މި އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާ ރާވައި ހިންގި ފަރާތްތައް ހައްޔަރު ނުކުރެވެނީސް ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާ ކަމަށާއި، ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ޗުއްޓީ އިތުރުކޮށްދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.

މި އަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފައްޓަވައިދެއްވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މުހައްމަދު ނަޝީދު ފޮނުއްވި އެ ސިޓީފުޅު މަޖިލީހަށް އިއްވަވައި ދެއްވީ އަމީން އާއްމު ފާތިމަތު ނިއުޝާ އެވެ. އެ ސިޓީގައި ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ، ރާއްޖެއިން ބޭރުގައި ހުންނެވުމުގެ އިޒުނަ ދެއްވައި ޗުއްޓީ އިތުރުކޮށްދިނުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ، އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާ ރާވައި ހިންގި ފަރާތްތައް ދޫވެފައި ތިބުމެވެ.

"ހައެއް މޭ 2021 ވަނަ ދުވަހު އަޅުގަނޑަށް ދިން ހަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމި ކުރިއަށްދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނޭ. އެ ތަހުގީގު ނިމި އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރުކުރުމުގެ ކުރީގައި އަޅުގަނޑު ރާއްޖެ ދިއުމަކީ އަޅުގަނޑުގެ އާއިލާއާއި އަޅުގަނޑަށް ހެޔޮއެދޭ އެތައްބައެއް އަދި އަޅުގަނޑު ވެސް ޖެހިލުންވާ ކަމެއް،" ރައީސް ނަޝީދުގެ ސިޓީގައިވެ އެވެ.

އެހެން ކަމުން ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ، ޗުއްޓީގެ މުއްދަތު އިތުރުކޮށްދީ، ރާއްޖެ އިން ބޭރުގައި އެމަނިކުފާނު ދިރިއުޅުއްވުމަށް ހިތް ހަލާސް ކޮށްދެއްވުމަށެވެ.

އެމަނިކުފާނު ރާއްޖޭގައި ނެތް ނަމަވެސް މެންބަރުންގެ އިރުޝާދުގެ ދަށުން މަޖިލީހުގެ އެންމެހައި ކަންކަން ނައިބު ރައީސް އީވާ އަބްދުﷲ އާއި އިދާރާއިން ހިންގަވާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެ އިން ބޭރުގައި އެމަނިކުފާނު ދިރިއުޅުއްވި ނަމަވެސް މަޖިލީހާއި ދިވެހި ދައުލަތައް ހިދުމަތްކޮށްދިނުމުގައި ދެމި ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.