އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم އެކަލޭގެފާނުގެ ރިސާލަތުގެ ދަޢުވަތާއިގެން ތެދުވެވަޑައިގެންނެވީ، މީލާދީން 610 ވަނައަހަރުއެވެ. އެ ދަޢުވަތަކީ ޝިރުކު ނައްތައިލައްވައި އެއްކައުވަންތަކަން ޤާއިމުކުރެއްވުމުގެ ދަޢުވަތެކެވެ. ޤަބީލާތަކެއްގެ އަރާރުމާއި ވާދަވެރިކަމާއި ތަކައްބުރު ނައްތައިލައްވައި، އެއްބަނޑުއެއްބަފައިކަމުގެ ނިޒާމެއް ބިނާކުރެއްވުމުގެ ދަޢުވަތެކެވެ. ބައިބައިވެފައިތިބި ހަރުކަށި ބަޔަކު އެއްބައިވަންތަ ކުރައްވައި، ޤާނޫނުތަކަށް ބޯލަންބުވައި، ދުސްތޫރީ އަދި ޖުމްހޫރީ ނިޒާމެއް ޤާއިމުކުރެއްވުމުގެ ދަޢުވަތެކެވެ. ނިދައިފައި އޮތް ޢިލްމީ ފިކުރުތައް ހޭލައްވައި، ހަރަކާތްތެރި ކުރެއްވުމުގެ ދަޢުވަތެކެވެ. ޖާހިލުކަމުގެ އަނދިރީގެ ތެރެއިން ޢިލްމާއި މަޢުރިފާގެ އަލިކަމުގެ ތެރެއަށް އިންސާނިއްޔަތު ނެރުއްވުމުގެ ދަޢުވަތެކެވެ. ނިމިފައިހުރި އަޚުލާޤީ އަގުތަކުގެ ދަންމަރުތައް އަލުން ދިއްލައިލެއްވުމުގެ ދަޢުވަތެކެވެ. އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީގޮތުން ފައިދަށުލެވި އަޅުވެތިކުރެވިފައިތިބި ފަންތިތަކަކަށް މިނިވަންކަމާއި ހަމަހަމަކަމުގެ ސުވަރުގެއެއް ހޯއްދަވައިދެއްވުމުގެ ދަޢުވަތެކެވެ.

އިސްލާމްދީނުގެ ނަބިއްޔާ މިދެންނެވި ދަޢުވަތާއިގެން ކުރިޔަށް ވަޑައިގަތުމުގައި އިޚުތިޔާރުކުރެއްވީ ދަލީލުތަކުގެ ޒަރީޢާއިން އިންސާނީ ހިތްތައް ފަތަޙަކުރެއްވުމުގެ މަގެވެ. ހެޔޮނަސޭހަތްޕުޅާއި، ވަޢުޡާއި އިރުޝާދު ދެއްވުމުގެ މަގެވެ. ބޭނުންފުޅުވާ ނަތީޖާ ފެނިވަޑައިގަތުން ލަސްވަމުން ދިޔައިރުވެސް، ކެތްތެރިވެވަޑައިގަތުމުގެ މަގެވެ.

ނަމަވެސް، އެދުވަސްވަރު މައްކާގެ ވެރިކަމުގައި ތިބި ކިބުރުވެރި ބޮޑުން އެ ދަޢުވަތު މާނަކުރީ، އެބައިމީހުންނާއި އެބައިމީހުންގެ ވަންހަތަކުގެ ވެރިކަމަށް ކުރެވުނު ތަޙައްދީއެއް ކަމުގައެވެ. އެހެންކަމުން، މައްކާގެ ޖާހިލިއްޔަތުގެ ބޮޑުން ސާހިބުން އިތުރު ސާހިބާގެ ހެޔޮކަމުގެ ދަޢުވަތާ ކުރިމަތިލީ، އިންތިހާދަރަޖައިގެ ދެކޮޅުވެރިކަމާ އެކުގައެވެ. ހައްދެއްނެތްފަދަ އަނިޔާވެރިކަމާއި ގަދަބަދަވިކަމާ އެކުގައެވެ. އިތުރު ސާހިބާއަށާއި އެކަލޭގެފާނުގެ މިތުރު ޞަޙާބީންނަށް އިންސާނީ ހަމްދަރުދީގެ ލަގޮނޑި ފަޅައިގެންދާވަރުގެ އިހާނެތި އަނިޔާތައް ކުރިމަތިކުރުވިއެވެ. ނަމަވެސް، ނަބަވީ ގޮތްކޮޅަކަށް ހެއްދެވީ އަނިޔާވެރީންނަށް މާފުކުރައްވައި އެބައިމީހުންނަށް ހެޔޮދުޢާ ކުރައްވަމުން ދީނީ ދަޢުވަތުގެ ސިލްސިލާ ކުރިޔަށް ގެންދެވުމެވެ.

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އެކަލޭގެފާނުގެ ޞުލްޙަވެރި ދަޢުވަތުގެ މަސައްކަތްޕުޅުގައި ދެމިހުންނެވީ ފަރުބަދައެއްފަދަ ސާބިތުކަމާ އެކުގައެވެ. އެގޮތުގައި ދެމިހުންނަވައި ކުރައްވަމުން ގެންދެވި އިޚުލާޞްތެރި މަސައްކަތްޕުޅުގެ ހެޔޮނަތީޖާ މަޑުމަޑުން ފެންނާން ފެށިއެވެ. އެކަލޭގެފާނުގެ ފިކުރީ އިންޤިލާބުގެ ދަޢުވަތަށް ފާޅުގައި ތާއީދު ނުކުރިކަމުގައިވިޔަސް، އެ އިންޤިލާބާމެދު އެތައްބަޔެއްގެ ހިތް މަޑުވިއެވެ. އެ އިންޤިލާބަށް ހަމްދަރުދީވާ އެތައްބަޔަކު އުފެދުނެވެ. އިތުރު ސާހިބާގެ މަތިވެރިކަމާއި ތެދުވެރިކަމަށް ހިތުގެ ފުންމިނުން އިޢުތިރާފުވާ މީހުން ގިނަވާން ފެށިއެވެ.

މައްކާގެ މުޝްރިކުންގެ ޒަޢީމުންނަށް މި ޙަޤީޤަތް އޮޅުންފިލިވަރަކަށް، އެބައިމީހުންގެ ރުޅިގަދަވިއެވެ. އަނިޔާވެރިކަން އިތުރުވިއެވެ. އެހެންކަމުން، މައްކާގެ ބޭރުން އިސްލާމްދީނަށް ނަޞްރުދޭނެ އަންޞާރުންނާއި މަދަދުގާރުން ހޯއްދަވަން އިތުރު ސާހިބާ ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު އިތުރު ކުރެއްވިއެވެ.

ނިޔާފުޅުގައި ކަނޑައެޅިފައިވާ ވަގުތު އައުމާއެކު، މަދީނާގެ އައުސުވަންހައާއި ޚަޒުރަޖުވަންހަޔަށް ނިސްބަތްވާ ހަތްބޭކަލަކާ އިތުރު ސާހިބާއާ ބައްދަލުވެވަޑައިގެންނެވިއްޖެއެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އެބޭކަލުންނަށް އިސްލާމްދީނަށް ގޮވައިލެއްވިއެވެ. އެބޭކަލުން ހިތްޕުޅުގެ އަޑީން އިސްލާމްދީން ގަބޫލު ކުރައްވައިފިއެވެ. މަދީނާގައި އިސްލާމްދީނުގެ ދަޢުވަތު ފެތުރުއްވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެންފިއެވެ. ވިދިގެން އައިއަހަރު މަދީނާގެ ބާރަބޭކަލަކު މައްކާއަށް ވަޑައިގެން، އިތުރު ސާހިބާގެ އަތްޕުޅުމައްޗަށް ބައިޢަތު ހިއްޕެވިއެވެ.

ނަބީކަމުގެ ތޭރަވަނަ އަހަރުގެ ޙައްޖު މޫސުމުގައި މަދީނާގެ އަންޞާރުންގެ ހަތްދިހައަށްވުރެ ގިނަބޭކަލުންނާއި ބޭކަނބަލުން މައްކާއަށް ވަޑައިގެން ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަތްޕުޅުމައްޗަށް ބައިޢަތު ހިއްޕެވިއެވެ. އަދި ކީއްތޯއެވެ. އިތުރު ސާހިބާއަށް އެބޭކަލުންގެ ޙިމާޔަތުގެ ޔަގީންކަން އަރުއްވައި މަދީނާއަށް ވަޑައިގަތުމުގެ ދަޢުވަތު އެރުއްވިއެވެ. މިއީ އިސްލާމްދީނާއި މުސްލިމުންނަށް ހިޔާވަހިކަމުގެ މަރުކަޒެއް ލިބުމުގެ ފެށުމެވެ. މުސްލިމުންގެ ސިޔާސީ އިޖުތިމާޢީ އިޤުތިޞާދީ އާރާއި ބާރުގެ މަރުކަޒަކަށް މަދީނާ ހަމަޖެހިގެން ދިޔުމުގެ މުޤައްދިމާއެވެ.

ޙައްޤުގެ ދަޢުވަތު ފެތުރުއްވުމަށްޓަކައި މަދީނާގައި އެކަށޭނަ ވެއްޓެއް ޤާއިމުވުމާއެކު، މައްކާގައި އަނިޔާ ލިބިވަޑައިގަންނަވަމުންދިޔަ ޞަޙާބީންނަށް މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ހުއްދަ ދެއްވައިފިއެވެ. މަދީނާގެ އަންޞާރުން މުހާޖިރުންނަށް ވިދާޅުވަމުން ގެންދެވީ، ތާރީޚު އަންތަރީސްވި މަރުޙަބާއެކެވެ. އަންޞާރުން މުހާޖިރުންނަށް އަދާކުރެއްވި މެހުމާންދާރީއަކީ ދުނިޔެ ދުވަހަކުވެސް ދެކެފައިނުވާފަދަ ދީލަތި މެހުމާންދާރީއެކެވެ. މުސްލިމުން ތަބާވާންޖެހޭ ނަމޫނާ މެހުމާންދާރީއެކެވެ.

މަދީނާގެ މަސްރަޙު އިސްލާމީ ފަތިހަކަށް ފުރިހަމަޔަށް ތައްޔާރުވުމުން، އަރަހުށި މާތް اللّـه އެކަލާނގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم އަށް މަދީނާއަށް ހިޖުރަކުރެއްވުމުގެ ހުއްދަ ދެއްވައިފިއެވެ.

رسـول اللّـه صلّــى اللّـه عليـه وسلّـم މައްކާއިން ނުކުމެވަޑައިގެންނެވި ޚަބަރު، މަދީނާގެ އަންޞާރުންނަށް ލިބިވަޑައިގެންނެވުމާއެކު ހީވީ މަދީނާއަށް އުފާވެރިކަމުގެ އީދެއް އައިހެންނެވެ. މަދީނާގެ އަންޞާރުން ކޮންމެ ދުވަހަކު ފައިއިނދޭ ފުރައިން ރަށްބޭރަށް ނުކުމެވަޑައިގެން އެބޭކަލުންގެ ލޮބުވެތި ސާހިބާގެ ނޫރާނީ މޫނުފުޅު ދެކެވަޑައިގެންނެވުމުގެ އިންތިޒާރުގައި ތިއްބަވައެވެ. ކޮންމެ ދުވަހަކުވެސް އަވިގަދަވެ ކެތްނުކުރެއްވޭވަރު ވަންދެން އަންޞާރުން އެގޮތުގައި ތިއްބަވައެވެ.

رسـول اللّـه صلّــى اللّـه عليـه وسلّـم މަދީނާގެ ރަށްބޭރުގެ އަވަށެއްކަމުގައިވާ ޤުބާއަށް ވަޑައިގެން އެއަވަށުގައި މަޑުކޮށްލެއްވިއެވެ. އެކަލޭގެފާނު މަދީނާއަށް އަރައިވަޑައިގެންނެވި ދުވަހަކީ މަދީނާގެ ތާރީޚު ދުވަހަކުވެސް ދުށް އެންމެ އުފާވެރި، އެންމެ ރަންކުލަގަދަ އަކުރުން ފަވައިލެވޭ ދުވަހެވެ. އިތުރު ސާހިބާއަށް މަރުޙަބާ ވިދާޅުވާން ޤުބާއިން ފެށިގެން މަދީނާއާ ހަމަޔަށް އަންޞާރިއްޔަ ބޭކަލުން ސަފުހައްދަވައިގެން ތިއްބެވިއެވެ. ކޮންމެ ވަންހައެއްގެ ގެތަކަކާ ހަމަޔަށް ވަޑައިގެންނެވޭއިރަށް، އެވަންހައެއްގެ ބޮޑުން ކުރިޔަށް ނުކުމެވަޑައިގެން ވިދާޅުވެއެވެ. މިގެއަށް ވަޑައިގަންނަވާށެވެ. އަޅުގަނޑުގެ ގެއަށް ފައިބައިވަޑައިގަންނަވާށެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ހިނިވަރުނަކުރައްވަމުން އެބޭކަލުންނަށް ހެޔޮދުޢާ ކުރައްވަމުން ކުރިޔަށް ވަޑައިގެންނެވިއެވެ. އިތުރު ސާހިބާގެ ކާފާކަލުންގެ މައިފުށުގެ ޢާއިލާ ކަމުގައިވާ ނައްޖާރުވަންހައިގެ ބޭކަލުން ޚާއްޞަ ލޯބިފުޅަކާއި ޝައުޤުވެރިކަމަކާއެކު ސުވާސްތި ވިދާޅުވަމުން ގެންދެވިއެވެ. އަންހެނުންނާއި ތުއްތު ކުދީން ގޭގޭގެ ފުރާޅުމަތީން ތަހުނިޔާގެ ލަވަތައް ވިރުވައި އަޅަމުން ގެންދިޔައެވެ. މުޅި މަދީނާގެ ޖައްވު ގުގުމަމުންދިޔައީ، އަންނަނިވި ތަރާނާގެ އަޑުންނެވެ.

(طـلـع البـدر عـلينـا مـن ثـنـيـات الــوداع، وحب الشكـر عـلينـا مـادعـى للّـه داع

أيـهـا المـبعــوث فيـنــا جئت بـالأمــر المطـاع جئت شـرفـت المـديـنــة مــرحبـأ يـاخيــر داع)

ޚާއްޞަކޮށް ނައްޖާރުވަންހައިގެ ތުއްތު އަންހެންކުދީން ދަފުޖަހައިފައި އަންނަނިވި ލަވަކިޔަމުން ގެންދިޔައެވެ.

نحــن جــوار مــن بـنـى نجّــار يـاحـبّـذا محمّدامــن جــار

ތުއްތުކުދީންދެކެ ނުހަނު ލޯބިފުޅުވާ ނަބިއްޔާ އެކުދީންގެ ތާހިރު ޖަޒުބާތަށް ލޯބިފުޅާއެކު މަރުޙަބާ ވިދާޅުވިއެވެ. އެކުދީންނާ ބަސްފުޅު ވިދާޅުވެ، އެމާތް ސާހިބާ އެކުދީންދެކެ ލޯބިފުޅުވެވަޑައިގަންނަވާ ވާހަކަ ވިދާޅުވިއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ފައިބައިވަޑައިގެންނެވީ، أبــو أيّــوب الأنـصـارى رضى اللّـه عـنــه ގެ ގެކޮޅަށެވެ. އަމިއްލަފުޅު ވަޒަނެއްކަމުގައި ހެއްދެވީ مسجدالـنّـبــوى އާ އިންވެގެން ހެއްދެވި ސާދާ ކޮޓަރިކޮޅުތަކެވެ.

(ނުނިމޭ)