ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.
ހެނދުނު 9:00ގައި ފަށާ މަޖިލިސް ނިންމާލުމަށް ހަމަޖެހިފައި އޮންނަނީ 2:00 ގަ އެވެ.
ނަމަވެސް ތަޅުމުގައި ކުރާނެ މަސައްކަތް ނެތުމުން އިއްޔެ ފެށި މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ ވެސް 12 ޖަހަން ކައިރި ވެފައި ވަނިކޮށް ނިންމާލާފަ އެވެ.
މިއަދުގެ ޖަލްސާ އަށް އޮތީ ތިން ބިލެއްގެ މަސައްކަތް އެޖެންޑާ ކޮށްފަ އެވެ. އެއީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތިން ބިލަކަށް ބަހުސް ކުރުމެވެ. ފުރަތަމަ ބިލަކީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހަޅުއްވާފައިވާ، ޖަނަވާރުގެ ސިއްހަތާބެހޭ ބިލެވެ. ދެވަނަ ބިލަކީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް ބަހުސް ކުރުމުގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާފައިވާ އުފަންވުމާއި މަރުވުން ރަޖިސްޓްރީކުރުމާއި ބެހޭ ބިލަށް ބަހުސް ކުރުމެވެ.
ތިން ބިލަށް ބަހުސް ކުރުމަށް އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދެއްވުމަށްފަހު ތަޅުމަށް އިތުރު މަސައްކަތެއް ފޮނުވާފައި ނެތުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މަޖިލިސް ނިންމަވައިލައްވައިފަ އެވެ.
"މިއަދުގެ ތަޅުމުގައި ކުރަން ހަމަޖެހިފައިވާ މަސައްކަތް މި ނިމުނީ،" އީވާ އަބްދުﷲ ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާ ނިންމާލި ނަމަވެސް ކޮމެޓީތަކުގެ މަސައްކަތް ކުރިއަށްދާކަން އީވާ ފާހަގަކުރެއްވި އެވެ.
ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން މަޖިލީހުގެ ޖަލްސާތައް އިއްޔެއާ މިއަދު ނިންމާލި ނަމަވެސް، ސަރުކާރުގެ ފަރާތުން 32 ބިލެއް މި ދައުރަށް ހުށަހެޅުމަށް ގަސްދުކޮށްފައިވާ ކަމަށް އިއްޔެ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު