ބާސެލޯނާގެ މާލީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ކްލަބުގެ ގިނަ ކަންތައްތައް އޮތީ ބޮއްސުންލައިގެން ގޮސްފައި ކަމަށް ކްލަބުގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

ބާސާގެ ދަރަނީގެ ހާލަތު ހާމަކޮށް، އެކަންކަމުގެ ތަފުސީލީ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރުމަށް އިއްޔެ ވަނީ ދިގު ޕްރެސްއެއް ބާއްވައިފައެވެ. އެ ޕްރެސްގައި ލަޕޯޓާ ފުރަތަމަވެސް ފާހަގަކުރައްވާފައި ވަނީ ކްލަބަށް ދިގުލައިގެން ދާ ގޮތަށް ވަމުންދާ ގެއްލުމުގެ ވާހަކައެވެ. އޭނާ ފާހަގަކުރެއްވީ ބާސާއަށް ލިބެމުންދާ އާމްދަނީއަށްވުރެ އިތުރަށް ކުޅުންތެރިންގެ މުސާރައަށް ހަރަދުވާ ކަމަށެވެ.

ލަޕޯޓާ ފާހަގަކުރެއްވިގޮތުގައި ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމިއޫގެ ކަންކަން ހުރި ގޮތުން، ލިއޮނަލް މެސީ ކްލަބުގެ ކޮންޓްރެކްޓް އާކުރި ނަމަ، ލިބޭ ފައިދާގެ އިތުރުން އިތުރު 10 ޕަސެންޓް ގެއްލުމުގެ އަދަދެއް އާމުދަނީގެ މުސާރަ ގޮތުގައި ހަރަދުވާނެ ކަމަށެވެ.

ލަޕޯޓާ ފާހަގަކުރެއްވީ ވާދަވެރި ކްލަބުތަކުގެ މުސާރަ، ބާސާއަށްވުރެ 20-25 ޕަސެންޓް ކުޑަ ކަމަށާއި، ފުރަތަމަވެސް ކްލަބާ ހަވާލުވެ ކުރަން ޖެހުނު ކަމަކީ ލޯނެއް ނެގުން ކަމަށެވެ.

"ކްލަބާ ހަވާލުވެ ފުރަތަމަ ވެސް މި ޖެހުނީ 80 މިލިއަން ޔޫރޯގެ ލޯނަކަށް ދާން. އެ ލޯނު ނުނެގިނަމަ ކްލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދެވޭނެ. ކުރިން ބާސާގައި ވެރިކަން ކުރި ފަރާތުން ވަނީ އެތައް އޮޅުވާލުމެއް އޮޅުވާލައި، ބޮޑެތި ދޮގުތަކެއް ހަދާފައި. ބާސާގެ ދަރަނި މިހާރު ވަނީ 1.15 ބިލިއަނަށް އަރާފައި. ދަރަނީގެ ކަންކަން ދާ ގޮތުން ބާސާގެ ކުރިމަގު ވަނީ ބަނަވެފައި. ކްލަބު އޮތީ ފުނޑާލާފައި،" ލަޕޯޓާ ވިދާޅުވިއެވެ.

ފައިސާގެ އެ ކަންކަން ކުރީގެ ރައީސް ބާޓެމިއު ވަނީ ތަކުރާރުކޮށް ދިފާއުކޮށްފައެވެ. އޭނާ ވިދާޅުވެފައި ވަނީ އިސްތިއުފާ ދޭން ނުޖެހުނު ނަމަ، ކްލަބުގެ ކަންކަން ހަމައަކަށް އަޅުވަން ވަގުތު ލިބުނީސް ކަމަށާއި، މެސީވެސް ކްލަބުގައި މަޑުކުރުވުމަށް ހާއްސަ ޕްލޭނެއް ގެންގުޅެމުން އައި ކަމަށެވެ.

މިހާރުގެ ރައީސް ލަޕޯޓާ ވަނީ ވަރަށް ހަރުކަށިކޮށް ބާޓެމިއުގެ ކަންކަން ބަލާނެ ކަމަށް އިއުލާން ކުރައްވައިފައެވެ. އެގޮތުން ފައިސާގެ ޖަރީމާތަކުން ސަލާމަތް ނުވެވޭނެ ކަމަށް ވަނީ އަންގައިފައެވެ.