ގޭބިސީތަކުން ކުނި ވަކި ކުރަން ޖެހޭ ގޮތަށް ހަދައި، ގަވާއިދާ ހިލާފުވާ ނަމަ ޖޫރިމަނާކުރާ ގޮތަށް ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ކުނި މޭނޭކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް، މިއަދު އެ އިސްލާހު ގެޒެޓުކޮށްފައެވެ.

އިސްލާހު ކުރި އެ ގަވާއިދުގައިވާ ގޮތުން މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުންނާއި ރިސޯޓުތަކުން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންވާނީ ވަކި ޒާތެއްގެ ކުނިތައް ބައިބަޔަށް ބަހައިފައެވެ. އެގޮތުން ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި ވަކިކޮށް، ޕްލާސްޓިކް ފުޅި ވަކިކޮށް، މައުދަނާއި ބިއްލޫރީގެ ބާވަތްތައް ވަކިކޮށް ބަހައްޓަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މާލޭ ސިޓީގައި ވެސް ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި ވަކިކޮށް، ޕްލާސްޓިކް ފުޅި ވަކި ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ފަރުނީޗަރު، ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނު، ފުރިޖު، ޓީވީ، ދޮންނަމެޝިން އަދި މިނޫންވެސް މިފަދަ ކުނިތައް އެހެން އެއްވެސް ކުންޏަކާ އެކުވެގެން ނުވާނެއެވެ. އަދި މިފަދަ ކުނި އުކާލަންވާނީ އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ކަނޑައަޅައިފައިވާ ދުވަސްތަކުގައި އެ ކައުންސިލަކުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ.

އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތައް ވެސް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގެ ހިދުމަތްދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެކި ތަންތަނުން ކުނި ނަގައިގެން ގެންދަންވާނީ ގަވާއިދުގައިވާ ގޮތަށް ބައިބަޔަށް ކުނި ވަކިކޮށްފައި ހުންނަ ގޮތަށް އެއްބައި އަނެއްބަޔާ އެއް ނުވާނެހެން ވަކިންނެވެ.

އޭގެ އިތުރުން އަތޮޅުތެރޭގައި އެ ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމުގައި އަމަލުކުރަންވާނީ އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށެވެ. އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކާއި ރިސޯޓުތަކުން އުފައްދާ ކުނި އެ ރަށަކުން ބޭރުކޮށް އެ ރަށާ އެންމެ ކައިރީގައި ގާއިމުކޮށްފައިވާ ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒަކަށް ގެންދަންވާނީ ވެސް ބައިބަޔަށް ކުނި ވަކިކޮށްގެން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ވަކި އަދަދުތަކަކުން ޖޫރިމަނާކުރުމަށް ވެސް ވަނީ ނިންމައިފައެވެ. ކުނި ވަކި ނުކުރާ ގޭބިސީތައް ފުރަތަމަ ފަހަރު 300 ރުފިޔާ އިން ޖޫރިމަނާކުރާ އިރު، އެއަށްވުރެ ގިނަ ފަހަރު އެ ކުށް ތަކުރާރު ކުރާ ނަމަ އެއިން ކޮންމެ ފަހަރަކު 500 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ކައުންސިލުތަކާއި ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި ސަފާރީތަކާއި ދައުލަތުގެ އިދާރާތަކުން ކުނި ވަކި ނުކުރާ ނަމަ އެ ފަރާތެއް ފުރަތަމަ ފަހަރު ޖޫރިމަނާ ކުރުމަށް ނިންމާފައިވަނީ 500 ރުފިޔާ އިންނެވެ. އެ ކުށް ތަކުރާރު ކުރާ ދެވަނަ ފަހަރު 700 ރުފިޔާ އިން ޖޫރިމަނާކުރާ އިރު، އެއަށްވުރެ ގިނައިން ތަކުރާރު ކުރާ ނަމަ 1000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ސިނާއީ ރަށްތަކާއި ރިސޯޓުތަކުން ކުނި ވަކި ނުކުރާ ނަމަ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރުމަށް ނިންމާފައިވަނީ 1000 ރުފިޔާ އިންނެވެ. އެ ކުށް ތަކުރާރު ކުރާ ދެވަނަ ފަހަރު 1500 ރުފިޔާ އިން ޖޫރިމަނާކުރާ އިރު، އެއަށްވުރެ ގިނައިން ތަކުރާރު ކުރާ ނަމަ 2000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.