ހުޅުމާލޭ ޓޭބަލް ޓެނިސް (ޓީޓީ) ހޯލަށް، ދިވެހި ކުޅުންތެރިން ގާތަށް، ގްރީސްގެ އެއް ނަންބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ޕެނަޖިއޯޓިސް ޖިއޯނިސް އައުން ވެގެން ދިޔައީ ޓީޓީ އާއިލާއަށް ބޮޑު ޝަރަފަކަށެވެ. ޕެނަޖިއޯޓިސްއާއެކު ރާއްޖޭގެ ޓީޓީ ކުޅުންތެރިން ކުޑަ ވަގުތު ކޮޅެއް ހޭދަކޮށްލާފައިވާއިރު، އޭނާގެ ނަސޭހަތް ސާފެވެ. ތަޖުރިބާގެ އަލީގައި ބުނި ކޮންމެ ވާހަކައަކީވެސް ކުޅުންތެރިންގެ ކުރިމަގަށް ޓަކައި ހަނދާނުގައި ބަހައްޓަން ޖެހޭނެ ހެޔޮ ބަހެކެވެ. އުމުރުން 41 އަހަރު ޕެނަޖިއޯޓިސް ވަނީ މުހިއްމު މެސެޖުތަކެއް ދީފައެވެ.

އިއްޔެގެ އިވެންޓްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތަމޫހު އަހުމަދު ސައީދު (ތަމޫ) އާއި ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) އަދި ނައިބު ރައީސް، ކުރީގެ ޗެމްޕިއަން ކުޅުންތެރިޔާ ޝިއުރީ އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޅުންތެރިންނާ ވާހަކަ ދައްކަމުން ޕެނަޖިއޯޓިސް ބުނީ ކުޅިވަރެއްގައި ކުރިއަށްދިއުމުގެ މައިގަނޑު މަސައްކަތަކީ "ފޯކަސް ގެއްލުވައިނުލައި އަމިއްލަ ނަފުސަށް ކުރާ އިތުބާރާ އެއްވަރަށް ޕްރެކްޓިސް ކުރުން" ކަމަށެވެ. ރާއްޖޭގެ ކުޅުންތެރިންނާ އެކު ހޭދަކުރި ވަގުތުތަކުގައި ފެނުނު މަންޒަރަށް ބަލައި އެއްޗެއް ބުނާކަމަށް ވާނަމަ ކޯޗު ކޮންސްޓަންޓީނޯސްގެ މަސައްކަތުގެ ކުރިއެރުން ފެންނަ ކަމަށް ޕެނަޖިއޯޓިސް ބުންޏެވެ.

"ރަނގަޅު ކޯޗަކާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަމާ އެކު ފޯކަސް ކޮށްގެން ޕްރެކްޓިސް ކުރާނަމަ ކުރިއަރާނެ. ކުޅިވަރުން ކުރިއަށް ދިއުމަކީ ހަަމައެކަނި ހުނަރު ހުރެގެން ވާ ކަމެއް ނޫން. ވަރަށް ގިނަ ވަގުތު ރަނގަޅަށް މަސައްކަތް ކޮށްގެން ޕްރެކްޓިސް ކުރަން ޖެހޭނެ،" ފަސް އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ޕެނަޖިއޯޓިސް ބުންޏެވެ.

ފަސް ފަހަރު އޮލިމްޕިކްސްގައި ވާދަކޮށް، ހަވަނަ ފަހަރަށް ވާދަކުރުމަށް ގްރީސްގެ އެތަންސް އަށް އުފަން ޕެނަޖިއޯޓިސް ދަނީ ތައްޔާރުވަމުންނެވެ. ޅަ އުމުރުގައި ޓީޓީގެ ކެރިއަރު ފެށުން އެއީ ޕެނަޖިއޯޓިސްގެ ކާމިޔާބީއެވެ. ކެރިއަރުގައި ކުރިއަށްދާން ބަލާއިރު އަބަދުވެސް ރަނގަޅު ހިޔާލުދޭނެ އެހީތެރިން ބޭނުންވާނެ ކަމަށް ޕެނަޖިއޯޓިސް ވަނީ ބުނެފަ އެވެ.

"އުމުރުން 16 ނޫނީ 17 އަހަރުގައި އަހަރެން ކުޅުން ހުއްޓާލަން ވެސް ހިތަށް އެރި. އެކަަމަކު ރަނގަޅު ގޮތް ބުނެދޭނެ މީހުން ތިބީމަ ކުރިއަށް ދެވުނީ. އަހަރެން ދޭނެ ނަސޭހަތަކީ ފޯކަސް ކޮށްގެން އަމިއްލަ ނަފުސަށް އިތުބާރު ކޮށްގެން ކަންކަން ކުރަންވީ،" 2014 އަހަރުގެ ނޮވެމްބަރު މަހު ދުނިޔޭގެ ރޭންކިންގެ 18 ވަނައިގައި އޮތް ޕެނަޖިއޯޓިސް ބުންޏެވެ.

ޕެނަޖިއޯޓިސް ބުނީ އެންމެ މުހިއްމީ އެންމެ އަވަސް ވެގެން އުމުރުން ހަ އަހަރުގައި ޕްރެކްޓިސް ކުރަން ފެށުން ކަމަށެވެ. އަދި 10 އަހަރަށް ވުރެ ލަސްކޮށްލައިގެން ކުޅެން ނުކުމެއްޖެނަމަ ރަނގަޅު ވަގުތުގައި ބޭސިކް ކަންކަން ދަސް ނުވެ، ދިގު ކެރިއަރަށް ކޮންމެ ވެސް ވަރަކަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއަށް ގެންދަން އެސޯސިއޭޝަނުން ކުރާ މަސައްކަތުގެ އެންމެ ބޮޑު ބައިވެރިއަކަށްވާނީ މަސައްކަތް ކުރާނެ ރަނގަޅު ކުޅުންތެރިން ތިބުން ކަމަށް ޕެނަޖިއޯޓިސް ވަނީ ބުނެފަ އެވެ. އަދި އެކަން ކުރެވޭނީ ކެތްތެރިކަމާ އެކު ހުނަރު ތަރައްގީ ކުރަން ދަންނަ އަދި ޓޭބަލް ޓެނިސް ވެސް ރަނގަޅަށް އެނގޭ ކޯޗަކާ އެކު އެވެ.

ޕެނަޖިއޯޓިސް ބުނީ އެކަން ކުރެވޭނެ ގާބިލުކަން ރާއްޖޭގެ ކޯޗު ކޮންސްޓަންޓީނޯސްގެ ކިބައިގައި އެބަހުރި ކަމަށާއި އޭނާގެ މަަސައްކަތުން އެ މަންޒަރުތައް ފެނިފައިވާ ކަމަށެވެ.