ޖިންސީ ކުށުގެ ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން ވަކިކުރުމަށް އެ ޕާޓީގެ ސްލޫކީ ކޮމެޓީއަށް ހުށަހަޅައިފިއެވެ.
ޕާޓީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އަލީ ވަހީދަށް އެންގެވުމުންވެސް އިސްތިއުފާ ދެއްވާފައިނުވާތީ، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މީގެ ކުރިން އޮތީ ކައުންސިލަށް ހުށަހަޅައިފައެވެ. ނަމަވެސް އެކަމަށް އަހަރެއް ވެގެން ދިޔައިރުވެސް ގޮތެއް ނުނިންމައެވެ.
އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން ވަކިކުރުމުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހެޅީ ރޭ އޮތް އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި އެ އޮފީހުގެ 15 އަންހެނުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހަތް ދައުވާއެއް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދު ވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް އަޑުއެހުމެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.
ނަމަވެސް ރާއްޖޭގެ ގާނޫނީ ބާރު ނުހިނގާ ތަނެއްގައި ހުރެގެން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އަދި އޭނާ މިހާރު ހުރި ތަނެއް އިދާރާތަކަށް ޔާގިންވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު