރޭޑް 10 އެއްގައި އުޅޭ އަންހެން ކުއްޖެއް ކަމަށެވެ. އެ ކޭސްތަކާ ގުޅިގެން އެރަށް މިރޭ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށްވެސް އަޒީޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެރަށުގެ ސްކޫލު ބަންދުކޮށް ރަށުގައި ފިޔަވަޅުތައްވެސް ހަރުކަށިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަނގެތި ކައުންސިލުގެ ނައިބު ރައީސް އިމްރާން އަހުމަދު މިރޭ "ވަން" އަށް ވިދާޅުވީ އެރަށުން ފުލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކުއްޖާ ފުލޫ ކްލިނިކަށް ދެއްކީ ރޯގާ ޖެހިގެން ކަމަށާއި އެކުއްޖާގެ ސާމްޕަލް ނަގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
އެގޮތުން މި ކޭސްއާ ގުޅިގެން އެރަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި ކޭސްއާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު